ކަރަންޓުގެ ޓެރިފް ކުޑަކުރުމަށް ސްޓެލްކޯ އިން އިތުރު ވިޔަފާރިތަކަށް ވަނުމަށް އެކުންފުނިން ނިންމައިފިއެވެ.

މިއަދު ސްޓެލްކޯ އިން ވަނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައި، މިދިޔަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި މާލީ ހިސާބުތަކާއި އަދި ކުންފުނީގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ކޮވިޑް 19ގެ ސަބަބުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައިއިރު ދުނިޔެއާއި ރާއްޖޭގެ އިގުތިސޯދަށް ދިމާވި ހީނަރުތަކާއި ގޮންޖެހުންތަކަށް ވަނީ އަލިއަޅުވާލައިފައެވެ.

ސްޓެލްކޯ އިން ބުނީ ދިމާވި އެކި ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިވާކަން ފާހަގަކުރެވޭ ކަމަށާއި ކޮވިޑުގެ ދަތި ހާލުގައި އެކިވަރުގެ އެހީތެރިކަން ކުންފުނީގެ ފަރާތުން ސަރުކާރާއި ރައްޔިތުންނަށް ފޯރުވައިދީފައިވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ކުންފުނީގެ ބަޖެޓު ވެސް އާންމު ޖަލްސާގައި ވަނީ ހުށަހަޅައިފައެވެ. އެ ބަޖެޓަކީ ސާޕްލަސް ބަޖެޓަށް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ސްޓެލްކޯ އިން ބުނީ ސަރުކާރުގެ ނެޓް ޒީރޯ އަމާޒަށް ވާސިލުމަކީ ކުންފުނީގެ އަމާޒެއް ކަމަށާއި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުމަކީ ވެސް އަންނަ އަހަރު ހާސިލުކުރަން ބޭނުންވާ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި ސްޓެލްކޯގެ ގްރިޑުގައި ބޭނުންކުރާ 35 ޕަސަންޓް ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަކީ ވެސް އަންނަ އަހަރުގެ އަމާޒެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކަރަންޓު ޓެރިފްތައް ކުޑަކުރުމުގެ ގޮތުން ސްޓެލްކޯގެ ވިޔަފާރިތައް ޑައިވާސިފައިކޮށް، ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރުގެ ވިޔާފަރި އިތުރަށް ފުޅާކުރުމާއެކު އިތުރު ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށް ވެސް އެކުންފުނިން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި "ސިކްސްތު ޕަވާ ޑިވޮލޮޕްމަންޓް" ޕްރޮޖެކްޓުގެ ގޮތުގައި 70 މެގަވޮޓްގެ ޕަވާޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ފޭސް ދޭއްގެ މަސައްކަތް ފަށައި، އަންނަ އަހަރު މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީިފަޅު އެއް ވިއުގައަކުން ގުޅުވާލުމަށް ވެސް ވަނީ ނިންމައިފައެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުމުގެ މަސައްކަތް ހައްލުކުރުމަށްޓަކައި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއްގެ މަސައްކަތް ފިންލޭންޑްގެ ވާޓްސިލާއާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި 2020 ވަނަ އަހަރާ އަޅައި ބަލާއިރު، ކަރަންޓް ސިސްޓަމް އެވްރެޖު އިންޓަރަޕްޝަން ޑިއުރޭޝަން 30 ޕަސަންޓް ރަނގަޅުކުރެވިފައިވާ ކަމަށެވެ. އަދި ސިސްޓަމް އެވްރެޖު އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް 26 ޕަސަންޓް ރަނގަޅުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފައެވެ.