ވޯލްޑް ކަޕް

ސަތޭކަ ގަޑީގެ ހަނގުރާމަ ނުވަތަ ވޯލްޑްކަޕް ހަނގުރާމަ، ކޮންމެ ނަމެއްކިޔަސް ސަބަބަކަށްވީ ހަމަ ވޯލްޑްކަޕެވެ.

އިމާދު ލަތީފު

ވޯލްޑްކަޕަކީ ބައެއްފަހަރަށް ދެގައުމެއްގެ މެދުގައި ބޮޑުވެގެންވާ ހަނގުރާމައެއްވެސް ހިނގުމަށް މެދުވެރިވާ ސަބަބެކެވެ. މެދުތެރޭ އެމެރިކާގެ ދެގައުމުކަމަށްވާ އެލްސެލްވަޑޯރާއި ހޮންޑިއުރަސްއިން 1969 ވަނަ އަހަރުކޮށްފައިވާ ހަނގުރާމަ މަޝްހޫރުވެފައިވަނީ ފުޓްބޯޅައިގެ ހަނގުރާމައިގެ ނަމުންނެވެ. ސަތޭކަ ގަޑީގެ ހަނގުރާމައޭވެސް ބައެއް މީހުން ކިޔައެވެ. ކޮންމެއަކަސް މި ހަނގުރާމަ ފެށުނީ 1970 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަށް ދެގައުމުގެ މެދުގައި ކުޅެވުނު ތިން މެޗަކާ ގުޅިގެންނެވެ. ފުރަތަމަ މެޗު ކުޅުނީ ހޮންޑިއުރަސްގައެވެ. އެމެޗު އެކެއް ސުމަކުން ކާމިޔާބުކުރީ ހޮންޑިއުރަސްއެވެ. އެލްސެލްވަޑޯރުގެ ކުޅުންތެރިން މެޗުގެ ކުރީރޭ ތިބީ ނުވެސް ނިދައެވެ. ބޭރުގައި ހޮންޑިއުރަސްގެ ސަޕޯޓަރުން ގަސްތުގައި އަޑުގަދަކޮށް ޑަބިޔާ ތަޅާވަރުންނެވެ.

ހޮންޑިއުރަސް މޮޅުވީމާ އެކަމުގެ ހިތާމައިން އެލްސެލްވަޑޯރުގެ ޒުވާން އަންހެންކުއްޖަކު އޭނާގެ ބައްޕަގެ ފިސްތޯލަ އަމިއްލަ މެޔަށް ޖަހައިގެން މަރުވިއެވެ. އެއީ އެލްސެލްވަޑޯރަށްޓަކައި ގުރުބާންވި ބަތޮލަކަށް ބަލައިގެން އެލްސެލްވަޑޯރުގެ ރައީސާއި ވަޒީރުންވެސް އޭނާގެ ޖަނާޒާގައި ބައިވެރިވިއެވެ. މިކަން މިމަގުން ހިނގާފައިވަނިކޮށް ދެވަނަ މެޗު ކުޅެން ޖެހުނީ އެލްސަލްވަޑޯރުގައެވެ. މެޗު ކުޅެން އެގައުމަށް ދިޔަ ހޮންޑިއުރަސްގެ ކުޅުންތެރިންނަށް ނިދިޔަކަވެސް ނުދިނެވެ. މެޗުގެ ކުރިން ސްޓޭޑިއަމްގައި ހޮންޑިއުރަސްގެ ދިދައިގެ ބަދަލުގައި ނެގީވެސް ގޯނި ދިދައެކެވެ. ގައުމީ ސަލާންވެސް ކުޅުނަކަ ނުދިނެވެ. ކޮންމެއަކަސް އެމެޗު ތިނެއް ސުމަކުން ކާމިޔާބުކުރީ އެލްސެލްވަޑޯރެވެ. މެޗުގެ ކުރިންވެސް އަދި ފަހުންވެސް ހޮންޑިއުރަސްގެ ސަޕޯޓަރުންނަށް ހަމަލާދީ އެތައް ބަޔަކު މަރައިލިއެވެ.

