ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިހާރު މެންބަރުން ހިމެނިފައިވާ ގޮތް އިސްލާހުކޮށް، އެ ކޮމިޝަނަށް ބަދަލު ގެނައުމަށް މޯލްޑިވްސް ރިފޯމު މޫވްމެންޓް (އެމްއާރުއެމް) އިން އެޓާނީ ޖެނެރަލް (އޭޖީ) އަށް ހުށަހެޅި ހުށަހެޅުމާ ބެހޭ މައުލޫމާތު މިއަދު އާންމުކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ނިއުސް ކޮންފަރެސްގައި ޖޭއެސްސީ އެކުލަވާލަންޖެހޭ ގޮތާ ބެހޭ މައުލުމާތު ދެއްވީ އެމްއާރުއެމްގެ ގާނޫނީ ވަކީލު އައިމިނަތު ރިފްގާއެވެ.

ރިފްގާ ވިދާޅުވީ، ޖޭއެސްސީ އިސްލާހުކުރަން އެމްއާރުއެމުން ހުށަހަޅަނީ ޝަރުއީ އެކި ދާއިރާތަކުން ހާއްސަ، ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައިވާ ތިން ބޭފުޅުން ހިމެނުމަށް ކަމަށާއި ސަބަބަކީ ފަނޑިޔާރުންނާ ގުޅުންހުރި ކޮންމެ ކަމެއް ނިންމަމުންދާ އިރު، ފަނޑިޔާރުކަމުގެ މަގާމުގައި އެވަގުތު ތިއްބަވާ ބަޔަކު އެފަދަ ކަންކަމުގައި ގޮތް ނިންމުމަކީ މަސްލަހަތު ފުށުއަރާނެ ކަމަކަށްވާތީ ކަމަށެވެ.

އެބޭފުޅުންނާއެކު ބަންޑާރަނާއިބު ޖޭއެސްސީގައި ހިމެނުމަށް އެމްއާރުއެމްގެ ހުށަހެޅުމުގައިވެއެވެ. އެއީ ގާނޫނުއަސާސީން ދައުލަތުގެ ތިން ބާރު ވަކިކުރެވިފައިވާ އިރު، ޖޭއެސްސީއަކީ އެ ތިން ބާރުގެ ތެރޭގައި ހިމެނޭ ޝަރުއީ ދާއިރާގެ ކަންކަން ބެލުމުގައި އެންމެ އިސް ބާރު ލިބިގެންވާ ކޮމިޝަނަށްވާތީ ކަމަށް ރިފްގާ ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލިސް މެންބަރާއި ރައީސް އައްޔަންކުރާ މެންބަރާއި ސީއެސްސީގެ ރައީސް ޖޭއެސްސީގައި ހިމެނުން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކު ޖޭއެސްސީގައި ހިމަނާނަމަ، އަންހެނުންގެ ތެރެއިން މެންބަރަކާއި ފިރިހެނުންގެ ތެރެއިން މެންބަރަކު ހިމަނަންވެސް އެމްއާރުއެމުން ވަނީ ހުށަހަޅައިފައެވެ. އެމީހުންގެ ހުންނަންޖެހޭ ޝަރުތަކީ 15 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއި، ސިޔާސީ ޕާޓީގެ މެންބަރަކަށް ނުވުމާއި، ތިން އަހަރު ކުރިން ސިޔާސީ ދާއިރާގައި މަސައްކަތްކޮށްފައި ނުވާ މީހަކަށްވުމެވެ.

ނަމަވެސް އާންމުންގެ ތެރެއިން ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއަކުން އިންޓަވިއުކުރުން ފަދަ ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެމްއާރުއެމުން ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ވަކީލުންގެ މެދުގައި، ބާ ކައުންސިލުން ބާއްވާ އިންތިހާބަކުން އިންތިހާބު ކުރާ ގާނޫނީ ވަކީލެއް ޖޭއެސްސީގައި ހިމެނުމަށްވެސް ވަނީ ހުށަހަޅައިފައެވެ. ޝަރުތަކީ 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ޖޭއެސްސީގެ މެންބަރުންގެ ދައުރަކީ ހަތް އަހަރުގެ ދެ ދައުރުކަމަށް ކަނޑައެޅުމަށްވެސް އެމްއާރުއެމުން ވަނީ ހުށަހަޅައިފައެވެ.