ރާއްޖޭގެ ކުރީގެ އެއްވަނަ މެރަތަން ދުވުންތެރިޔާ، ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ ދަރިފުޅު، ހަނާން ހުސައިން ހަލީމް ގައުމީ 100 މީޓަރު ބަޓާފްލައި ސްޓްރޯކްގެ ރެކޯޑު މުގުރާލައިފިއެވެ.

ތައިލަންޑްގައި ބޭއްވި ފީޑިން ފްރެންޒީ 2022 ފެތުމުގެ މުބާރާތުގައި އަންހެނުންގެ (ލޯންގް ކޯސް) 100 މީޓަރު ބަޓާފްލައި އިވެންޓުގެ ގައުމީ ރެކޯޑް ހަނާން މުގުރާލީ އޭނާ ފެތި އިވެންޓް، އެއް މިނެޓާއި 18.51 ސިކުންތުން ނިންމައިގެންނެވެ. ހަނާން މުގުރާލީ މެރާލް އައިން ލަތީފް މި އަހަރު ހަދާފައި އޮތް ރެކޯޑެކެވެ. އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި މެރާލް ރެކޯޑް ހެދީ އެއް މިނެޓް، 20.80 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ތައިލެންޑްގައި ތައުލީމު ހާސިލުކުރަމުންދާ ހަނާންއަކީ ޓްރެކް ދުވުންތަކުގައިވެސް ފާހަގަކޮށްލެވުނު އެތުލީޓެކެވެ. އޭނާގެ ބައްޕަ ކުޑަހުސެން މިހާރުވެސް ގިނަ ކުދިންތަކެއް ތަމްރީނުކުރަމުންދާ އިރު، ހަނާންގެ ރެކޯޑާއެކު ކުޑަހުސައިން ވަނީ ފޭސްބުކްގައި އޭނާގެ އުފާވެރި ޝުއޫރުތައް ފާޅުކޮށްފައެވެ.

"ހަނާންގެ އުމުރުން އެންމެ 14 އަހަރު ސީނިއާ ރެކޯޑެއް މުގުރާލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކޯޗު ޗާލީ، މުހައްމަދު ޒާހިދަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ސްވިމިން އެސޯސިއޭޝަންގެ އިތުރުން އެހީތެރިވެދިން އެހެނިހެން ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރެން އުމުރުން 18 އަހަރުގައި ފުރަތަމަ ގައުމީ ރެކޯޑެއް މުގުރާލެވުނު، މިއީ ހަނާންއަށް ވަރަށް ޝަރުފުވެރި ރެކޯޑެއް،" ކުޑަހުސެން ބުނެފައިވެއެވެ.