ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބީޗް ވޮލީބޯލް ޓުއާގައި ރާއްޖޭގެ ދެ ޕެއާ އިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި ރާއްޖޭގެ ދެ ޕެއާއެއް ވާދަކުރަމުންދާ އިރު، ފުރަތަމަ މެޗުގައި ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާއިން ނުކުތީ ބަންގްލަދޭޝްގެ ނޫރު ނަބީ އާއި ޝައިފުއްދީންގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ރާއްޖޭގެ ޝަމާއިލް އާއި ކޯކޭގެ ޕެއާއިން ކާމިޔާބުކުރީ 21-09، 21-12 އިން ސެޓުތައް ގެންގޮސް ގެންނެވެ.
ރާއްޖޭން މުބާރާތުގައި ވާދަކުރާ އަނެއް ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން މިއަދުގެ މެޗުގައި ނުކުތީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ސީދާ ދެ ސެޓުން ކުޑަކާއްޓޭއާއި އެޑަމްގެ ޕެއާއިން ގެންދިޔައީ 21-12، 21-12 އިންނެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން، އަށް ޕެއާއެއް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދާ ގޮތަށް މުބާރާތް ކުރިއަށްދާއިރު، ރާއްޖޭގެ ދެ ޕެއާއަށްވެސް މިއަދު އަދި އެއް މެޗު އެބަ އޮތެވެ. އެގޮތުން މެންދުރުފަހު ސެޝަންގައި ރާއްޖޭގެ ކޯކޭ އާއި ޝަމާއިލްގެ ޕެއާ ބައްދަލުކުރާނީ ނޭޕާލްގެ ސުނަރު އާއި ޝްރެސްތާގެ ޕެއާއާއެވެ. އަދި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ބައްދަލުކުރާނީ ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާއެވެ.
އެ މެޗުތަކުން ރާއްޖޭގެ ދެޕެއާއަށްވެސް ސެމީ ޔަގީން ކުރެވެން އެބަ އޮތެވެ.