އަމާޒަކީ 2026 ވަނަ އަހަރު އަންނައިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި 610 މިލިއަން ޑޮލަރު ބެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ އެންމެ އަވަހަށްވެސް ބޮޑު ލޯނެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށާއި އެކަމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އެދުވަސް ޖެހުމުގެ ކުރިން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ފައިސާ ޖަމާވެފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދައުލަތުން ނަގާފައިވާ ދަރަނި ދެއްކުމުގައި ބޮޑު ރިސްކެއްނެތް. 2026 ވަނަ އަހަރު އަންނަ އިރުގައި އަޅުގަނޑުމެންގެ އަމާޒަކީ 9.4 ބިލިއަން ރުފިޔާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ބެހެއްޓުން. އެއީ 610 މިލިއަން ޑޮލަރު. އިރާދަކުރެއްވިއްޔާ އެއްވެސް ދައްޗެއްނެތި އެކަމަށް ވާސިލުވެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން އިގުތިސޯދަށް އައި ލޮޅުމުގެ ސަބަބުން އެކަންކަން ފޫބެއްދުމަށް ބޮޑެތި އަދަދުތަކުން ލޯނު ނަގަން ޖެހުނު ކަމަށާއި އެއީ ރިޒާވްގައި އެކަށީގެންވާ އަދަދަށް ފައިސާ ނެތުމުން ކަމަށެވެ.
އަޅުގަނޑުމެން އެއިރު އެންމެ އިސްކަމެއް ދިނީ ރައްޔިތުންގެ ފުރާނަ ސަލަމާތް ކުރުމަށް، ކުރެވެންހުރި ކޮންމެކަމެއް ކޮށްގެންވެސް. އެކަމަށްޓަކައި އަޅުގަނޑުމެން ފައިސާ ހޯދަންޖެހުނު. އޭރު ޖީޑީޕީގެ ނިސްބަތުން 152 ޕަސެންޓަށް ދަރަނި އެރި. އެހެން ނަމަވެސް މިއަދު ކުރެވުނު އިތުރު މަސައްކަތްތަކުގެ ސަބަބުން މިހާރު ވަނީ 113 ޕަސެންޓަށް ދަށްކުރެވިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިމަތިވި ގޮންޖެހުންތަކާއެކު ދަރަނި އިތުރަށް ނަގަން ޖެހުނު ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދަރަނީގެ ޖީޑީޕީ 100 ޕަސެންޓަށް ދަށްކުރުން ކަމަށެވެ. އަދި ދަރަނި ދައްކާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު