ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އެރައިވަލް ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއަށް ދޮވެމި ޝޮޕް ބަންދުކުރަން ނިންމައިިފިއެވެ.
ދޮވެމި ޝޮޕަކީ 2014 ވަނަ އަހަރުގެ އެރައިވަލް ޓާމިނަލުގައި ހުޅުވި ފިހާރައެކެވެ. އެ ފިހާރައަކީ ލަގްޒަރީ ބްރޭންޑްތަކުގެ ކޮސްމެޓިކް ސާމަނާއި އައިނުގެ ބާވަތްތައް އަދި އަތުކުރި ގަޑި ވިއްކަން ހާއްސަކޮށްގެން ހުޅުވި ފިހާރައެކެވެ. ފަހުން އެ ފިހާރައިން ވަނީ އެހެން ބާވަތްތަކުގެ މުދާތައް ވެސް ވިއްކަން ފަށައިފައެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް "ވަން" އަށް މިއަދު ވިދާޅުވީ، ދޮވެމި ޝޮޕްގައި މިހާރު ހުރި މުދާތަށް ހުސްވުމުން އެތަން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
"އެރައިވަލް ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއަށް އެތަން ބަންދުކުރަން އެންގީ. މިހާރު އެ ފިހާރާގައި ހުރި މުދާތައް ހުސްވުމުން ބަންދުކުރަން އެންގީ،" ހަސަން އަރީފް ވިދާޅުވިއެވެ.
ދޮވެމި ޝޮޕްގައި މިހާރު ހުރި މުދާތައް އަވަހަށް ހުސްކުރުމަށް އެ ފިހާރައިން ވަނީ 50 ޕަސަންޓް ޑިސްކައުންޓުގައި ތަކެތި ވިއްކަން ފަށައިފިއެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓަށް އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. ވީއައިއޭގެ އެރައިވަލް ޓާމިނަލުން މިހާރު ވެސް އެއްފަހަރާ 700 އާއި 900 މީހުންނަށް ހިދުމަތްދެވެން ހުރެއެވެ. އެރައިވަލް ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން އެ އަދަދު އިތުރުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު