އެފްއޭއެމްގެ 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފިއެވެ.
ސީއެޗްއެސްއީން އިންޓަ ސްކޫލް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 4-1 ގެ ނަތީޖާއަކުން ކެޔޮދޫ ސްކޫލް ބަލިކޮށްފައެވެ. މެޗުގައި ސީއެޗްއެސްއީން ޖެހި ހުރިހާ ގޯލްތަކެއްވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ.
ސީއެޗްއެސްއީން މެޗު ރަނގަޅަށް ފަށައި، 14 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެޓީމުގެ ގޯލް ޖަހައިދިނީ މުހައްމަދު ފައިޒާން ފަޒީނެވެ. އަދި އޭގެ ފަހުން 21 ވަނަ މިނެޓުގައި އަހުމަދު ޔާޒިން މަހްދީ ވަނީ ސީއެޗްއެސްއީގެ ދެވަނަ ގޯލް ޖަހައި ލީޑު ފުޅާވެސް ކޮށްދީފައެވެ. ސީއެޗްއެސްއީން ފުރަތަމަ ހާފުގައި މާ ބޮޑަށްވެސް ވަރުގަދަކޮށް ފެނުނު އިރު، ދެވަނަ ގޯލަށް ފަސް މިނެޓްވެސް ނުވަނީސް ފައިޒާން ވަނީ އެޓީމުގެ ތިންވަނަ ގޯލްވެސް ޖަހައިދީފައެވެ.
ސީއެޗްއެސްއީން ހާފު ނިންމާލީ ހަތަރުވަނަ ގޯލެއްވެސް ޖަހައިގެންނެވެ. އެ ގޯލް ޖަހައިދިނީ އަބްދުﷲ ޝަޔާނެވެ.
މިފަހަރުގެ އިންޓަ ސްކޫލް މުބާރާތަށް އަހުމަދު ނާފިއުގެ ކޯޗުކަމުގެ ދަށުގައި ނުކުތް ކެޔޮދޫ ސްކޫލުން ދެވަނަ ހާފަށް ނުކުމެ ކުޅުން ރަނގަޅުކޮށް ސީއެޗްއެސްއީގެ އެޓޭކްތައް ހިފެހެއްޓި ނަމަވެސް، އެޓީމަށް ފަހަތުން އަރައި ނަތީޖާ ބަދަލުކުރެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް މެޗުގެ 68 ވަނަ މިނެޓުގައި އެޓީމުގެ ޝާއިގު އާދަމް މުހައްމަދު ވަނީ ގޯލް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މިއަދުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީ ހަވާލުކޮށްފައިވާ އިރު، ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލްވެސް ހަވާލު ކޮށްފައިވެއެވެ. މުބާރާތުގެ އެއްވަނަ ކޯޗަކަށް ސީއެޗްއެސްއީގެ ކޯޗު އަހުމަދު ސުޒޭރު ހޮވުނު އިރު، އޭނާއަކީ މާޒިޔާގެ ކޯޗިން ޓީމުގައި ހިމެނޭ މުހިއްމު ކޯޗެކެވެ.
ފެއާޕްލޭ ޓީމަކަށް ރަނަރަޕް ކެޔޮދޫ ސްކޫލް ހޮވުނު އިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މުހައްމަދު އައިހަމެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ސީއެޗްއެސްއީގެ ދައްޔާން އަހުމަދެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް