ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލައިފިނަމަ "ޖޭޑީޕީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަމަށް ޑީއާރްޕީން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު އާދިއްތަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ޑީއާރްޕީގައި މެންބަރުން ނެތުމުން އުވާލާނެކަން އަންގައި ތިން މަސް ދުވަހުގެ ނޯޓިސް ފޮނުވައި މެންބަރުންގެ އަދަދު ހަމަކުރަން އަންގާފައިވާ ކަމަށެވެ. ވިދާޅުވީ ތިން މަސް ދުވަސް ވެގެން ދިޔައިރު ވެސް ޑީއާރްޕީއަށް މެންބަރުން ހަމަކުރެވިފައިނުވާތީ، އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށެވެ.
"3،000 މެންބަރުން ހަމަވެފައިނެތީމާ އަޅުގަނޑުމެން ވަނީ ނޯޓިސް ފޮނުވާފައި. ތިން މަސް ދުވަހުގެ ތެރޭގައި ހަމަކުރަން އެކަމަކު މެންބަރުން ހަމަކުރެވިފައިނުވާތީ މިހާރު ވަނީ ޕާޓީ އުވާލަން ނިންމާފައި،" ފުއާދު ވިދާޅުވެފައިވެއެވެ.
ފުއާދު ވިދާޅުވީ މެންބަރުން ހަމަކުރަން ތިން މަހަށްވުރެ އިތުރަށް ދިނުމަށް ގާނޫނު ޖަގާ ނުދޭ ކަމަށެވެ. އެހެންކަމުން އީސީން ދެން ކުރިއަށް ގެންދާނީ ޕާޓީ އުވާލުމުގެ މަރުހަލާ ކަމަށާއި އެކަން ކުރުމަށް އީސީގެ ލީގަލް ބިއުރޯއާ މަޝްވަރާ ފަށާފައިވާ ކަމަށެވެ.
އެފަހުން އީސީން ނެރުނު ބަޔާނެއްގައި ވަނީ ޑީއާރްޕީ އުވާލާފައިވާތީ އެ ޕާޓީގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިޔުން މަނާކޮށްފައެވެ.
ޑީއާރްޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު މިއަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ވަގުތެއްގައި ޕާޓީ އުވާލުމަކީ ޑިމޮކްރަސީއާއި ނުހަނު ބީރައްޓެހި ސިފައެއް ކަމަށެވެ. ޑީއާރްޕީއަކީ ދެވަނައަށް ރާއްޖޭގައި އެންމެ ޒަމާންވީ ސިޔާސީ ޕާޓީ ކަމަށާއި އެ ޕާޓީ އުވިދިޔަ ނުދިނުމަށް ކުރަމުން އައި މަސައްކަތް އީސީން ހުއްޓުވާފައިވާތީ ކޯޓަށް ދިޔުމަށް ނިންމާފައިވާ ކަމަށްވެސް ޑީއާރްޕީން ބުންޏެވެ.
"ފަނޑިޔާރުގެއިން މިކަމަށް ހައްލެއް ނުލިބިއްޖެނަމަ، ޖޭޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް މައުލޫމާތަށްޓަކައި ދަންނަވާލަމެވެ" ޑީއާރްޕީން ބުންޏެވެ.
ޑީއާރްޕީގެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް ގެނައުމަށް އީސީން ނިންމާފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ އެކިއެކި ދަރަނީގެ ކަންކަންކަމުގައި ގުޅަމުން އަންނަ މީހުން މީގެ ފަހުން އީސީއަށް ގުޅައިގެން އެކަން ހައްލުކުރުމަށް ޑީއާރްޕީން ވަނީ އެދިފައެވެ.
އީސީން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ޑީއާރްޕީ އުވާލާނެކަމުގެ ނޯޓިސް އެ ޕާޓީއަށް ފޮނުވައިފައެވެ. އެ ފަހަރު އީސީން ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށް ވެސް ނޯޓިސް ފޮނުވައިފައެވެ. އެ ހުރިހާ ޕާޓީތަކަށް އީސީން އެންގީ ތިން މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުން ހަމަކުރުމަށެވެ. އެ ފަހަރު އެމްއެލްއެސްޑީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަނީ މެންބަރުން ހަމަކޮށް އެކަމުގެ ލިޔުން އީސީން ހޯދައިފައެވެ.
ފުއާދު ވިދާޅުވެފައިވަނީ، އަހަރަކު ދެ ފަހަރު އީސީން މެންބަރުންގެ އަދަދު ހަމަވޭތޯ ބަލާނެ ކަމަށާއި އެގޮތުން އެންމެފަހުން ބެލިފަހަރު ޑީއާރްޕީގައި މެންބަރުން ހަމަނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"މެންބަރުންގެ އަދަދު ހަމަވޭތޯ އަހަރަކު ދެ ފަހަރު އީސީން ބަލާނެ. ކުރިން ފަހަރުގެ ނޯޓިހާ ގުޅިގެން ޑީއާރްޕީން ވަނީ މެންބަރުން ހަމަކޮށްފައި. އެކަމަކު އެއަށްފަހު އަލުން އީސީން ބެލިއިރު މެންބަރުން ހަމަވެފައެއް ނެތް،" ފުއާދު ވިދާޅުވެފައިވެއެވެ.
އީސީގެ ވެބްސައިޓުގައިވާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހާ ހަމަޔަށް ޑީއާރްޕީގެ މެންބަރުންގެ އަދަދަކީ 2،681 އެވެ.
ޑީއާރްޕީއަކީ 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ރަޖިސްޓްރީކުރި ޕާޓީއެކެވެ. އެ ޕާޓީގެ ފުރަތަމަ ލީޑަރަކީ މިހާރު އެމްއާރްއެމްގެ ޒައީމްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްއެވެ. 2008 ވަނަ އަހަރު މައުމޫން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރި އިރު، ރަނިން މޭޓަކީ ޑީއާރްޕީގެ އެއިރުގެ ނައިބު ޒައީމް ތަސްމީން އަލީއެވެ.
ދެހާސް ދިހަ ވަނަ އަހަރު ބޭއްވި ޑީއާރްޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރަކަށް އިންތިހާބު ކޮށްފައިވަނީ ތަސްމީނެވެ. އެއަށްފަހު އެ ޕާޓީގެ ތެރޭގައި މައުމޫން އާއި ތަސްމީނުގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އުފެދުމުގެ ސަބަބުން މައުމޫން ވަނީ ޕީޕީއެމް އުފައްދަވައިފައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ތަސްމީން ވެސް ވަނީ ޑީއާރްޕީން ވަކިވެވަޑައިގެންފައެވެ. ތަސްމީނަށްފަހު ޑީއާރްޕީގެ ލީޑަރުގެ މަގަމާވާ ހަވާލުވެވަޑައިގަތީ ކާނަލް މުހައްމަދު ނަޝީދުއެވެ.
ޑީއާރްޕީން 2019 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރުގެ މަގާމު ވަނީ ކާށީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރާ ހަވާލުކޮށްފައެވެ. އަދިވެސް އެ މަގާމުގައި ހުންނެވީ ޖަބީރެވެ.
ޚަބަރު
ޚަބަރު
ޚަބަރު