Close
ވާހަކަ

ބަދު ދުއާ - ފަހުބައި

މެންދުރު ނަމާދުން ނިމިގެން އާދައިގެ މަތިން ފަރަހަނާޒު އޭނާގެ ދަރިފުޅަށް ހެޔޮދުއާ ކުރިއެވެ. އަދި އޭނާގެ ދަރިފުޅު އެގޮތަށް، ނިމިގެން ދާން ޖެހުނީ އެ ބުނާ ރަޒީއަކާ ހެދި ކަމަށްވާ ނަމަ، އެ މީހާ އޭނާއަށް އެނގޭނެ ގޮތެއް މެދުވެރި ކޮށްދެއްވުން އެދި އާދޭސް ދެންނެވިއެވެ. ކިތަންމެ ކުރަން ބޭނުން ނުވާ ކަމަކަށް ވިޔަސް ހިތާހިތުން ތާ އަބަދު އެ މީހަކަށް ކުރެވޭ ބަދު ދުއާ ދުލާ ހަމައަށް ވެސް އައީއެވެ.

ނަމާދުން ފައިބައިގެން، ފަރަހަ ކޮޓަރިން ނުކުމެ ގަޑި ބަލައިލިއެވެ. އެކެއް ޖަހާ ބޮޑު ވެއްޖެއެވެ. މިއަދަކީ ހާއްސަ ދުވަހެކެވެ. ބޮޑު ދުވަހެކެވެ. އާނއެކެވެ. އޭނާގެ ނިޔާ ދެން މާގިނަ އިރެއް ނުވެ އަތުވެދާނެއެވެ. މިހާރު ނިޔާ އިންނާނީ ފުލައިޓްގައެވެ. އަސްތާއެވެ. އެތައް އަހަރަކަށް ފަހު އޭނާ އާއި ނިޔާޒު ބައްދަލުވާން އުޅެނީއެވެ. ފަރަހަ ރަކި ވެއްޖެއެވެ. އުމުރުން މިހިސާބަށް އައި އިރުވެސް އަދިވެސް އޭނާ ފުރާވަރުގެ މޮޔަ އަންހެން ކުއްޖެއް ފަދައިން ލަދު ގަންނަނީއެވެ.

ނިޔާޒުގެ ވާހަކަ ބައްޕައަށް ނަންގަންނަން އެތައް ފަހަރަކު ހިތަށް އެރުމާއެކު ވެސް އޭނާ އެ އިންތިޒާރު ކުރަނީ ނިޔާޒު އައުމުން ބައްޕައަށް ގުޅައިގެން އެވާހަކަ ދެއްކުމަށެވެ. މިފަހަރު އޭނާގެ އުފަލަކަށް ބައްޕަ މަނާ ނުކުރައްވާނެކަން އޭނާއަށް ޔަގީންވެއެވެ.

މަޑު ނޫ ކުލައިގެ ހެދުމެއްގައި އޭނާ ރީތި ވަމުން ދިޔައެވެ. މިއީ އޭނާ އަށް ކަމުދާ ކުލައެއް ނޫނެވެ. އެކަމަކު މި ކުލަ އެ މީހަކަށް ރީތި ވާ މީހާ އޭނާ އަށް ކަމުދެއެވެ. "މަޑު ނޫ ކުލައިގެ ހެދުމުގައި ފަރޫ ވަރަށް ރީތި..." އެތައް ފަހަރަކު ނިޔާޒު ބުނެފައިވާ އެޖުމްލަ އޭނާ އަބަދުވެސް ހަނދާން ހުރެއެވެ.

"މިއަދު ދަރިފުޅު ހުރިނަމަ ކޮންފަދަ ...." ފަރަހަ، ފާރުގައި ހުރި މިކްޔަލްގެ ހިނިތުން ވެފައިވާ ތަސްވީރުގައި ފިރުމައިލިއެވެ. މިއަދު އޭނާ އެހުރީ ނިހާޔަތަށް އުފާ ވެފައިކަން ގައިމެވެ. އެހެން ނަމަވެސް މިކްޔަލް އޭނާގެ މި އުފަލުގައި ބައިވެރިވާން ނެތްކަމުގެ ހިޔާލު އޭނާ ހިތުން ނެރެލާނީ ކިހިނެއް ހެއްޔެވެ. މިކްޔަލް ނެތުމުން އޭނާގެ ހަޔާތަށް އައިސްފައިވާ އުނިކަން ނިޔާޒު އައުމަކުން ފިލުވައެއް ނުލެވޭނެއެވެ. ކިތަންމެ ލޯބިވިއަސް، ހިތް އެދުނަސް، މިކްޔަލްއާ ނުލައި އޭނާގެ ހިތަށް ލިބިފައިވާ ހިތާމަ އާއި ކެކުޅުން ނިޔާޒަކަށް ބަދަލެއް ނުކުރެވޭނެއެވެ.

"ނިޔާޒު އަންނަން ބުނި ގަޑިއަށް ވުރެ މާބޮޑަށް ވެސް ލަސް ވެއްޖެ-... އަނެއްކާ ކިހިނެއްވީބާ....؟"

ގަޑި ބަލައިލުމާއެކު ފަރަހަ ކަންބޮޑުވެއްޖެއެވެ. މެންދުރުގެ ފްލައިޓުން އައިނަމަ މިހާރު ނިޔާޒަށް މިގެއާ ހަމައަށް އާދެވިދާނެއެވެ. އަނެއްކާ ނިޔާޒު އޭނާއަށް އޮޅުވައިލީ ހެއްޔެވެ. ނޫނެކެވެ. އޭނާގެ ނިޔާ އޭނާއަށް އެއްވެސް ކަމެއްގައި ދޮގެއް ނުހަދާނެއެވެ.

ފަރަހަ ދެތިން ފަހަރަކު ނިޔާޒުގެ ނަންބަރަށް ވެސް ގުޅައިފިއެވެ. އެހެންނަމަވެސް، ފުލައިޓަށް އަރަމުން ނިވައިލި ގޮތަށް އަދިވެސް ނިޔާޒުގެ ފޯނު އޮތީ ނިވާލައިފައެވެ. އެކި ގޮތްގޮތަށް ވިސްނަމުން ގޮސް ފަރަހަގެ ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. ހަމަ އެންމެ ހިނދުކޮޅަކަށް އަޑު އިވުމަށްފަހު ނިޔާޒު އޭނާ އަށް ދޮގު ހަދައި އޮޅުވައިލީ ހެއްޔެވެ. އެކަމަކު އެހެން ވެގެން ނުވާނެއެވެ. އެންމެ ފަހުން ނިޔާޒު އޭނާ އާ ވާހަކަ ދެއްކި އިރު ފުލައިޓުގެ އަޑު ވެސް އިވުނެވެ. ނުވިސްނުނެވެ. އެކައްޗެއް ވެސް ނުވިސްނުނެވެ.

އެދުވަހުގެ އިރުއޮއްސުނު އިރުވެސް ނިޔާޒުގެ އެއްވެސް ހަބަރެއް ނުލިބެއެވެ. އެތައް ފަހަރަކު ގުޅުމުން ވެސް އެނަންބަރާ ގުޅޭ ގޮތެއް ވެސް ނުވިއެވެ. އިންތިޒާރުގެ ވަގުތުތައް ގުނަގުނައި އޮއްވައި އިރުއޮއްސުނު އިރެއްވެސް ފަރަހަ އަކަށް ނޭނގުނެވެ. އެހެން ނަމަވެސް މަޣްރިބް ނަމާދުގެ ބަންގީގެ އަޑު އޭނާ ސަމާލު ކުރުވިއެވެ. ފުންމައިގެން ތެދުވުމާއެކު އޭނާ ނަމާދަށް އަވަސްވެގަތެވެ.

*********

އިޝާ ނަމާދަށްފަހު، ކެއުމުގެ ކުރިން ރޭގަނޑު އަށެއްގެ ހަބަރު ބެލުމަކީ ފަރަހަގެ އާދަ އެއް ކަމުން ބަދިގެއަށް ވަދެ ކޮފީ ތަށްޓެއް ގިރައިގެން، އޭނާ ބޮޑު ކޮޓަރިއަށް އަތުވެއްޖެއެވެ. ސޯފާގައި އިށީންނަމުން އަދިވެސް އެއްފަހަރު އޭނާ ނިޔާޒުގެ ނަންބަރަށް ގުޅައިލިއެވެ. ނަމަވެސް މި ފަހަރު ވެސް އެ ނަންބަރާ ގުޅޭ ގޮތެއް ނުވިއެވެ. ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ހިޔާލުތަކާ ދުރުވެވޭތޯ މަސައްކަތް ކުރަމުން، ފަރަހަ ރިމޯޓްނަގައި ޓީވީ ހުޅުވައިލިއެވެ.

ހަބަރުތަކުގެ ތަފުސީލު ކިޔަން ފެށުމުގެ ކުރިން، ރޭގެ މުހިންމު ހަބަރުތަކުގެ ސުރުހީތައް ކިޔަން ފެށުމާއެކު އެއިވުނު އަޑު ފަރަހަގެ ހިތް ހަލާކު ކޮށްލިއެވެ.

"އައްޑު އަތޮޅު ގަމުން، ހިތަދޫ އަށް ދަތުރު ކުރި ސައިކަލެއް، ރުކެއްގައި ޖެހި އެކްސިޑެންޓްވެއްޖެ..."

މާތް ކަލާކޯއެވެ. ނިޔާޒުގެ ހަބަރެއް ނުވީ އެހެން ވެގެން ހެއްޔެވެ.

"ނިޔާ މިހާރު ތި ހިސާބަށް ވަރަަށް އާ ވާނެ. މުޅިން ބީރައްޓެހި ވެފަ މުޅި އަތޮޅުވެސް އޮންނާނީ، ދަންނަ މީހުންނެއްވެސް ނުތިބޭނެ. ކިހިނެއް ތި ހިސާބުގައި ދުއްވާ އެއްޗެއް ނެތި އުޅޭނީވެސް...." ރަށަށް އަންނަން ތައްޔާރު ވަމުން ނިޔާޒު ފޯނުން ދެއްކި ވާހަކަތައް ފަރަހަގެ ހަނދާނުގައި އެނބުރިގަތެވެ.

"ފަރާގެ ސައިކުވެސް ހުންނާނެއެއްނު..." ފަރަހަގެ ސައިކަލު ދުއްވާނެ އިތުރު މީހަކު ޔަގީނުންވެސް ނުހުންނާނެ ވިއްޔާއެވެ. އެހެންކަމުން ނިޔާޒަށް ފަރަހަގެ ސައިކަލުވެސް ބޭނުން ކުރެވިދާނެ ވާހަކަ ފަރަހަ ބުންޏެވެ.

އެހެންނަމަވެސް ނިޔާޒު އެގޮތަށް އެއްބަހެއް ނުވިއެވެ.

"ރަށަށް އައުމުގެ ކުރިން އީކުއޭޓާ ދޮންބެ އާ ހަވާލުކޮށްފަ ފޮނުވާލަންވީނު.... އީކުއޭޓާ ވިލެޖުގެ ސްޕީޑުބޯޓުން ދޮންބެމެންގެ ވިޔަފާރި މުދާ ގެންނާނެ. އޭގެ ތެރޭގައި ސައިކަލުވެސް ގެނެވިދާނެއެއްނު..." އޭރުގެ ގިނަ މުދާ ގަމަށް ގެންނަނީ އީކުއޭޓާގެ ސްޕީޑުންނެވެ. އެންމެންވެސް އެތަނުގެ ވެރިމީހާއަށް ކިޔަނީ ދޮންބެއެވެ.

"އެ ކީއްކުރަން ފްލައިޓުގަވެސް ގެނެވިދާ އެއްނު... އެއްވެސް މީހެއް ގާތު އެވަރުގެ ބޮޑެތި ކަންކަމުގަ ބުނާކަށް ނުވާނެއެއްނު." ނިޔާޒަކީ ގޮތުގައި ހުންނަ ފިރިހެނެކެވެ.

"އެކަމަކު ވަރަށް އަގުބޮޑުވާނެއެއްނު... އެހެންކަންތައްވެސް ވަރަށް ބޮޑު ވާނެވިއްޔަ... އެހެންވެ ފުލައިޓުން ގެންނާނެ ކަމެއް ނެތޭ." ދެންވެސް ފަރަހަ ނިޔާޒަށް ވިސްނައިދެވޭތޯ ބެއްޔެވެ.

އެހެންނަމަވެސް ނިޔާޒު ހުރީ މުޅި ޖާނާއި މާލު ހުސްކޮށްގެންވެސް ފަރަހަ ގާތަށް އައުމަށް ކެތް މަދުވެފައެވެ. އެހެންކަމުން ފަރަހަގެ ބުނުމަކަށް އަޑު އެހުމެއް ނެތި ބޮޑު ހަރަދެއްކޮށްގެންވެސް ނިޔާޒު ފުރީ ސައިކަލު ފްލައިޓުން ގެނެވޭނެ ގޮތް ހަމަޖައްސައިގެންނެވެ.

އެންމެ ފަހުން އޭނާގެ ބަހާ ދެކޮޅު ހަދާފައި އައިސް ނިޔާޒު ހިތްދަތި ހާދިސާއެއްގައި ބެދުނީ ހެއްޔެވެ.

އޭނާ ދެ އަތަކަށް ބޯހޫރައިލަމުން ހަބަރުތަކުގެ ތަފުސީލު ފަރުވާތެރި ކަމާއެކު އަޑު އަހަން ފެށި އެވެ. އެންމެ ފުރަތަމަވެސް ފެށީ އެ ހަބަރުންނެވެ.

