ޓޭބަލް ޓެނިސް

ގައުމީ 60 ވަނަ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

ގައުމީ 60 ވަނަ ޓޭބަލް ޓެނިސް މުބާރާތް ފަށައިފިއެވެ.

އިއްޔެ މާލޭ ޓޭބަލް ޓެނިސް ހޯލުގައި ފެށި މުބާރާތުގެ ކުޅުން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. މުބާރާތުގައި ޖުމުލަ 65 ކުޅުންތެރިން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަނެވެ.

އިއްޔެ މުބާރާތުގެ ކުޅުން ފެށީ ޑަބަލްސް އަދި މިކްސް ޑަބަލްސް މެޗުތަކާ އެކުގައެވެ. 13 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އަދި ފުރަތަމަ ޑިވިޝަންގެ އަންހެން އަދި ފިރިހެން ޑަބަލްސް ލީގު ބުރުގެ މެޗުތައް އިއްޔެ ކުޅުނު އިރު، 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް އަދި ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ލީގު ބުރުގެ މެޗުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި އެންމެ ބާރަށް ޓީޓީ ކުރިއަރަމުންދާ ފުވައްމުލަކު ސިޓީގެ ޖޫނިއާ ޓީމެއްވެސް މިފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރާ އިރު، މިއީ ގައުމީ މުބާރާތުގައި މާލެއިން ބޭރުން ޖޫނިއާ ކުޅުންތެރިންގެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގައި 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިވެންޓްގައި 22 ކުޅުންތެރިން ވާދަކުރާނެއެވެ. އަދި އަންހެން ސިންގަލްސް އިވެންޓްގައި 20 ކުޅުންތެރިންއަކު ވާދަކުރާނެއެވެ. 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިވެންޓްގައި 10 ކުޅުންތެރިން އަދި އަންހެން ސިންގަލްސްގައި 11 ކުޅުންތެރިއަކު ވާދަކުރާނެއެވެ.

ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސްގައި އިވެންޓްގައި ވާދަ ކުރަނީ 13 ކުޅުންތެރިންނެވެ. އަދި އަންހެން ސިންގަލްސް އިވެންޓްގައި ވާދަކުރަނީ 10 ކުޅުންތެރިންނެވެ.