ޗައިނާގެ އެޕަލް އައިފޯން އުފައްދާ ފެކްޓަރީގެ މައްސަލަތައް ބޮޑުވެ އައިފޯން އުފެއްދޭ މިންވަރު ދަށްވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގައި ހުޅުވާފައިވާ އައިފޯން ފެކްޓަރީގެ އައިފޯން އުފެއްދުން ތިންގުނަ އިތުރު ކުރުމަށް އެޕަލް ކުންފުނިން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެޕަލް ކުންފުނީން މަސައްކަތްކުރަނީ އިންޑިއާގައި އައިފޯނު އުފައްދާ މިންވަރު އިތުރުކުރުމާއި އެކު އެ އަދަދު ތިން ގުނައަށް އިތުރު ކުރުމަށެވެ. ސަބަބަކީ ޗައިނާގެ ފެކްޓަރީތަކަށް އިތުބާރު ގެއްލުމާއި އެކު ދިމާވެފައިވާ މައްސަލަތައް ދުވަހުން ދުވަހަށް ގޯސްވަމުން ދިއުމެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އެޕަލްގެ އެންމެ ބޮޑު ތިން ފެކްޓަރީގެ ސަޕްލައި އިތުރު ކުރުމަށްވެސް އެ ކުންފުނީގެ އައިފޯންތައް އުފައްދާ ފޮކްސްކޮން، ޕެގަޓްރޯން އަދި ވިސްޓްރޮން އަށް މިހާރު ވަނީ އަންގާފައެވެ.

ފޮކްސްކޮން އިން އިންޑިއާގެ ސަބްސިޑަރީއަށް 500 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް އިތުރުކޮށްފައި ވަނީ އެގައުމުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމަށެވެ. އެޕަލް އާއި އެ ކުންފުނީގެ ސަޕްލައި ކުރާ ފަރާތްތަކުން މިހާރު ވެސް އިންޑިއާގައި އައިފޯންގެ ބައެއް މޮޑެލްތައް އުފައްދާއިރު، އޭގެ ތެރޭގައި އާ އައިފޯން 14 ވެސް ހިމެނެ އެވެ.

ޗުއްޓީ ސީޒަންގެ ކުރިން އައިފޯން 14 ޕްރޯ މޮޑެލްތަކުގެ ސަޕްލައި ވަރަށް ބޮޑަށް ލިމިޓްވެފައި ވަނީ ޗައިނާގައި ހުންނަ ފޮކްސްކޮންގެ މައި ފެކްޓަރީގެ މުޒާހަރާ ތަކާއި ގުޅިގެންނެވެ. ޗައިނާގެ ކޮވިޑް19 އަށް ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން ވެސް ދަތިތަކެއް ކުރިމަތިވަމުން ދެއެވެ.

އެޕަލް އިން މިދިޔަ މަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައިފޯނު އުފެއްދުން އިތުރުކޮށް ފޯނު ލިބޭ މިންވަރު ކުރީ ހުރިވަރަށް ގެނައުމަށް "ބުރަ މަސައްކަތްތަކެއް" ކުރަމުން އަންނަ ކަމަށެވެ.