ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ފާތިމަތު ޔުމްނާ އިސްތިއުފާ ދެއްވި ފަހުން އޭނާއަށް މުސާރަ ދީފައިނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރެއްގައި ވަނީ ޔުމްނާ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުން އޭނާގެ ހަރަދުތައް ސަރުކާރުން ބަލަހައްޓަމުންދާ ކަމަށެވެ. އެކަން ކުރަނީ އޭނާއަށް ޖެންޑާ މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ ވަޒީފާ ދީގެން ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. ޔުމްނާއަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަނބިކަނބަލުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިރޭ ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ މަގާމެއް ޔުމްނާ އަދާކުރަމުން ނުދާ ކަމަށެވެ. ނަމަވެސް އދ. އާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ހިންގާ ބައެއް ޕްރޮޖެކްޓުތަކުގެ ކޮންސަލްޓަންޓެއްގެ މަސައްކަތް ޔުމްނާ ކުރަމުން އަންނަ ކަމަށެވެ.
"ޔޫންއެންގެ އެސްކޭޕް ޕްރޮޖެކްޓް، އެއީ ޔޫއެންއިން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޔުމްނާ މަސައްކަތް ކުރައްވާ. އެއީ ޔޫއެން އިން މުސާރަ ދޭ ޕްރޮޖެކްޓެއް. އެެހެންވީމާ ޖެންޑާ މިނިސްޓްރީގެ ކޮންސަލްޓަންޓެއް ކަމަށާއި އޭނާއަށް ސަރުކާރުން މުސާރަ ދޭ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ވަގުތީ ޕްރޮޖެކްޓެއްގައި ޔުމްނާ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެއީ ތިން މަސް ދުވަހުގެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ޔުމްނާއަށް އެ ޕްރޮޖެކްޓުގެ ކޮންސަލްޓަންޓްކަން ދީފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
"ޖެންޑާ މިނިސްޓްރީން ކުރި އިއުލާނަކަށް ޔުމްނާ ވަނީ ކުރިމަތިލާފައި. އެ ޕްރޮޖެކްޓުގެ ކޮންސަލްޓަންޓަކަށް ޔުމްނާ ވަނީ ހޮވިފައި. ޖެންޑާ މިނިސްޓްރީއަކުން ނޫން އިންޓަވިއުކުރީ، ބޭރުގެ ޕެނަލްއަކުން އިންޓަވިއު ކުރުމަށްފަހު ޔުމްނާ ނަގަން ނިންމީ. ޔުމްނާ ވަނީ ޑެޕިއުޓީ މިނިސްޓަރަކަށް ވުމުގެ ކުރިން ވެސް ވަނީ ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކޮށްފައި، އޭނާއަކީ އެ ދާއިރާގެ މީހެއް. އެހެންވީމާ މާކްސް މަތިން ލިބޭނެ. އެއީ ވަކި މިނިސްޓަރެއްގެ އަންބަކަށް ވެގެން ވީ ކަމެއް ނޫން. ޕްރޮޖެކްޓަށް މުސާރަ ދެނީ ޖެންޑާއަކުން ނޫން،" މިއުވާން ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު މީޑިއާތަކަށް ބުނީ މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާތީ، ޑެޕިއުޓީ މިނިސްޓަރުކަމުން މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގައި ޔުމްނާ އިސްތިއުފާދެއްވާފައިވާ ކަމަށާއި އެ ތާރީހުން މިނިސްޓްރީން މުސާރައެއް އަދި އެލަވަންސެއް ވެސް ދީފައި ނުވާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ޔުމްނާގެ ފިރިކަލުން އަދި ހޯމް މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ ޔުމްނާ އިސްތިއުފާދެއްވި ފަހުން އެއްވެސް މުސާރައެއް އަދި އެލަވަންސެއް ވެސް ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ.