ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މަމްސް އެންޖީއޯއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި މަމްސް އެންޖީއޯގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑާ ސިތްރާ މުހައްމަދެވެ.
އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރި ސާމާނުތަކާއި އެހެނިހެން ތަކެތި ސްޓޯކުރުމަށް ހާއްސަކޮށް ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދީފައިވާ ކަމަށެވެ. އަދި މި ޔުނިޓު ހުންނާނީ H8 ވަނަ ޓަވަރުގައި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މީގެ އިތުރުން މަމްސް އެންޖީއޯ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެން ފަރާތްތަކާ ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑު އަހައި އެޗްޑީސީއާ އެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މަމްސް އެންޖީއޯއަށް "ހޯޕް ފޮ މަމްސް" ކެމްޕެއިންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއާހައުސް ސްޕޭސްއެއް ކަނޑައަޅައިދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިދީފައެވެ. އަދި މި ކެމްޕެއިންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. މަމްސް އެންޖީއޯގެ މައިގަނޑު މަގުސަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މިއީ މީސްމީޑިއާ ފޭސްބްކްގައި "މަމްސް އެމްވީ" ގެ ނަމުގައި މަންމައިން އިސްވެ ހިންގާ އެމްޖީއޯއެކެވެ. މި ގްރޫޕްގައި 39 ހާހަށްވުރެން ގިނަ މައިން ހަރަކާތްތެރިވެއެވެ.
ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަންހެނުން ވަކިން ހާއްސަކޮށް އެކަނިވެރި މައިން، މުޖުތަމައުގައި ބާރުވެރި ކުރުމަށް އެކި ޕްރޮގްރާމުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ. އެގޮތުން ބެކް ޓު ސްކޫލް، މަމްސް އެކްސްޕޯ ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.
ޚަބަރު
ޚަބަރު