ސިނަމާލެ ބުރިޖާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ އަމަލީ މަސައްކަތަށް ބުރިޖުގެ ބައެއް ލޭންތައް ކޮންމެ ދުވަހެއްގެވެސް ވަކި ގަޑިތަކެއްގައި ބަންދުކުރަން ނިންމައިފިއެވެ.

ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ މި މަސައްކަތަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 24 ނޮވެމްބަރު 2020 ގައެވެ. ސޯލާ ޕެނެލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ މަސައްކަތުގެ ތެރެއިން މާލެ-ހުޅުމާލެ ހައިވޭގެ މޫދާވީ ފަޅީގެ ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހައިވޭގެ ހުޅުމާލެއިން މާލެ ދަތުރުކުރާ މަގުގެ އެއް ލޭނު ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި ލޭން ބަންދުކުރަން ނިންމާފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އަށް އަދި މެންދުރުފަހު 1:30 އިން 4:30 އަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، މި މަސައްކަތް އަންނަ އަހަރު ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. އަދި މި ގަޑިތަކުގައި މަގު ބަންދުކުރުމުގެ ތަރުތީބު އަދި ގަޑިތަށް ކަނޑައަޅާފައިވަނީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް ބުންޏެވެ. އެހެންކަމުން މި ގަޑިތަކުގައި އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، ހައިވޭގައި ގާއިމުކުރާ ސޯލާ ޕެނަލްތަކުގެ އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް، ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 1 ރުފިޔާ 68 ލާރި ނުވަތަ 10.09 ޔޫއެސް ސެންޓަށެވެ.