"އައްޑު އަތޮޅު ގަމުން، އެ އަތޮޅު ހިތަދޫއަށް ދަތުރުކުރި ސައިކަލެއް، ލިންކްރޯޑް މަތިން ކައްސައިލައި، ރުކެއްގައި ޖެހި، ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި. މިއަދު މެންދުރު ދޭއް ދެގަޑިބައިހާއިރު ހިނގި މި އެކްސިޑެންޓުގައި، ސައިކަލުގައި އިން ހަމައެކަނި ޒުވާނާ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި އެ ޒުވާނާ އަށް މި ވަގުތު، ސ. ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ހަބަރު ލިބިފައިވޭ – ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ލަފާ ކުރެވެނީ ސައިކަލުގެ ފުރޮޅު ކަހާލައިގެން ދިޔަވަގުތު، ލިންކް ރޯޑުގައި ހުރި ރުކެއްގައި ޖެހި، މާދުރަށް ވިއްސައިގެން ދިއުމުން ކަމަށް ވޭ – އަދި އެގޮތަށް ކަންތައްވީ ދުއްވަން ޖެހޭ ވަރަށް ވުރެ މާ ބާރަށް ދުއްވުމުން ކަމާއި ލިންކްރޯޑްގައި އެގޮތައް ދުއްވުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށްވެސް އެފަރާތުން ވިދާޅުވެފައިވޭ. މިއެކްސިޑެންޓުގައި އަނިޔާވެފައިވާ ޒުވާނާ އަކީ ކ. އަތޮޅު ގުރައިދޫ ޒުވާނެއް ކަމަށާއި އޭނާގެ އާއިލާއަށް މިހަބަރު ދީފައިވާ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވާފައިވޭ"

ހަބަރު ކިޔަމުން ދިޔައިރު، ޓީވީ އިން ފެނުނު މަންޒަރުތަކަކީ ފަރަހައަށް ބަލަން ފަސޭހަ މަންޒަރު ތަކެއް ނޫނެވެ. ބޭނުން ކުރެވޭ ވަރަށްވުރެ މާބޮޑަށް ވެސް ހަލާކުވެފައިވާ ސައިކަލު އޮތް ދިމާއިން މަގު މަތީގައި ލޭގެ ބޮޑެތި ނިޝާންތައް ހުއްޓެވެ. ފުލުހުންގެ ބަހުގައި ހޮސްޕިޓަލަށް ގެންދިޔަ ނިޔާޒުގެ ލެއިން ތަތްތެޅިފައިވާ ހަށިގަނޑު ފެނުމުން ފަރަހައަށް ތެޅިގެންފައި ސޯފާއިން ތެދުވެވުނެވެ. އަދި އަވަސް އަވަހަށް ހޮސްޕިޓަލަށް ދިއުމަށްޓަކައި ޓެކްސީއަކަށް ގުޅައިލިއެވެ.

ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގެ ދޮރު ހުޅުވައިލުމަށްފަހު، ފަރަހަ އެތެރެއަށް ވަނުމުގެ ހުއްދައަކަށް އެދުނެވެ.

"މިއަދު އެކްސިޑެންޓް ވެގެން ގެނައި މީހާއަކީ ފަރޫގެ މިޔުޒިކް ޓީޗަރު.... މި އަތޮޅުގައި އޭނާގެ އެއްވެސް އެހީތެރިއެއް ނުހުންނާނެ – އަހަރެން މިއައީ އޭނާގެ އެހީތެރިއެއްގެ ގޮތުން..." ނަރުސްކުއްޖާ ކުރި ސުވާލަށް ޖަވާބުދެމުން ފަރަހަ ބުނެލިއެވެ. ރަށުގެ ގިނަ މީހުނަށް ފަރަހަ އެނގެއެވެ. އަމުދުން މިކްޔަލް ހޮސްޕިޓަލުގައި އެޑްމިޓްކުރި ފަހަރު، ހޮސްޕިޓަލްގެ ގިނަ ސްޓާފުންނާއި ނަރުހުންނާއި ފަރަހަ ވަރަށް ބޮޑަށް ރައްޓެހި ވެފައިވެއެވެ.

"މަޑުކޮށްލައްވާ... ޑޮކްޓަރަށް ދަންނަވާފައި ނޫނީ ހުއްދައެއް ނުދެވޭނެ... އެ ޕޭޝަންޓުގެ ހާލު ވަރަށް ސީރިއަސް ވީމާ ކަންނޭނގެ–.... ޑޮކްޓަރު އަންގަވާފައި އޮތީ އެއްވެސް އެހީތެރިއެއްގެ ހަބަރެއް ވެއްޖެނަމަ ޑޮކްޓަރަށް އެންގުމަށް..." ނަރުސް ކުއްޖާ މޭޒުމަތީގައި ހުރި ފޯނުގެ އަތްގަނޑު ނަގަމުން ވާހަކަ ދެއްކިއެވެ.

ހަމަ ވަރަށް ކުޑަ އިރުކޮޅަކަށްފަހު ހޮސްޕިޓަލްގެ އެންމެ އިސް ޑޮކްޓަރު ޑރ. ޝާހިދު އިމަޖެންސީ ރޫމަށް އަތުވެއްޖެއެވެ. އަދި ހިނިތުން ވެލާފައި ފަރަހައާ ސުވާލުކޮށްލިއެވެ. އެހެންނަމަވެސް އެއީ އުފާވެރި ހިނިތުން ވުމެއް ނޫންކަން ފަރަހައަށް އިހުސާސް ކުރެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ޑރ. ޝަހީދުގެ އިޝާރާތަކަށް ނަރުސް ކުއްޖާ އެތަނުން ދުރަށް ދިއުމުން ފަރަހައަށް އިށީނުމަށް ގޮނޑިއެއް ދެއްކުމަށްފަހު ޑޮކްޓަރު ވެސް ގޮނޑި އެއްގައި އިށީނެވެ.

"މިސްޓަ ނިޔާޒަކީ ފަރަހަގެ ކިހާގާތް މީހެއް-؟" ޑރ. ޝަހީދަކީ އިންޑިޔާގެ ޑޮކްޓަރެއް ކަމުން ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

"ވަރަށް ކުރިން ވެސް ދަންނަން– ކުރީގެ ޓީޗަރެއް އެއީ– އެއަށްވުރެ ގާތް މީހެއް ވެސްމެ. އޭނާ މިރަށަށް އައީ އަހަންނާ ބައްދަލު ކުރަން...." ފަރަހަގެ އަޑާއި ރާގު ހުރި ގޮތުން ޑޮކްޓަރުގެ ތަޖުރިބާކާރު ސިކުނޑި އަށް ނިޔާޒަކީ ފަރަހަގެ ކިހާވަރެއްގެ ގާތް މީހެއްކަން ވަރަށް ފަސޭހައިން ދެނެގަތެވެ.

"މިއީ އަހަން ފަސޭހަ ވާހަކަ އަކަށް ނުވާނެ– އެކަމަކު ހިތްވަރު ކުރަން ވާނެ– މިއަށް ވުރެ މާބޮޑެތި ކަންތަކުގައި ވެސް ކެތްކުރީމެއްނުދޯ...؟" ޑރ. ޝަހީދު ވާހަކަދައްކަމުން ފަރަހައަށް ބަލައިލިއެވެ.

"މިސްޓަ ނިޔާޒަށް ވަރަށް ބޮޑެތި އަނިޔާ ތަކެއް ލިބިފަހުރީ. މި ހޮސްޕިޓަލުން އޭނާ އަކަށް އެކަށީގެންވާ ފަރުވާއެއް ނުދެވޭނެ- ވަރަށްވުރެ މާބޮޑަށް އަނިޔާވެފަ ހުރީ. އާންމުކޮށް މިކަހަލަ އެކްސިޑެންޓު ތަކުގައި ގެއްލުން ލިބެނީ މީހާގެ ބޮލަށް– ނޫނީ ފަޔަށް– އެކަމަކު ނިޔާޒުގެ..." ޑރ. ޝަހީދު ފުން ނޭވާއެއް ލުމަށް ފަހު އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ނިޔާޒުގެ ވަރަށް ނާޒުކު ގުނަވަނަކަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ވެފަ. އޭގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުމަށް ވެސް އަސަރު ކުރާނެ. އެހެންވެ ވީހާވެސް އަވަހަކަށް އޭނާ މާލެ ފޮނުވާ ލެވޭތޯ މިމަސައްކަތް ކުރަނީ. އޭނާގެ އާއިލާގެ މީހެއްގެ އެއްވެސް ހަބަރެއް ނުވާތީ މިހާ ގިނަ އިރު ވަންދެން ވެސް ފުރުވައި ނުލެވި އޮތީ. ނަސީބެއް ފަރަހަ އައިކަން. ބައެއް ކަހަލަ ލިޔުންތަކުގައި ސޮއި ކުރުމުން ފުރުމުގެ ކަންތައް ހަމަޖައްސައިލެވޭނީ...."

ފަރަހަ، ހިތުގެ ކެކުޅުން އޮބެހެއްޓޭތޯ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. އޭނާއަށް އަބަދު މިހެން ދިމާވަނީ ކީއްވެ ހެއްޔެވެ. އޭނާ އެންމެ ލޯބިވާ މީހުންނަށް އެފަދަ ދެރަ ގޮތްތައް ވަނީ ކީއްވެގެން ހެއްޔެވެ. އޭނާގެ ދިރިއުޅުމަށް އެޅިގެން މި އުޅެނީ ކޮންފަދަ ސުންޕާ ހިޔަންޏެއް ބާވައެވެ. ނުވަތަ ކޮންމެވެސް މީހެއްގެ ބަދުދުއާ އޭނާ އަނދާ އަޅިއަށް ހަދަނީ ބާވައެވެ.

"އަދި އެއް ވާހަކަ–.." އަނެއްކާ ވެސް ޑރ. ޝަހީދު ވާހަކަދައްކަން ފެށިއެވެ.

"މިސްޓަ ނިޔާޒަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާގެ އުނަގަނޑުން ތިރީގެ ވާގި ނެތުމުގެ ޕަސަންޓް ވަރަށް ބޮޑު. އެންމެ އެދެވޭ ފަރުވާ އެއް ނުދެވިއްޖެ ނަމަ އެހެން ވުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. ވީމާ، އޭނާއަށް ރަނގަޅު ފަރުވާއެއް ލިބޭ ހިސާބަކަށް ވީހާވެސް އަވަހަކަށް ގެންދިއުން ބުއްދިވެރި"

ފަރަހަ، ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ޑޮކްޓަރަށް ބަލައިލިއެވެ. ޑޮކްޓަރަށް އޭނާގެ ލޮލުގައިވާ ސުވާލުގެ އިހުސާސް ކުރެވުނީ ކަންނޭނގެއެވެ.

ގޮނޑިން ތެދުވުމާއެކު، ޑޮކްޓަރު ފަހަތުން އައުމަށް އިޝާރާތް ކޮށްލިއެވެ. "މިވަގުތު އޮތީ ނިދިފައި. ހޭނުލެއްވިއްޔާ ވަރަށް ރަނގަޅު...." ފަރަހަ ހަމައެކަނި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

ދަމާލެވިފައިވާ ފޮތިގަނޑުތަކުގެ ތެރެއަށް ވަދެވުމާއެކު، ފަރަހަގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ދިމާކުރިމަތީގައި ހުރި އެނދުގައި ބެންޑޭޖްތަކަކުން ފޮރުވިފައި އޮތް ނިޔާޒުގެ މޫނު ފެނުމާއެކު ފަރަހަގެ ވަށައިގެންވާ ހުރިހާ ތަނެއް އަނދިރި ވެގެން ދިޔަ ކަހަލައެވެ. ނިޔާޒުގެ މޫނުމަތީގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ސާފުކޮށް ބޭސްއަޅާފައިވެއެވެ.

އެއީ ފަރަހަގެ ހަޔާތުގައި ވެސް އޭނާއަށް ފެނުނު އެންމެ ފުރިހަމަ މޫނެވެ. މެރިފައިވާ އެ ދެލޮލަކީ އޭނާ އަށް މުޅި ދުނިޔެއިންވެސް ފެނުނު އެންމެ ރީތި އަސަރުގަދަ ދެލޮލެވެ. އަދިވެސް ނިޔާޒުގެ މޫނުމަތީގައި އޭރެކޭ އެއްގޮތަށް ހިތްދަމައިގަންނަ ފަދަ އަސަރެއް އެކުލެވިފައި ވެއެވެ. އައިވީ ގުޅާފައި އޮތް އަތަކީ އެއް އިރެއްގައި ފަރަހަގެ ހަށިގަނޑުގައި ފިރުމަދިން، އެއަތެއްގެ ތެރޭގައި ފަރަހަގެ ހިނިތުންވެ އުޅުނު އަތެވެ. ނިޔާޒުގެ ހަށިގަނޑުގެ ބޮޑުބައެއް އޮތީ ބެންޑޭޖް ކޮށްފައެވެ. ފަރަހަގެ ހިތަށް ތަދުވީ، އެމޫނުމަތިން ފެންނަމުން ދިޔަ ވޭން އިހުސާސް ވުމުންނެވެ.

"މިއީ މިޕޭޝަންޓްގެ ދަބަހާއި ސައިކަލުގެ ތަޅުދަނޑި"

ނަރުސް ކުއްޖަކު، ފަރަހަގެ އަތަށް އާދައިގެ ދަބަހަކާއި ތަޅުދަނޑިއެއް ދިއްކޮށްލިއެވެ.

"ކޮބާ ބޭސްސިޓީތަކާއި އޮޕަރޭޝަން ކުރުމަށް ހަރަދުވި ތަކެތީގެ ރަސީދު." ފަރަހައަށް ހޮސްޕިޓަލްގެ ގަވާއިދު އޮންނަ ގޮތް އެނގޭތީ ސުވާލުކޮށްލިއެވެ. ނަރުސްކުއްޖާ، ފައިލެއް ހުޅުވައިލުމަށްފަހު ދެތިން ކަރުދާސްގަނޑު ނަގައި ފަރަހަގެ އަތަށް ދިއްކޮށްލިއެވެ.

"އަވަހަށް އަންނަން ހަދައިގެން އެއްވެސް ވަރަކަށް ލާރި ނުގެނެވޭ. އިހަށް މި ބިލުތައް ބަހައްޓާ. ވަރަށް އަވަހަށް ގެއަށް ގޮސްފައި އަންނާނަން...." ފަރަހަ، ޑރ. ޝަހީދާއި ނަރުސް ކުއްޖާއަށް ބަލައިލަމުން ބުނެލިއެވެ.

"އެންމެ ރަނގަޅު. ފަރަހަ އަންނަންވާ އިރަށް، ނިޔާޒުގެ ލިޔުންތައް ތައްޔާރު ކޮށްލާނަން. މިރޭ ބާރައިގެ ފްލައިޓުން ނިޔާޒު މާލެ ފޮނުވުމުގެ ހުރިހާކަމެއް ނިމޭނީ އޭރުން..." ޑރ. ޝަހީދު، ނިޔާޒުގެ އައިވީ ޗެކްކޮށްލަމުން ބުނެލިއެވެ.

