ޚަބަރު

މަރު ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް، އޭޖީ އޮފީހާ މަޝްވަރާކުރައްވަނީ

މުހައްމަދު ޖަމްޝަތް ވަހީދު

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެޓާނީ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ، ރައީސަށް ރިޕޯޓު ލިބިވަޑައިގެންނެވުމާއެކު ރައީސް ރިޕޯޓު ބައްލަވާފައިވާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބުގެ އޮފީހާއެކު ކުރައްވަން ޖެހޭ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

އެ ރިޕޯޓުގައި މަރު ކޮމިޝަނުން ލަފާދީފައިވާ ގޮތަށް އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނަމަ، އެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ އެ މައްސަލައިގައި ގައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކެއް ހިމެނޭތީ އެ ރިޕޯޓުގެ ތަފްސީލުތައް ހާމުކުރެވެން ނެތް ކަމަށާއި ނަމަވެސް ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓު މަރު ކޮމިޝަނުން ރައީސަށް އަރުވާފައިވަނީ 15 ޑިސެމްބަރު 2022 ގައެވެ. އެ ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ކޮމިޝަނުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައިފައެވެ. އަދި ވަނީ އެ ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް މަރު ކޮމިޝަންގެ މެމްބަރުން އަރިހުން އެދިވަޑައިގެންފައެވެ.

ރިލްވާން މަރުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމުގެ ގޮތުން ރައީސް، މަރު ކޮމިޝަން އުފެއްދެވީ ވެރިކަމަށް ވަޑައިގެން 2018 ވަނަ އަހަރުއެވެ.