ކޮންމެ ބަޔަކުވެސް އެބައެއްގެ ގައުމުގައި މޮޅުވެފައިވާތީއާއި ކޮންމެ މެޗެއްވެސް ކުޅުނީ ނާމާންކަމާއި ބިރުވެރިކަމުގެ ތެރޭގައި ކަމަށްވާތީ ވަކިފަރާތަކަށް ނުޖެހޭ ތިންވަނަ ގައުމެއްގައި އައު މެޗެއް ކުޅެން ޖެހުނެވެ. އެ މެޗު ކުޅެން ނިންމީ ވޯލްޑްކަޕްވެސް ބޭއްވުމަށް ހަމަޖެހިފައިއޮތް މެކްސިކޯގައެވެ. ފުރިހަމައަށް ހަތިޔާރު އަޅައިގެން ތިބި މެކްސިކޯގެ ތިންހާހެއްހައި ފުލުހުން ސްޓޭޑިއަމްގައި ތިބެގެން ކުޅުވި މި މިމެޗު ތިނެއް ދޭކުން ކާމިޔާބުކުރީ އެލްސެލްވަޑޯރެވެ. މޮޅުވި ލަނޑުޖެހީ އިތުރުވަގުތުގެ ކުޅުމުގައެވެ. އެގޮތުން 1970 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވީ އެލްސެލްވަޑޯރެވެ. ހޮންޑިއުރަސް ކެޓީއެވެ. ހޮންޑިއުރަސްއަކީ ސައިޒުގެ ގޮތުން އެލްސެލްވަޑޯރަށްވުރެ ފަސްގުނަ ބޮޑު ގައުމެކެވެ. އެކަމަކު ހޮންޑިއުރަސްއަށްވުރެ އެލްސެލްވަޑޯރުގެ އާބާދީ ތިންގުނަ ބޮޑެވެ.

ހޮންޑިއުރަސް ކަޓުވާލައި އެލްސެލްވަޑޯރަށް ވޯލްޑްކަޕުގެ ޖާގައެއް ލިބުމުން އެލްސެލްވަޑޯރުގައި އުފާވެރިކަން ފެތުރުނީ ވަކިވަރަކަށް ނޫނެވެ. އިމުގެ މައްސަލަޔާއި ހިޖުރަވެރިންގެ މައްސަލަޔާއި ވިޔަފާރީގެ މައްސަލައިގައި ކުރީއްސުރެ އުފެދިފައިއޮތް ނުތަނަވަސްކަން ނުރައްކާތެރި ހިސާބަކަށް އުފުލުނީ ބަލަބަލައި ތިއްބައެވެ. ނަތީޖާއެއްގެ ގޮތުން ވޯލްޑްކަޕުގެ ޖާގަ އެލްސެލްވަޑޯރަށް ކަށަވަރުވީ ދުވަހު އެގައުމުންވަނީ ހޮންޑިއުރަސްއާ ސިޔާސީ ގުޅުން ކަނޑާލައިފައެވެ. ކޮލިފިކޭޝަނަށް ދެ ހަފުތާ ފަހުން ފެނުނީ ކުއްލިއަކަށް އެލްސެލްވަޑޯރުގެ ވައިގެ ސިފައިން ހޮންޑިއުރަސްއަށް ބޮންއެޅި މަންޒަރެވެ. ރައްދުގައި ހޮންޑިއުރަސްއަށް އަދި ކަމެއް ނުކުރެވިގެން އުޅެނިކޮށް އެލްސެލްވަޑޯރުގެ އެއްގަމު ސިފައިން ދެދިމާލަކުން ހޮންޑިއުރަސްގެ ތެރެއަށް އަރައިގަތެވެ. މިދަނޑިވަޅުގައި ހޮންޑިއުރަސްއަށް މަދަދުކުރީ ނިކަރާގުއާއިންނެވެ. އެލްސެލްވަޑޯރުގެ ސިފައިން ކުރިއަރައިގެންގޮސް ހޮންޑިއުރަސްގެ ވެރިރަށް ފެންނަ ހިސާބަށްވެސް ދިޔައެވެ.