ގެއަށްގޮސް ވަނުމާއެކު، ފަރަހައަށް ގިސްލެވިއްޖެއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި އޭނާގެ ލޮލުން ފައިބަން ފެށިއެވެ. މިކްޔަލްގެ ވަކިވުން އޭނާގެ ހިތަށް ތަދުކުރީ ތަފާތު ގޮތަކަށެވެ. އެދުވަހު އޭނާގެ ލޮލުން އޮހޮރުނީ ލޭގެ ކަރުނައެވެ. މިރޭ އޭނާގެ ހިތާއި ލޯ އެގިސްލަނީ އެހެން ގޮތަކަށެވެ. މިއީ ވޭނީ ކަރުނައެވެ. ލޯބީގެ ވޭނުން ގިސްލާ ގިސްލުމެވެ. ހަޔާތުގެ ހުރިހާ އަލިކަމެއްހެން، މިކްޔަލް ގެންދިޔައިރުވެސް، ނިޔާޒުގެ ލޯބީގެ ކުޑަކުޑަ އެންމެ އަލިކަމެއް، އޭނާގެ ހިތުގައި ކަނިކަނިލަމުން ދިޔައެވެ. އެހެން ނަމަވެސް އެ އަލިކަންވެސް އޭނާއާ ވަކިވާން އުޅޭ ކަހަލައެވެ.

ނިޔާޒުގެ ދަބަސް ސޯފާގައި ބެހެއްޓުމަށްފަހު، އޭނާ އެދަބަސް ހުޅުވައިލީ، ނިޔާޒުގެ ތަޅުދަނޑި ދަބަހަށް ލުމަށްޓަކައެވެ. އެހެން ނަމަވެސް އޭނާގެ ލޮލުގައި އަޅައިގަތް ފޮތުގެ ސަބަބުން، އެއީ ކޮން ފޮތެއްތޯ ބަލައިލާ ހިތްވެއްޖެއެވެ. އޭނާ އެކަމަށް ޝައުގު ވެރިވީ ކޮން އެއްޗެއް ހިތަށް އަރާފައި ކަމެއް ނޭނގެއެވެ.

ސޯފާގައި އިށީނުމަށްފަހު، އޭނާ ފޮތް ހުޅުވައިލިއެވެ. އެއީ ހަމައެކަނި ފޮތެއް ނޫނެވެ. އެކަމަކު އެއީ ނިޔާޒުގެ ޕާސަނަލް ޑައިރީއެވެ.

************

އިންސާނަކު އަނެއް އިންސާނެއްދެކެ ހައްދު ފަހަނައަޅައިދާ ވަރަށް ލޯބި ވެވިއްޖެނަމަ އެ ލޯބި އޭނާ ކޮންމެ ފަދަ ކަމަކަށް ވެސް ހުށައަޅައިފާނެއެވެ. ހައްދެއް ނެތް ލޯތްބަކީ ބިރުވެރި އެއްޗެކެވެ. ޅެންވެރިޔާ އޭނާގެ ޅެމުގައި ބުނާފަދައިން "އިޓްސް އަ ޑޭންޖާ ވެން ލަވިން ސަމްބޮޑީ ޓޫ މަޗް..." އޭގެ ސަބަބުން ނެތި ފަނާ ވެދަނީ އެތަކެއް ދިރިއުޅުމުގެ ހަމަޖެހުމާއި އުފާވެރި ކަމެވެ. އިންތިހާއަށް ވުރެ ބޮޑަށް ލޯބި ވެވިއްޖެނަމަ، ތިމާއަށް އެލޯބި ނުލިބޭ ހިސާބަށް، ދާން ބޭނުންވަނީ ތިމާގެ ލޯބިވެރިޔާ އުމުރަށް ރޮއްވައިލުމަށެވެ. ނުވަތަ ތިމާއަށް ނުލިބުނު އެލޯބިވެރިޔާ ހަލާކު ކޮށްލުމަށް ބޭނުންވެއެވެ. އެއީ ހަގީގަތުގައި ލޯތްބެއް ނޫނެވެ. އެއީ ދީވާނާ ވުމެވެ. އާވާރާ ކަމެވެ.

ނިޔާޒަށް ވެސް ވީ އެ ކަހަލަ ގޮތެކެވެ. އެންމެ ކުޑަ އިރުއްސުރެ އެއްވެސް ގާތް މީހެއްގެ ފަރާތުން ނުލިބުނު ވަރަށް އޭނާއަށް ސަމާލުކަންދީ، އޭނާދެކެ ލޯބިވީ ފަރަހައެވެ. އޭގެ ސަބަބުން، ފަރަހަ ދެކެ އޭނާއަށް ލޯބި ވެވުނީ މޮޔަވާ ވަރަށެވެ. އެހެންނަމަވެސް، އޭނާގެ ފަރޫ އޭނާއަށް ބޭވަފާތެރި ވީއެވެ. އަދި އެހެން މީހެއްގެ އަންބަކަށް ވީއެވެ.

ފަރަހަ، މީހަކާ އިނދެގެން އުފަލުގައި އުޅޭތަން ފެނުމުން، އޭނާގެ ހިތް ހަމައެކަނި ހަލާކުވީއެއް ނޫނެވެ. އެހިތުގައި ރޯވި ހަސަދައިގެ އަލިފާންގަނޑު ނިވުމަށް އޭނާއަށް އެއްވެސް ކަމެއްވެސް ނުކުރެވުނީއެވެ. އެކަމަކު ދެންވެސް އޭނާ އިންތިޒާރު ކުރިއެވެ. ރަނގަޅު ދަނޑިވަޅެއްގައި، ޝިވަންގެ ދުވަސް ދުއްވައިލުމަށް އޭނާ ވިސްނަމުން ދިޔައެވެ. އެހެން ނަމަވެސް ދެން އެނގުނީ އެ ދެމަފިރިންނަށް ދަރިއަކު ލިބި، އެދެމީހުން ވަރިވި ހަބަރެވެ.

އެހިސާބުން ނިޔާޒު އުއްމީދުކުރީ އޭނާގެ ފަރޫ އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ފަރަހަގެ ހުރިހާވެސް އުފަލަކަށް ވެގެން ދިޔައީ މިކްޔަލްއެވެ. މިކްޔަލްއަށް ވުރެ އެއްވެސް އެހެން މީހަކަށްވެސް ކަމަކަށްވެސް ފަރަހަ އިސްކަމެއް ނުދެއެވެ.

ނިޔާޒުގެ ސިކުނޑި އެކި ގޮތްގޮތަށް ފިކުރު ކުރާތާ އެތަކެއް އަހަރުވީ އިރުވެސް ރަނގަޅު ވިސްނުމެއް ނައެވެ. އޭނާ، އިންޓަނެޓް މެދުވެރިކޮށް ފަރަހައާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރިއެވެ. ތަފާތު ދެތިން ނަމުގައި، ފަރަހަގެ ފޭސްބުކް އެކުވެރިއަކަށް ވިއެވެ. ފަރަހަގެ އެފްބީ މެދުވެރިކޮށް އޭނާއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބެއެވެ. ދުވަހަކަށްވުރެ ދުވަހެއް، ފަރަހަ އޭނާގެ ދަރިފުޅުދެކެ ވާ ލޯބި ހާމަ ކުރުމުން ނިޔާޒަށް ލިބެމުންދިޔަ ވޭން، އޭގެ އެންމެ ނުބައި ސިފަ އިހުތިޔާރު ކޮށްފިއެވެ.

