ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބީޗް ވޮލީބޯލް ޓުއާގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅުނު ދެވަނަ މެޗުގައި ބޫޓާންވެސް ބަލިކޮށް، ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް، ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫ އަތުން 21-12، 21-12 އިން މޮޅުވެފައި އޮތް އިރު، ބޫޓާން ބަލިކޮށް ސެމީ ހޯދެން އޮތެވެ. ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށް ކުޑަކާއްޓޭ އާއި އެޑަމް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ 21-09، 21-09 އިން ސެޓުތައް ގެންގޮސްގެންނެވެ.
ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ސެމީ ޔަގީންކުރީ ބާކީ ގްރޫޕް ސްޓޭޖުގެ އެއް މެޗު އޮއްވައެވެ. ގްރޫޕްގެ ފަހު މެޗުގައި މާދަމާ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ނުކުންނާނީ ބަންގްލަދޭޝްގެ މޮންސޫރާއި ހައިދަރުގެ ޕެއާއާ ދެކޮޅަށެވެ.
ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި މި ފަހަރު ވާދަކުރާ ރާއްޖޭގެ ދެވަނަ ޕެއާ އަކީ ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާއެވެ. އެޕެއާއިން މިއަދު ހެނދުނު ކުޅުނު މެޗުން ވަނީ ބަންގްލަދޭޝްގެ ނޫރު ނަބީ އާއި ޝައިފުއްދީންގެ ޕެއާ އަތުން 21-09، 21-12 އިން މޮޅުވެފައެވެ. އެކަމަކު މެންދުރު ފަހު ނޭޕާލްގެ ސުނަރު އާއި މަންބަހާދުރު ޝްރެސްތާގެ ޕެއާއާ ދެކޮޅަށް ކުޅެ، ކޯކޭ އާއި ޝަމާއީލްގެ ޕެއާ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ، 21-17، 14-21 އަދި 09-15 އިންނެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުން ކޯކޭ އާއި ޝަމާއިލްގެ ޕެއާ އިން ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާ ބަލިކޮށްފިނަމަ، ސެމީން ޖާގަ ލިބޭނެއެވެ.
ރާއްޖޭގެ ބީޗްވޮލީގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ އިރު، ކޯޗު ވިނީޝިއުސް ޖޫނިއާ ހަވާލުވިފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދެ އެތުލީޓުންނަކީ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއެވެ. އެ ޕެއާއިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ސްރީ ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތާއި ކޮމަންވެލްތު ކޮލިފައިންގެ އިތުރުން، އިންގްލެންޑްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ދެއްކި ކުޅުން ފާހަގަކުރެވެއެވެ.