ފަސޭހައިން ލޭ ހާދިޔާ ކުރާ ފަރާތްތައް ހޯދައިދިނުމުގެ ބޭނުމުގައި އުފައްދާދައިވާ "ތިކި" އެޕްލިކޭޝަނަކީ ކޮޕީއެއް ނޫން ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
"ތިކި" އެޕްލިކޭޝަނަކީ "ހަދިޔާ.އެމްވީ" ކިޔާ ވެބްސައިޓެއްގެ ކޮޕީއެއް ކަމަށާއި އަދި "ތިކި" އެޕްލިކޭޝަނަކީ "ހަދިޔާ.އެމްވީ" ގެ ޑޭޓާ ބޭނުންކޮށްގެން އުފައްދާފައިވާ ކޮޕީއެއް ކަމަށް ބުނެ "ހަދިޔާ.އެމްވީ" އުފެއްދި ލ. ފޮނަދޫ، ޑޭލައިޓް ޔޫސުފް ހަލީލް ވަނީ އެ މައްސަލަ ކޮޕީރައިޓް ގާނޫނުގެ ދަށުން ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ.
ޔޫސުފް ހަލީލް އެ މައްސަލައިގައި ބުނެފައިވަނީ "ހަދިޔާ.އެމްވީ" އެޕްލިކޭޝަނަށް ބަދަލުކުރުމަށް ލ. ފޮނަދޫ، ފާހި، އަހުމަދު އަނަސްއާ ހަވާލުކުރުމުން އެ ވެބްސައިޓުގެ ޑޭޓާތައް ނަގައިގެން "ތިކި" އެޕްލިކޭޝަން އުފައްދާފައިވާ ކަމަށެވެ. އެހެންކަމުން "ތިކި" އެޕްލިކޭޝަން އުފައްދާފައިވަނީ ޔޫސުފް ހަލީލްގެ ހިޔާލު ވަގަށް ނަގައިގެން ކަމަށް ކަނޑައަޅައިދިނުމަށް ޔޫސުފް ހަލީލް ވަނީ އެދިފައެވެ.
އެ މައްސަލަ ބެލުމަށްފަހު ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ، ހެކިންގެ ހެކިބަހުން އެޕްލިކޭޝަން އުފެއްދުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިކަން އެނގެން އޮންނަ ކަމަށެވެ. ނަމަވެސް އެޕްލިކޭޝަން ހެދުމުގެ މަސައްކަތަށް ޔޫސުފް ހަލީލް "ހަދިޔާ.އެމްވީ" ގެ ޑޭޓާ ބޭސް އަނަސްއާ ހަވާލުކުރިކަން އެނގޭނެ ހެއްކެތް ހުށަހަޅާފައި ނެތް ކަމަށެވެ.
އެހެންކަމުން "ތިކި" އެޕްލިކޭޝަނަކީ "ހަދިޔާ.އެމްވީ" ގެ ޑޭޓާ ބޭސް އާއި ޔޫސުފް ހަލީލުގެ ހިޔާލަކަށް އުފައްދާފައިވާ އެޕްލިކޭޝަނެއް ކަމަށް ކަނޑައަޅައި ނުދެވޭނެ ކަމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު