ހަރަދުކުޑަކުރުމުގެ ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށާއި އެކަން ކުރިޔަށްއޮތް ތަނުގައި ފެންނަމުން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން 3.2 ބިލިއަން ރުފިޔާ ހަރަދުތައް ކުޑަކޮށްގެން ސަލާމަތް ކުރަން ރާވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރު 3.2 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެނަމަ، އެއަހަރު ތެރޭގައި އިގުތިސޯދަށް ދިމާވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން. މިއަންނަ އަހަރުގެ ތެރޭގައި އެކަން ތިބޭފުޅުންނަށް ތަންޒީފުވަމުން އަންނަތަން ފެނިގެންދާނެ. އާމްދަނީ އިތުރު ކުރުމަށް ކުރަނީ ކޮންކަމެއްތޯ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހަރަދުކުޑަކޮށްގެން 3.2 ބިލިއަން ރުފިޔާ ސަލާމަތްކުރަން ސަރުކާރުން ނިންމާފައިވާ ގޮތްތައް ވިދާޅުވެދެއްވައިފައެވެ. އެގޮތުން ސަބްސިޑީ ދިނުމަށް އަމަލުކުރާ ގޮތް ބަދަލުކުރުމަށާއި އާސަންދަ އާއި ޕޭ ހާމަނައިޒްކުރުމަށް ކުރިން ރާވާފައިވާ ގޮތް ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަންނަ އަހަރު ހަރަދުތައް ކުޑަކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތެރޭގައި ފިއުލް ސަބްސިޑީ ކުރުން އެބައޮތް. މިހާރަށްވުރެ ޑައިރެކްޓްކޮށް އެ ސަބްސިޑީ ދެވޭނެ ގޮތްތަތަކެއް އެބަ ރާވާ. އާސަންދައިން ވެސް ހަރަދުތަކެއް އެބަ ކުޑަކުރަން، އެއީ އާސަންދަ ވަކި ގޮތަކަށް ބަދަލުކުރެވޭތޯ މިދަނީ. ޕޭ ހާމަނައިޒޭޝަންއަށް ވެސް ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ އަޅުގަނޑުމެން ދެ ބިލިއަން ކުރިން ނިންމާފަ އޮންނާނީ މިއަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި. އެހެންނަމަވެސް އެވަރަށް އަޅުގަނޑުމެން ހަރަދެއް މިއަންނަ އަހަރު ނުކުރާނެ. ކަރަންޓް ސަބްސިޑީ ސީދާ ޑައިރެކްޓްކޮށް ދެވޭނެ ގޮތްތަކެއް އެބަ ރާވަން. މެޑިކަލް ކޮންޒިޔުބަލް ބަލްކް ކޮންޒިޔުމަބަލް ގެނައުމުން، ގަންނަން ފެށުމުން އޭގެއިން ވެސް ވަރަށް ބޮޑު ތަނެއް ސޭވް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޓޫރިޒަމް މިހާރަށްވުރެ ބޮޑަށް އެކްސްޕޭންޑް ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން ބަލަމުންދަނީ ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ރަށްތައް ތަރައްގީ ކުރުމަށްޓަކައި އިންވެސްޓަރުންނަށް ފުރުސަތު ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މަދު ސަރަހައްދުތަކުން ޓޫރިޒަމަށް އާ ރަށްތަކެއް ނެރުނު ނަމަވެސް އެ ރަށްތައް އިންވެސްޓަރުންނަށް ދޫނުކޮށް މަޑުކުރަނީ، މިހާރު ވެސް ގިނަ ރަށްތަކެއް ޓޫރިޒަމް ދޫކޮށް ނުހެދިފައި ހުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ ޓޫރިޒަމް ދާއިރާގައި ވަރަށް މުހިންމު ރޯލެއް އަދާކުރާތަނެއް ކަމަށެވެ. އަންނަ އަހަރުގެ ތެރޭގައި ވީއައިއޭގެ މަސައްކަތްތައް ނިމުނަސް، އާ ޓާމިނަލްގެ ހިދުމަތްތައް އަންނަ އަހަރުގެ ތެރޭގައި ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.