މިކްޔަލްއަކީ ރީތި ހުސްކޮށްގެން އިން ޅަ އަންހެން ކުއްޖެކެވެ. އޭނާ، އެ އަންހެން ކުއްޖާގެ މައުސޫމު ކަމުގެ ފައިދާ ނެގުމަށް ވިސްނީ، ފަރަހައާ އެކުއްޖާ ވަކިކޮށްލުމުގެ ނިޔަތުގައެވެ. އެންމެ ފުރަތަމަ ފޭސްބުކް މެދުވެރިކޮށް، އޭނާ މިކްޔަލްގެ އެކުވެރި އަކަށް ވިއެވެ. އެކަމަށްޓަކައި އޭނާ ބޭނުންކުރި ނަމަކީ "ރަޒީން. ރަޒީ"އެވެ.

މިކްޔަލް ފަދަ ޅަ، ނުވިސްނޭ އަންހެން ކުއްޖަކު މަޅީގައި ޖެއްސުމަކީ އޭނާއަށް އުދަނގޫ ކަމެއް ނޫނެވެ. އޭނާއަކީ މޮޅު ޅެންވެރިއެކެވެ. ކުޅަދާނަ ޝާއިރެކެވެ. ހުނަރުވެރި ގިޓަރިސްޓެކެވެ. ވީއިރު އަންހެން ކުދިންގެ އެންމެ ބޮޑު ބަލިފައި ކަމަށްވާ، ތައުރީފުގެ ބަސްތައް ކިހާ ފުރިހަމައަކަށް އޭނާއަށް ބޭނުން ކުރަން އެނގޭނެ ހެއްޔެވެ.

މަޑުމަޑުން، މިކްޔަލްއާ ރަށްޓެހިކަން އުފައްދަމުން ގޮސް އޭނާ މިކްޔަލްގެ ފޯން ނަންބަރު ހޯދިއެވެ. އަދި ދެން، އެހިސާބުން މިކްޔަލްގެ ހިތުގައި އޭނާ ރަސްކަން ވެސް ކުރަންފެށިއެވެ.

އެންމެ ފުރަތަމަ އޭނާ ގަސްދުކުރީ މިކްޔަލް، އޭނާގެ ފަރާތަށް ލެނބި ހުސްވުމުން، ފަރަހައާ ވަކިކޮށްގެން އޭނާގެ ގާތަށް ގެންދިއުމަށެވެ. އެހެން ނަމަވެސް، މިކްޔަލް ދެކެ ވާ ލޯބި އޭނާގެ އެމަގުސަދު ހާސިލު ކުރިއަކަ ނުދިނެވެ. އޭގެ ބަދަލުގައި މިކްޔަލް ބުނަމުން ދިޔައީ، މަންމައަކީ ވިސްނޭ ލޯބި މަންމައެއް ކަމަށާއި މިކީ ލޯބިވާ ކޮންމެ އެއްޗެއްދެކެ މަންމަވެސް ލޯބިވާނެ ކަމަށެވެ.

އެގޮތަށް ފޯނުން ދެކެވެމުން ދިޔަ ވާހަކަ، އޭގެ ހުދޫދުން ބޭރުވެ، ލަދުގެ ހުރިހާ ފަރުދާއެއް ކަހައިލާ، އެތައް ހިސާބަކަށް ދުރަށް ދިޔައިރު، މިކްޔަލް އޭނާއާ ހެދި ދީވާނާވާން ފަށައިފިއެވެ. އަދި ދެން އޭނާ، އޭނާއަކީ އަސްލު ކާކުކަން މިކްޔަލްއަށް ބުނެދިނުމަށް ވިސްނީ، މިކްޔަލްގެ ހިތުން ފަރަހަ ނެރެ އެއްލައިލުމަށް ބޭނުން ވެގެންނެވެ. ކޮންމެވެސް އެއްގޮތަކަށް ފަރަހަ އެކަނިކޮށް ހިތްދަތި ކޮށްލުމަކީ އޭނާގެ ހިތުގައި އޮތް ގަދަފަދަ އަޒުމެކެވެ.

އެރޭ އޭނާ މިކްޔަލްއަށް ހުރިހާ ހަގީގަތެއް ކިޔައިދިނެވެ. އޭނާއަކީ މިކްޔަލްގެ މަންމަގެ އަލަތު ލޯބިވެރިޔާ ކަމާއި އޭނާއާއެކު މިކްޔަލްގެ މަންމަ އެތައް އެތައް ވަގުތުތަކެއް ހޭދަކޮށްފައިވާ ވާހަކަ އިވުމުން، އެކުޑަ އަންހެން ކުއްޖާގެ ސިކުނޑި ހާސްވިއެވެ. އަދި އެރޭގެ އެވަގުތު މިކްޔަލް ހަމައިން ނެއްޓި، ހަލާކުގެ ތެރެއަށްވެސް ވެއްޓިއްޖެއެވެ. ސިކުނޑި ހަމައިން ނެއްޓި، އިސްލާމްދީނުގައި ނުހަނު ސާބިތުކޮށް އުޅުނު އަންހެންކުއްޖާ ކުފުރު މަރަކުން ނިމިދިޔައީއެވެ. ޕްލޭނެއް ކާމިޔާބު ކުރެވޭނީ އެވަރަށެވެ.

މިކްޔަލް އަބަދުވެސް ބުނާ އެއް ވާހަކައެއް އޮވެއެވެ. މަންމަ ހިތުގައި ޖެހި ދެރަވާ ވަރުގެ ކަމެއް އޮޅިގެންވެސް ކުރެވިއްޖެނަމަ، މިކްޔަލް ދުނިޔެއަކު ނުހުންނާނެއެވެ. މިކްޔަލްގެ ބުއްދި އުނިވީ އެފަދަ ލަދުވެތި ކަމެއް ކުރެވުނުކަން އެނގުނު ހިސާބުންނެވެ. އަދި އެއީ ނިޔާޒު ގަސްތުގައި ކުރިކަމެއް ނަމަވެސް މިކްޔަލްއަށް އެނގިގެން ކުރިކަމެއް ނޫންކަމަށް ވިއަސް، އެކަމަކީ މިކްޔަލްގެ ހަޔާތުގެ ބައްތި ނިވައިލި ކަމަކަށްވީއެވެ.

މިކްޔަލްއާ ގުޅުން ބަދަހި ކުރިއިރު ނިޔާޒު، އެއަންހެން ކުއްޖާގެ އިތުބާރު ހޯދިވަރަކީ ފޭސްބުކް އައިޑީގެ ޕާސްވޯޑް ޖެހިލުމެއްނެތި ބުނެދޭހާ ބޮޑަށެވެ. އެކަން ކުރަން ނިޔާޒު ބޭނުންކުރި ނަންބަރަކީ އޭނާ ވަޒީފާ އަދާ ކުރަމުން ދިޔަ ކުންފުނިން ދީފައި އޮތް ނަންބަރުކަން ވެސް އެނަންބަރު ނޭނގޭނެހެން އޭނާ ކުންފުނީގެ ވެރިޔާއަށް ދަންނަވާ އެކަންވެސް ކާމިޔާބު ކުރިއެވެ. އެންމެ ފަހުން މިކްޔަލްއާ ވާހަކަ ދެއްކި ރޭ އޭނާ މިކްޔަލްގެ އެފްބީ އެޑް ހެކްކޮށްލީ، އެއްވެސް ގޮތަކުން ފަރަހައަށް އޭނާއަކީ ކާކުކަން ނޭނގުމަށްޓަކައެވެ.

އެގޮތަށް ކުއްލިއަކަށް، މިކްޔަލް މަރުވުމުން ފަރަހައަށް ލިބޭނެ ހިތާމަ އިހުސާސްވެފައި އޭނާ އިންތިހާއަށް އުފާކުރިއެވެ. ފަރަހަ، އޭނާ ނޫން އެހެން އެއްވެސް މީހެއްދެކެ ލޯބިވުމަކީ އޭނާ ފަހަރެއްގައިވެސް ވިޔަ ނުދޭނެ ކަމެއްކަން ހަނދާން ނައްތައިލުމަކީ ޝަޒްނާގެ ކުށެކެވެ.

މިހާރު ދެން އޭނާގެ ފަރޫ އޭނާއަށް ލިބޭނެއެވެ. މިދުވަހަށް އޭނާ އިންތިޒާރު ކުރާތާ ކޮން ޒަމާނެއް ހެއްޔެވެ. އޭނާއަށް ފަރަހަ ނުލިބިއްޖެ ނަމަ, އޭރުންވެސް އޭނާ އުފާ ކުރާނެއެވެ. އާއެކެވެ. ފަރަހަ އޭނާގެ މީހަކަށް ނުވިއަސް މިހާރު އޭނާ ދެރަވެ ހިތާމައެއް ނުކުރާނެއެވެ. ހަމަގައިމުވެސް ފަރަހަގެ ހަޔާތުގެ އެންމެ އަގުބޮޑު މުދާގަނޑު އޭނާ ފޭރިގެންފިއެވެ. ތިމާ އިންތިހާއަށް ލޯބިވާ އެއްޗެއް ގެއްލުމުން ހިތުގައި ވޭން އަޅާނެވަރު އޭނާ ފަރަހައަށް ކިތަންމެހާވެސް ރަނގަޅަށް އިހުސާސް ކޮށްދީފިއެވެ.

***************

ތެދަކީ، ހަގީގަތަކީ ގަބޫލުކުރަން ބައެއް ފަހަރު ވަރަށް ދަތި، އަދި ހިތި އެއްޗެކެވެ. ފަރަހަގެ ކުރިމަތިން ފާޅުވި އެބޮޑު ހަގީގަތަކީ އޭނާގެ ހިތް ގަބޫލު ކުރަން ބޭނުންވި ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއިން ކޮންމެ ބަހަކީ ތެދެކެވެ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިނަމަވެސް ހަގީގަތާ ކުރިމަތިލުމުގެ ހިތްވަރު އޭނާގެ ގައިގައި ހުންނާނެއެވެ.

ސޯފާއިން ތެދުވެ، ފަރަހަ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ. ދެނެއް އޭނާ ނުރޯނެއެވެ. މިރެއަށް ފަހު އޭނާ މިކްޔަލްގެ ހަނދާނުގައި ކަރުނައެއް ނުއޮހޮރާނެއެވެ. އޭނާގެ ދަރިފުޅު، އޭނާދެކެ ކިހާ ލޯބިވޭ ހެއްޔެވެ. އެދަރިފުޅު އޭނާގެ ހިތުގައިޖައްސައި ދެރަކުރާކަށް ބޭނުމެއް ނުވާނެއެވެ. ވީއިރު އޭނާ މިއަދު އެ ދަރިފުޅަށްޓަކައި ރޯން ވީ ކީއްކުރަން ހެއްޔެވެ.

ބަދިގެއަށް ވަދެ، އުނދުން ރޯކުރަން ގެންގުޅޭ ލައިޓަރު ނަގައިގެން ގޮސް، އޭނާ ގޯތިތެރެއަށް ނުކުމެއްޖެއެވެ. އަދި ގޯތީގެ އެއްފަރާތަކަށް ޖެހިލުމާ އެކު ލައިޓަރު އަޅައިލިއެވެ. އަދި އަތުގައި އޮތް ފޮތުގެ ކަނެއްގައި ރޯކޮށްލިއެވެ.

އާއެކެވެ. މިކްޔަލް އާއި އޭނައާ ބެހޭ ގޮތުން ނިޔާޒު ލިޔެފައިވާ ކުދިކުދި ނޯޓްތަކާއި މުހިންމު ބައެއް ވާހަކަ ހުރި އެފޮތް އޭނާ އަންދައިލީއެވެ. އެއްވެސް މީހަކަށް ދުވަހަކުވެސް އެސިއްރު ނޭނގޭނެހެން، އެސިއްރު އަޅިއަށް ހަދައިލީއެވެ.

އެނބުރި ގޭތެރެއަށް ވަންއިރު އޭނަގެ ފޯން ރިންގު ވާއަޑު އޭނައަށް އިވުނެވެ. އެއީ ހޮސްޕިޓަލުން އަންނަ ކޯލެކެވެ. އެކޯލަށް އޭނާ ޖަވާބު ދޭން ޖެހޭނެއެވެ.

"އަސްލު އެއް އިރެއްގައި ކިޔަވައިދިން ޓީޗަރަކަށްވީމާ، ތިކޮޅަށް ދިޔައީ. އެކަމަކު ތިހާ ބޮޑު ޒިންމާއަކާ ހަވާލެއް ނުވެވޭނެ. އޭނާގެ ދަބަސް ތިކޮޅަށް އެބަފޮނުވަން...."

ފަރަހަ، ނިޔާޒުގެ ދަބަސް ހޮސްޕިޓަލަށް ފޮނުވީ ޓެކްސީ ޑްރައިވަރަކަށް އަގު ދީފައި، ޑްރައިވަރު ގާތު އެދަބަސް ހޮސްޕިޓަލްގެ ކައުންޓަރާ ހަވާލު ކުރުމަށް ބުނެފައެވެ. އެ ވަގުތުން ފެށިގެން ބަލި އެނދެއްގައި އޮތް ނިޔާޒަކީ ހަޔާތުގެ އެއްވެސް ދުވަހެއްގައި ފަރަހަ ދަންނަ މީހަކަށް ނުވާނެއެވެ.

ކަންދިމާކުރި އިއްތިފާގު ބޮޑެވެ. އެ ރޭ ފަރަހަ އަށް ދެން ލިބުނީ ސައްދާމުގެ މެސެޖެކެވެ. އެތައް ދުވަހެއް ވަންދެން ސައްދާމުގެ އެ މެސެޖަށް އޭނާ އައީ އިންތިޒާރު ކުރަމުންނެވެ. މެސެޖުގައި އޮތީ މިހާރު ދެން އޭނާއަކަށް އާ ހަބަރެއްވެސް ނޫނެވެ. މިކިޔަލްއަށް ގުޅީ ކާކުކަން މިހާރު ސައްދާމު ނުބުނި ކަމުގައި ވިޔަސް ފަރަހައަށް އެ އޮތީ އެނގި ފެނި ނިމިފައެވެ،

އެރޭގެ ފަހުން ފަރަހަގެ ކުރީގެ ހިނިތުންވުން އަނބުރާ ލިބިއްޖެއެވެ. އޮފީހުގައި ހޭދަކުރާ ވަގުތުތައް އުފާވެރި ކަމާއެކު ވޭތުވާން ފަށައިފިއެވެ. ޝިވަން އާއި ޝިވަންގެ އަނބިމީހާ ޒިލާ އަދި ކުޑަކުޑަ ނަޒްމީއާ އެކު ކޮންމެ ދުވަހެއްގެވެސް ކޮންމެވެސް އެއް ވަގުތެއް އޭނާ ހޭދަ ކުރެއެވެ. ކޮންމެ ރެއަކު އެއްފަހަރު މަންމަ އާއި ބައްޕަގެ ގާތަށްގޮސް އާއިލާ އާއެކު ސަމާސާކޮށް އުފާކުރެއެވެ. އޭނާއަށް އައި މިބަދަލުގެ ސިއްރު އެނގޭ އެއްވެސް މީހަކު ނެތެވެ.

