ރާއްޖެއަށް ކުނި އެތެރެކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ކުންޏާ ބެހޭ ގަވާއިދު އިސްލާހު ކުރާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުނެފިއެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މި އިސްލާހުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެ އެތެރެކޮށްގެން ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޭންވާނީ މިނިސްޓްރީން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ތަސްދީގު ކުރައްވައިފައެވެ.
މިކަމާ ގުޅިގެން ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ ކުންޏާ ބެހޭ ގާނޫނު އިސްލާހުކުރުމަށް އެންވަޔަރަމަންޓު މިނިސްޓަރު އާމިނަތު ޝައުނާ މީގެ ކުރިންވެސް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ކުނި އެތެރެ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަކީ ސަރުކާރުން ތާއީދު ކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަކީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި އާންމު ސިއްހަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ގާނޫނެވެ. އެގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ، އަޅާނެ އިދާރީ ފިޔަވަޅުތަކާއި އަދަބުތަކާއި ޖިނާއީ ދައުވާކުރެވޭނެ ގޮތް މި ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
މިގާނޫނުގެ ދަށުން ރާއްޖޭގައި ކުނި މެނޭޖު ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ. މީގެ އިތުރުން މިގާނޫނު ތަސްދީގުކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ކުނި މަދުކުރުމުގެ ސްޓްރެޓަޖީއެއް މިނިސްޓަރު ކަނޑައަޅުއްވައި އާއްމު ކުރަން ޖެހޭނެއެވެ. އަދި ކުނިމެނޭޖު ކުރުމުގެ ގައުމީ މާސްޓާ ޕްލޭންވެސް 12 މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމުގައި ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
މި ގާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި، ކުނި އުފެއްދުން މަދުކުރުމާއި ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލުކުރުމަށް ހިންގާ ހަރަކާތްތައް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ދެވިދާނެ އިނާޔަތްތައް ބަޔާންކުރާ އަމަލީ ޕްލޭނެއް މިނިސްޓްރީން އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު