އެމަނިކުފާނުގެ ފޮޓޯއެއް ނުހުންނާނެކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވައި، ވަޒީރުގެ ފޮޓޯގެ ހަގީގަތް އެނގެނީ ކިހާވަރަކަށްތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު އުފައްދަވައިފިއެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި ހުންނެވި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރު އައިޝަތު ނަހުލާ އާއި ސަރުކާރު މަތީ ބޭފުޅުންތަކެއް ކަމަށް ތުހުމަތުކުރައްވައި އަހުލާގީ ގޮތުން ދަށްމިންގަނޑުގެ ފޮޓޯތަކެއް މިއަހަރު ތެރޭގައި ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އެފަދަ ފޮޓޯތަކެއް ނުހުންނާނެ ކަމަށެވެ. މިނިސްޓަރުން ކަމަށް ބުނެ އާންމުވި ފޮޓޯތަކުގެ ސައްހަކަން ކަށަވަރު ނުވާއިރު، އެ ބޭފުޅުންނާމެދު ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.

"ވަޒީރުންނާ ބެހޭގޮތުން ވަޒީރުންގެ ފޮޓޯތަކެއް ހާމަވެގެންދިޔަ ވާހަކަ ތިވިދާޅުވީ. ކިހާވަރެއްގެ ޔަގީންކަމެއްތޯ އޮތީ އެއީ އަސްލު ފޮޓޯތަކެއްކަމާ ދޭތެރޭ. އެއީ ނޫންތޯ ފުރަތަމަ ކަށަވަރުކުރަންޖެހޭ ކަމަކީ. މީހަކާ ދޭތެރޭގައި މިހާރު މީޑިއާގައި ސޯޝަލް މީޑިއާގައި ވަރަށް ތަފާތު ފޮޓޯތަކެއް އެހެން އެބަ ހާމަވޭ. އެހެންވީމާ އެއީ ސައްހަ އެއްޗެއްތޯ ނުބަލައި އަޅުގަނޑު ނުވާނެ މިހާކަ ދޭތެރޭ ފިޔަވަޅު އަޅާކަށް. ދެން ހަމަ ގައިމުވެސް އަޅުގަނޑަކަމާ ބެހޭ ގޮތަކުން އަޅުގަނޑުގެ ނުހުންނާނެ އެކަހަލަ އެއްވެސް ފޮޓޯއެއް. 100 ޕަސަންޓް ޔަގީންކަމެއް އެއީ" ރައީސް ވިދާޅުވިއެވެ.

ފޮޓޯތައް އާންމުވުމާއެކު އެ ފޮޓޯއިން ފެންނަ ފަރާތްތަށް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ. އަދި ރައީސް ސޯލިހުގެ ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވެފައިވާ މައްސަލަ ވެސް ބަލަން ވަނީ ގޮވާލައިފައެވެ.