އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިއަދު އިއުލާން ކުރައްވައިފިއެވެ.

އެކަން އިއުލާން ކުރައްވައި ރައީސް ނަޝީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވަނީ، އެމްޑީޕީގެ ހުރިހާ މެންބަރުންވެސް އެ މަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު އެކަން އިއުލާން ކުރެއްވި އިރު، 2023 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމައިފައެވެ.

އަދި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ވަނީ ދީފައެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިތުރު ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ.