Close
ޚަބަރު

ފެމިލީ ކޯޓް ރިސެސްއަށް ހިނގައްޖެ

އިބްރާހިމް ޒަކީ

ފެމިލީ ކޯޓު މިދިޔަ ހުކުރު ދުވަހުން ފެށިގެން ރިސެސްއަށް ހިނގައްޖެއެވެ. އެ ކޯޓު ރިސެސްގައި އޮންނާނީ މިމަހު 31 ގެ ނިޔަލަށެވެ.

ކްރިމިނަލް ކޯޓުން ބުނީ، އެ ކޯޓުގެ ރިސެސްގެ މުއްދަތުގައި މަސައްކަތްތައް ހިންގުން މަދުކުރި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ފޯމު ބަލައި ގަތުމާއި ކައިވެނި ކޮށްދިނުމާއި އެ ނޫންވެސް އިދާރީ ކަންކަން މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

ރިރެސްގައި އޮންނަ މުއްދަތުގައި ގާޒީންނާއި މުވައްޒަފުންނަށް ތަފާތު ތަމުރީން ޕްރޮގުރާމުތައް ހިންގަން ރާވާފައިވާ ކަމަށްވެސް ބުންޏެވެ.

ފެމިލީ ކޯޓް ރިސެސްއަށް ދިޔައިރު، މި މަހު އެކަކުން ފެށިގެން ހައިކޯޓް ވަނީ ރިސެސްއަށް ގޮސްފައެވެ.

ހައިކޯޓް ރިސެސްއަށް ދިޔަ ނަމަވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތަކާއި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންކަންޖެހޭ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައް ކުރިއަށްދާނެއެވެ.

ސުޕްރީމް ކޯޓުވެސް މި ވަގުތު އޮތީ ރިސެސްގައެވެ. ނަމަވެސް ރިސެސްގެ މުއްދަތުގައިވެސް އެ ކޯޓުގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އަދި ގާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެ ނަމަ އެ މުއްދަތުގައި އަޑުއެހުންތައް ބޭއްވުން ލާޒިމު ކަމަށްވެސް ގާނޫނުގައި ބުނެއެވެ.

ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިނަމަ ސުޕްރީމް ކޯޓްގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެއެވެ. ސުޕްރީމް ކޯޓް ރިސެސްގައި އޮތް ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ.