ޚަބަރު

ޕީއެސްއެމް ވަގުތީ ގޮތުން ހިންގުން ބޭފުޅަކާ ހަވާލުކޮށްފި

މުހައްމަދު އިޝާން

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ސީނިއާ މެނޭޖުމެންޓުގައި ހިމެނޭ ޑިރެކްޓާ ޕްރޮކިއުމެންޓް މުހައްމަދު ސާއިދުއާ މިއަދު ހަވާލުކޮށްފިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަހީމުގެ ދައުރު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައެވެ. ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ ފަރާތްތަކުގެ ދައުރަކީ ހަތަރު އަހަރެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހާލިދު އާއި ޝަހީމުގެ ދައުރު ހަމަވެފައިވާކަން ޕީއެސްއެމަށާއި ދެ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ.

"ޕަބްލިކް ސާވިސް މިޑިއާގެ ގާނޫނުގެ ދަށުން ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވެންދެން، ޕީއެސްއެމް ހިންގުމުގެ ޒިންމާތައް އެ ކުންފުންނީގެ ސީނިއާ މެނޭޖުމެންޓުގައި ހިމެނޭ ޑިރެކްޓާ ޕްރޮކިއުމެންޓް މުހައްމަދު ސައީދަށް 27 ޑިސެމްބަރު 2022 އިން ފެށިގެން ހަވާލުކުރުމަށް ނިންމައި، އެކަން މުހައްމަދު ސައީދާއި، އެ ކުންފުންޏަށް 25 ޑިސެމްބަރު 2022 ގައި މި ބޯޑުން ވަނީ އަންގާފައެވެ" ޕީސީބީން ބުންޏެވެ.

މުހައްމަދު ސައީދު ވަނީ މީގެ ކުރިން ވެސް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވަކިކުރި ކަމަށް ބުނެ ނުވަތަ އެ ދެ މަގާމަށް އަލުން ހާލިދު އާއި ޝަހީމް އައްޔަންކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޕީސީބީން ވަނީ ދޮގުކޮށްފައެވެ.