ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުޖަހަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ހިތްވަރު ދިނުމުން އެކަން ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފިއެވެ.
މީގެ ކުރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ހިތްވަރުދިން އައްބާސް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ.
"(ހުޅުޖެހުމުގެ) ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ،" ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހޭޝްޓެގާއެކު އައްބާސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ރޭ ކުރި ޓުވީޓެއްގައި ބުނީ، ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރުދިން މައްސަލަ ކުށްވެރިކުރާ ކަމަށާއި އެ މައްސަލަ ކަމާގުޅޭ އިދާރާތަކުން ތަހުގީގުކުރުމަށް ގޮވާލާ ކަމަށެވެ. އަދި އަވައްޓެރި ގައުމުތަކާ މެދު ނަފުރަތު އުފައްދަން ކުރާ މަސައްކަތް ވެސް ކުށްވެރިކުރާ ކަމަށް ބުންޏެވެ.
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނީ، ހައި ކޮމިޝަން ރޯކުރަން ގޮވި މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ބުނީ، އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އަވައްޓެރި ގައުމު ކަމަށާއި ރާއްޖެއިން އެހީތެރިކަމަށް އެދޭ ކޮންމެ ވަގުތަކު އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރެއްގެ އިތުރުން ސަރުކާރުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އައްބާސް، ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރުދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރު ދިން މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް، މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ ޗެކް ކުރުމަށްފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. ފަހުން މީޑިއާ އޮފިޝަލަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބު ދީފައެއް ނުވެއެވެ.
އައްބާސް މީގެ ކުރީން ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އަމުރު ކުރި ކްރިމިނަލް ކޯޓުގެ ގާޒީއަކަށްވެސް އިންޒާރު ދީފައެވެ.
ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި އައްޑޫގައި ހުންނަ ޕޮލިސް ޓްރޭނިން އެކަޑަމީގައި އާއި ސ. މީދޫ މެޖިސްޓްރޭޓް ކޯޓާއި އެ އަވަށު ޕޮލިސް ސްޓޭޝަން ފިޔަވައި އައްޑޫ ސިޓީގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު