ކުރިއަށްއޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ހީވާ 39،000 އަށްވުރެ ގިނަ އެމްޑީޕީގެ މެމްބަރުން އެ ޕާޓީން ވަކިކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ކަމަށެވެ. އެކަމަށް އެންމެ މުހިންމު ކަމަކީ ކުރިން ނިންމާފައިވާ ވޯޓާސް ލިސްޓު ކަމަށާއި ނަމަވެސް ރައީސް ސޯލިހު ވަނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީން 39،000 އަށްވުރެ ގިނަ މެމްބަރުން ވަކިކޮށްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވޯޓާސް ލިސްޓު ސާފުކުރަން ޖެހުނު އިރު، ރައީސް ސޯލިހަށް ވޯޓު ދިނުމުގެ ފުރުސަތު ކުޑަ، ޕާޓީގެ އަސްލު ހުރިހާ މެންބަރުން އެމަނިކުފާނު ވަކިކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ މެމްބަރުންގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޕްރައިމަރީގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެމްޑީޕީއާ ހިތުން ރުހުމުން ގުޅިފައިވާ މެމްބަރުންގެ ތެރެއިން 40 ޕަސަންޓް މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިހާބެއްގެ ސަބަބުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕާޓީއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެކަމަށް ރައްދުދެމުން އެމްޑީޕީން އޭރު ބުނެފައިވަނީ އެމްޑީޕީގެ ދަފުތަރު އޮތީ ސައްހަ ކޮށްފައި ކަމަށާއި ޕާޓީގެ ދަފުތަރާ ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ހިތާމަކުރާ ކަމަށެވެ. އަދި އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރު ކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށް ކަމަށް ބުނެފައިވެއެވެ.

ނަޝީދު ތުހުމަތުތައް ކުރައްވަމުން ގެންދަވާ އިރު، އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައިވާނަމަ ވީ އެންމެ އަވަހަކަށް ޝަކުވާ ފޯމު ފުރިހަމަކޮށް އިލެކްޝަންސް ކަމިޝަނަށް ހުށަހެޅުމަށް އެ ޕާޓީން މިއަދު ވަނީ އެދިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހެން ޕާޓީތަކަށް ނިސްބަތްވާ 17,156 މީހުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި، މީގެ ކުރިން އޮތް އެމްޑީޕީގެ މެންބަރުންގެ ދަފްތަރުގައި ހިމެނިފައި އޮތް ކަމަށާއި އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 124 ކައުންސެލަރުންނާއި، އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 101 ޑަބްލިޔުޑީސީ މެންބަރުންގެ އިތުުރުން ނިޔާވެފައިވާ 800 އަށްވުރެ ގިނަ މީހުން އެމްޑީޕީގެ ކުރީގެ ދަފުތަރުގައި ތިބި ކަމަށެވެ.

ނަމަވެސް 29 މެއި 2022 ގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް، ޕާޓީގެ މެންބާޝިޕް ސާފުކުރުމުގެ ގަރާރު ހުށަހެޅުމުގެ ކުރިން މެންބާޝިޕް ސައްހަކުރުމަށް ތިންމަސް ދުވަސް ދިން ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ދަފްތަރު ސައްހަ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މިހާތަނަށް ނިންމަވާފައިވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. ޕްރައިމަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.