ބަނަހުގެ ކްރީމްގަނޑަށް އެލާޖިކުވެ ހާލު ސީރިއަސްވި މަރިޔަމް ޒައީމާ މޫސާ މަރުވެއްޖެއެވެ.
ކެވުނު ބަނަހަކަށް އެލާޖިކުވެ ޒައީމާގެ ހާލު ސީރިއަސްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ޒައީމާގެ ހާލު ސީރިއަސްވީ އެލާޖިކުވުމުން އައިޖީއެމްއެޗް އެމަޖެންސީ ރޫމުން ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
އެ އިންޖެކްޝަން ޖެހުމުން ހިތުގެ ހިނގުމަށް ބަދަލު އައިސް ޒައީމާއަށް އައިސީޔޫގައި ފަރުވާ ދިންއިރު، ފަހުން ހެދި ސީޓީ ސްކޭނަކުން އޭނާގެ ސިކުނޑި ދުޅަވަމުން އަންނަކަން އެނގުނެވެ. އެހެންވެ އާސަންދައިގެ ދަށުން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ޒައީމާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޒައީމާ މަރުވި އިރު، އޭނާގެ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖެއް ދުނިޔޭގައި އެބަހުއްޓެވެ. އޭނާގެ ހަށިގަނޑު ރާއްޖެ ގެނައުމަށް އާއިލާއިން ވަނީ ނިންމައިފައެވެ.
އާއިލާގެ އެދުމަކަށް އައިޖީއެމްއެޗުން މި މައްސަލައާ ގުޅިގެން ކުރި ތަހުގީގަށްފަހު މި އަހަރުގެ ޖުލައި މަހު އާއިލާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އިމަޖެންސީގައި ޒައީމާއަށް ފަރުވާ ދިންއިރު، އެލާޖިކުވުމުން އާންމުކޮށް ދީ އުޅޭ އިންޖެކްޝަނެއް ކަމަށްވާ ހައިޑްރޯކޯޓިސޯން ދިނުމުންވެސް އޭނާގެ ހާލު ރަނގަޅު ނުވި ކަމަށެވެ. އެހެންވެ ފަހުން ދިނީ އެލާޖިކުވުމުން ދޭ އެހެން އިންޖެކްޝަނެއް ކަމަށްވާ އެޑްރެނަލިން ކަމަށް ސިޓީގައިވެއެވެ.
އެލާޖިކުވެ ފުރާނާއަށް ނުރައްކާވާ ހާލަތްތަކުގައި އެޑްރެނަލިން ދޭން އޮންނަ އުސޫލަކީ މަސްގަނޑުގެ އެތެރެއަށް އިންޖެކްޝަން ޖަހައި، ކަނޑައެޅިފައިވާ މިންވަރަކަށް ޑައިލިއުޓް ކޮށްގެން، ސްލޯ އިންފިއުޝަނެއް ގޮތަށް އައިވީ ގުޅައިގެންނެވެ. ނަމަވެސް އޭނާއަށް އެ އިންޖެކްޝަން ދީފައި ވަނީ މި އުސޫލާ ހިލާފަށް ކަމަށް ލިޔެކިޔުންތަކުން އެނގެން އެބަހުރި ކަމަށް އައިޖީއެމްއެޖުން ބުނެއެވެ.
މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު