ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެންދާއިރުވެސް ހިޔާނާތުގެ މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެ, ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހާ ވާދަކުރައްވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެއްވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ, އެމްއެމްޕީއާރުސީގެ ހިޔާނާތާއި ވެންޓިލޭޓަރުގެ ހިޔާނާތަށް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާއަށްވީ ގޮތް ސާފުވާނެ ކަމަށެވެ.

"ރައީސް ސޯލިހުގެ ދައުރު މި ނިމެނީ. އަދި މިއިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައެއް ނެތް," ރައީސް ނަޝީދުގެ ޓުވީޓުގައިވެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވި އިރު, ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުންގެ ފަރުވާއަށް 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.

އަދި އޭސީސީން ތަހުގީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ފަސް މައްސަލައެއްގެ ބައެއް ކަންކަން އިސްލާހުކުރަން ޕީޖީ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ އަންގައިފައެވެ.