ސަރަހައްދީ އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ހަމްދަރުދީ ލިބުނީ ހޮންޑިއުރަސް އަށެވެ. އެއީ ހޮންޑިއުރަސްއަށް އިސްވެ ހަމަލަދީ އަރައިގަތީ އެލްސެލްވަޑޯރުންކަމަށްވާތީއެވެ. މިކަމުގެ ތެރެއަށް ސަރަހައްދީ ޖަމާއަތް ކަމުގައިވާ އޮގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް، އޯއޭއެސް ވަދެ ހޯހޯ ގޮވައި އެލްސެލްވަޑޯރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރުދީގެން ގަދަކަމުން ހަނގުރާމަ ހުއްޓުވައި އެލްސެލްވަޑޯރުގެ ސިފައިންވެސް ބޭލުވީއެވެ. އަސްލު ހަނގުރާމަ ހިނގީ ހަތަރު ދުވަހުއެވެ. ސަތޭކަ ގަޑިއިރުއެވެ. އެހެންވެގެން މިހަނގުރާމައަށް ސަތޭކަ ގަޑިއިރުގެ ހަނގުރާމައޭ ކިޔަނީއެވެ. އެކަމަކު ދެގައުމުގެ މެދުގައި ދާއިމީ ސުލްހައެއް ގާއިމުކުރެވި މައްސަލަ ހައްލުކުރެވުނީ ބާރަ އަހަރު ފަހުންނެވެ. މިހަނގުރާމައިގައި ދެފަރާތުންވެސް އެތައްހާސް ބަޔަކު މަރުވެ އެތައް އެތައް ގެެއްލުމެއް ލިބުނެވެ.

ހޮންޑިއުރަސްއަށް އަރައިގަތީ އެލްސެލްވަޑޯރުން ކަމަށްވިޔަސް، ހަނގުރާމަ ފަށައި އުދުވާން ހިންގީ އެލްސެލްވަޑޯރުން ކަމަށްވިޔަސް، އަދި ހަނގުރާމައިގެ މައިގަނޑު ސަބަބަކީ ފުޓްބޯޅަ ކަމަށްވިއަސް ފީފާއަކުން އެލްސެލްވަޑޯރ ސަސްޕެންޑެއް ނުކުރެއެވެ. ވޯލްޑްކަޕަކުން ބޭރެއް ނުކުރެއެވެ. ޔުކްރޭނުގެ މައްސަލައިގައި މިފަހަރު ރަޝިޔާއާ ދެކޮޅަށް އެޅިކަހަލަ ފިޔަވަޅުތަކެއް އެލްސެލްވަޑޯރާ ދެކޮޅަކަށް ނާޅައެވެ. އެހެންވީމާ ވޯލްޑްކަޕުގައި އެލްސެލްވަޑޯރ ކުޅުނެވެ. އެކަމަކު ހޮންޑިއުރަސްއާ ދެކޮޅަށް ދެއްކި ގަދަކަމެއް ވޯލްޑްކަޕަކު ނުދެއްކުނެވެ. ގްރޫޕް ފިޔަވަހީގައި ބެލްޖިއަމް އަތުން ތިނެއް ސުމަކުން، މެކްސިކޯ އަތުން ހަތަރެއް ސުމަކުން، އަދި ސޯވިއެޓް ޔޫނިއަން އަތުން ދޭއްސުމަކުން ބަލިވެ ފުރަތަމަ ބުރުން ފޭލްވީއެވެ. އެންމެ ގޯލެއްވެސް ކާމިޔާބު ނުކުރެވިއެވެ.