ބޭންކް އޮފް އިންގްލޭންޑް އިން އެގައުމުގެ އާ ރަސްގެފާނު، ކިންގް ޗާލްސް (ތިންވަނަ) ފޮޓޯ ޖަހައިގެން އަލަށް ޗާޕުކުރި ޕައުންޑުގެ ނޫޓުތައް ދައްކާލައިފިއެވެ.

މިއީ 1960 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުން ދައުރުކުރަމުން އަންނަ ޕައުންޑުގެ ނޫޓުތަކުގައި ހިމަނާފައިވާ ރާނީ އެލިޒަބަތުގެ ފޮޓޯ ބަދަލުކުރި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ވިލާތުގެ ނޫޓުތަކުގައި ރޯޔަލް ހައުސްހޯލްޑް ނުވަތަ ރަސްކަމުގެ ބޭފުޅުންގެ ފޮޓޯތައް ހިމަނަން ފަށާފައި ވަނީ 1960 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން އެގައުމުގެ ނޫޓުތަކުގައި ފުރަތަމަ ފަހަރަށް ރަސްކަމުގެ ބޭފުޅެއްގެ ފޮޓޯއަކަށް ހިމަނާފައިވަނީ ކިންގް ޗާލްސްގެ މަންމާފުޅު އަދި ދާދި ފަހުން އަވަހާރަވި ރާނީ އެލިޒަބަތުއެވެ.

ބޭންކް އޮފް އިންގްލޭންޑުން ޗާޕުކުރި ނޫޓުތަކުގައި މިހާތަނަށް ފެނިގެން ގޮސްފައިވަނީވެސް ރާނީގެ ފޮޓޯ އެކަންޏެވެ. ސްކޮޓްލޭންޑް އަދި އުތުރު އަޔަލޭންޑްގެ ބޭންކުތަކުން ނެރޭ ނޫޓުތަކުގައި އެގައުމުތަކުގެ ރަސްކަމުގެ ބޭފުޅުންގެ ފޮޓޯ ނުޖަހައެވެ.

ބޭންކް އޮފް އިންގްލޭންޑް އިން ހާމަކޮށްފައިވާ ގޮތުގައި ކިންގް ޗާލްސްގެ ފޮޓޯ ޖަހައިގެން ޗާޕުކޮށްފައިވަނީ 5 ޕައުންޑް، 10 ޕައުންޑް، 20 ޕައުންޑް އަދި 50 ޕައުންޑްގެ ނޫޓެވެ. މި ނޫޓުތަކަށް ގެނައި ހަމައެކަނި ބަދަލަކީ ކިންގް ޗާލްސްގެ ފޮޓޯ ބޭނުންކުރުމެވެ. މި ނޫޓުތަކުގެ ކުރިމަތީގައި އަދި ސީ ތްރޫ ސެކިއުރިޓީ ވިންޑޯގައި ކިންގް ޗާލްސްގެ ފޮޓޯ ފެނިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ނޫޓުތައް 2024 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ދައުރުވާން ފަށާނެ ކަމަށާއި އޭގެ ފަހުންވެސް ރާނީ އެލިޒަބަތުގެ ފޮޓޯ ޖަހާފައި ހުރި ނޫޓުތައް ބަލައިގަންނާނެ ކަމަށް ބޭންކުން ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިވަގުތު ބޭންކް އޮފް އިންގްލޭޑުގެ 4.5 ބިލިއަން ނޫޓު ދަނީ ދައުރުވަމުންނެވެ. އެ ނޫޓުތަކުގެ އަގު ގާތްގަނޑަކަށް 80 ބިލިއަން ޕައުންޑަށް އަރާނެއެވެ. ބޭންކް އޮފް އިންގްލޭންޑުން ހާމަކުރި ގޮތުގައި ރޯޔަލް ހައުސްހޯލްޑުގެ އިރުޝާދަށް ފަހު އާ ނޫޓުތައް ޗާޕްކުރާނީ ހަމައެކަނި ބާވެ ހަލާކުވެފައިވާ ނޫޓުތަކުގެ ބަދަލުގައެވެ. ނުވަތަ ޕައުންޑުގެ ޑިމާންޑް އިތުރުވަމުންދާ ވަރަކަށެވެ.

ކިންގް ޗާލްސްގެ ސޫރަ ހިމަނާފައިވާ ފަންސާސް ޕެންސް ފައިސާ ފޮތިވެސް މިހާރު ވަނީ އިނގިރޭސިވިލާތުގެ ޕޯސްޓް އޮފީސްތައް މެދުވެރިކޮށް ދައުރުވާން ފަށައިފައެވެ. އަދި ނޫޓު ތަކާ އެއްގޮތަށް ރާނީ އެލިޒަބަތުގެ ސޫރަ ހިމަނާފައިވާ ފައިސާ ފޮތިތައް އަދިވެސް ފިހާރަތަކުން ބަލައިގަންނާނެ ކަމަށް ބޭންކް އޮފް އިންގްލޭންޑުން ބުންޏެވެ.