މަރު ކޮމިޝަންގެ ރިޕޯޓު ލީކު ވުމަކީ އެ ކޮމިޝަނުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވި އެއް ސަބަބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަރު ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ މަސައްކަތްތައް ކުރަމުންދަނިކޮށް، ޑްރާޕްޓް ރިޕޯޓުތަކެއް ލީކުވުމާ ގުޅިގެން މަސައްކަތްތަކަށް ހުއްޓުމެއް އައި ކަމަށެވެ.
"ކޮމިޝަނަށް ހަވާލުކުރި ބުރަ މަސައްކަތް ކުރަމުންދަނިކޮށް، އެ ދެ ކޮމިޝަންގެ މަސައްކަތަށް ހުއްޓުމެއް އައި. 2020 ވަނަ އަހަރު އައި އިރު، ކޮމިޝަނުން ތައްޔާރުކޮށްފައި އޮތް ޑްރާފްޓް ރިޕޯޓުތަކެއް އާންމުވުމާ ގުޅިގެން، މަސައްކަތްތަކަށް ބުރޫއެރީ. ހާއްސަކޮށް ޑީޑީކޮމްގެ މަސައްކަތް ގާތްގަނޑަކަށް އެބޭފުޅުން ވިދާޅުވާ ގޮތުން ވެއްޖެއްޔާ އެއް އަހަރަށް މެދުކެނޑިގެންދިޔަ. ސިއްރު ހެކީންނާއި މައުލޫމާތު ދޭން ތިބި ފަރާތްތައް ހާމަވެގެންދިއުމުގެ ސަބަބުން މައުލޫމާތު ހިއްސާކުރަން އެބޭފުޅުން ފަހަތަށް ޖެހުނު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކޮމިޝަނުން ބުރަ މަސައްކަތްތަކެއްކޮށް، ނަތީޖާތަކެއް ނެރެފައިވާ ކަމަށާއި މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ކޯޓުގައި މައްސަލަ މިހާރު ވެސް ހިނގަމުންދާ ކަމަށެވެ.
"އިތުރު ފަރާތްތަކަށް ދައުވާކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ. ކޮމިޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ދައުލަތުގެ އިދާރާތަކާ ގުޅިގެން އިސްލާހުކުރުމުގެ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރިއަށް އެބަދޭ. ރިޕޯޓުގައި ހިމެނޭ ގިނަ މައުލޫމާތުތަކަކީ އަޅުގަނޑުމެންނަށް ހިއްސާކުރެވެން ނެތް މައުލޫމާތުތަކެއް. އެއީ ވަރަށް ގިނަ ފަރާތްތަކަކީ ސިއްރު ހެކީންގެ ގޮތުގައި، ހެކި ބަސް ދީފައި ހުރި ފަރާތްތަކެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިތުރު މީހުންނަށް ދައުވާކުރުމާއި، މިހާރު ކޯޓުގައި އޮތް މައްސަލަތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑު ކާމިޔާބެއް ކޮމިޝަނުން މިހާރު ހޯދާފައިވާ ކަމަށާއި މައްސަލަ ކުރިއަށްދާ އިރު، ކޯޓަށް އެކަން ހާމަވާނެ ކަމަށެވެ.