އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ފައްޓަވައިފިއެވެ.

ރައީސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ކެމްޕެއިންތައް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މިރޭ އެމްޑީޕީގެ ބައެއް އިސްވެރިންނާއެކު ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ ބޭފުޅުންނަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ ބޭފުޅުންނެވެ.

ސޯލްޓް ކެފޭގައި މިރޭ ބޭއްވި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތީ ރައީސް ސޯލިހާއެކު ކަމަށެވެ.

"ރައީސް ސޯލިހު ޕްރައިމަރީގައި ވާދަކުރައްވާނެ ވާހަކަ ވިދާޅުވުމުން، ހުރިހާ ބޭފުޅުންވެސް ތިއްބެވީ ރައީސާއެކު ކަމަށް، ކެމްޕެއިންގައި ފުރިހަމައަށް މަސައްކަތް ކޮށްދެއްވާނެކަން ހާމަކުރެއްވި. އިންޝާﷲ މި އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ،" ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް ރައީސް ސޯލިހު އިއުލާންކުރައްވައިފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައި، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލިފަހުން، ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.