ނިޔާޒު، އެކްސިޑެންޓް ވިކަމާއި ހޮސްޕިޓަލުގައި ބާއްވާފައި، މާލެ ފޮނުވައިލި ހަބަރު ލިބުމުން ބައްޕަ އެކަން އޭނާއަށް ނޭނގޭތޯ ސުވާލު ކުރިއެވެ. އެސުވާލަށް އޭނާ ދިނީ ވަރަށް އާދައިގެ ކުރު ޖަވާބެކެވެ.

"އެނަންކިޔާ މީހަކު ނުދަންނަން ..." ތެދެކެވެ. އެއީ އޭނާ ދަންނަ މީހެއްގެ ވާހަކައެއް ނޫނެވެ.

ކުއްލިއަކަށް، ފަރަހަ އެހާ ހަމަޖެހިގެން އުޅުމުގެ ސިއްރަކީ ކޮބައިތޯ އަހައިލާ ކޮންމެ މީހަކަށްވެސް އޭނާ ދިނީ ބައްޕައަށް ވެސް އެކަމާ ބެހޭ ގޮތުން ދިން ޖަވާބެވެ.

"މިހާރު ދެރަވާ އެއްވެސް ކަމެއް ނެތް... މިކީ މަރުވިއަސް، އަހަންނާއެކު އެހަނދާންތައް ދިރި ހުންނާނެ. އެހަނދާންތަކުން އަހަންނަށް ފުދޭ"

************

"ބައްޕަ" ބޮޑު ކޮޓަރިއަށް ވަންނަމުން ފަރަހަ ގޮވައިލިއެވެ.

"ކޮބާ މަންމަ...-؟"

ސޯފާގައި އިން ބައްޕަގެ ގާތުގައި އިށީންނަމުން ފަރަހަ އަހައިލިއެވެ.

"ބަދިގޭގަ އެބައުޅޭ" އިގްބާލު އޭނާގެ އަންހެން ދަރިފުޅުގެ ތާޒާ މޫނަށް ބަލައިލިއެވެ. ފަރަހަގެ މިއުޖާލާކަން ފެންނަ އެއްވެސް މީހަކު އެއީ ލޯބިވާ ދަރިއަކާ ވަކިވުމުގެ ހިތާމަ ލިބިފައިވާ އެކަނިވެރި މަންމައެއް ކަމަށް ގަބޫލެއް ނުކުރާނެއެވެ. މިކްޔަލްގެ ވަކިވުމަށް ފަރަހަ ގިސްލައި ހިތާމަކުރި ދުވަސްތައް މާޒީ ވެއްޖެއެވެ.

"މަންމާ...." ފަރަހަ މަންމަ އަށް ގޮވަމުން ތެދުވިއެވެ. އެހެން ނަމަވެސް އޭނާއަށް ކުރިއަށް ހިނގައި ނުގަނެވެނީސް މަންމަ އެތަނަށް އަތުވެއްޖެއެވެ. "މިކޮޅަށް އާދެބަލަ.... މިތާ، ބައްޕަކައިރީ އިށީނދެބަލަ" މަންމަ އަތުގައި ހިފައިގެންގޮސް ސޯފާގައި ބައިންދަމުން ފަރަހަ ބުނެލިއެވެ.

"މިރެއަކީ ވަރަށް ސްޕެޝަލް ރެއެއް، ބޮޑުރެއެއް....." ޝަޒްނާ އަތްދަބަހުން ސިޓީއުރައެއް ނަގަމުން ވާހަކަ ދެއްކިއެވެ.

"ފަންސާސް އަހަރު. ހާދަގިނަ ދުވަހެކޭ. ބައްޕަ، މަންމަ އާއި ދަރިންނަށްޓަކައި ފޫހިކަމެއް ނެތި ހޭދަކުރި ދުވަސްތަކާއި ރޭތައް. މަންމަ، ބައްޕައަށްޓަކައި ކުދިންނަށްޓަކައި އޯގާތެރިކަމާއި ލޯތްބާއެކު ހުސްކުރި އަހަރުތައް. މަންމަ އާއި ބައްޕައަށް ޝުކުރުވެރިވާނެ ގޮތެއް ނޭނގެ. ކޮންމެ ދަރިއަކަށްވެސް ތިފަދަ މަންމައަކާއި ބައްޕައެއް ދެއްވާށި"

ފަރަހަގެ ލޮލުން އުފާވެރި ކަމުގެ ވިދުވަރު ފާޅުވެއެވެ. އަޑުގައި ވަނީ ހިތްހަމަޖެހުމާއި އަމާންކަމެވެ. ހީވާ ކަހަލައެވެ. ދުނިޔެ މަތިން އޭނާގެ ހުރިހާ އުންމީދެއްވެސް ފުރިހަމަ ވެއްޖެއެވެ.

މިކީ އާއެކު ދިރިއުޅެމުން ދިޔަ އުފާވެރި ހަނދާންތަކާއި ހިތި ވޭނީ ހަނދާންތައް އެގޭގައި ވަޅުލާފައި ފަރަހަ އޭނާގެ ހަޔާތުގެ ބާކީ އޮތް ދުވަސްތައް މަންމަ އާއި ބައްޕަގެ ގާތުގައި އުޅެން ބަދަލު ވީއެވެ. އެ ގެ ހުރި ބިމުގައި އެ ގެ ތަޅާލުމަށްފަހު އޭނާ ކުޑަކުދިންނަށް އުނގަންނައިދޭނެ ސުކޫލެއް ބިނާ ކުރަން ނިންމައިފިއެވެ. އަދި އެ ސުކޫލު ރަނގަޅު ދުވަހެއްގައި ސަރުކާރާ ހަވާލު ކުރާނީ އޭނާ ދިރިހުރިހާ ހިނދަކު ލިބޭ ފައިސާއެއް އެތަނަށް ހަދިޔާ ކުރެވޭނެ މަގުވެސް ހުޅުވައި ހަމަޖައްސައިފައެވެ. މިއީ އޭނަގެ ދަރިފުޅަށްޓަކައި އޭނާ ކުރާ ހޭދައެކެވެ. އަދި ނިކަމެތިންގެ ލޯތްބާއި ހެޔޮ ދުއާއަށް އަނެކުންގެ ދުއާއަށް އެދިގެން އޭނާ ކުރާ ސޮދަގާތެކެވެ. ދުނިޔެއިން ނެތިދިއުމަށްފަހު އޭނާއަށް އަދި މިހާރުވެސް ފަހުންވެސް އޭނާގެ މިކްޔަލްއަށް ހެޔޮދުއާ ކުރާނެ، ސަވާބު ލިބޭފަދަ ދިގުދެމިގެންދާފަދަ ސޮދަގާތެއްގެ ގޮތުގައި ކުރި ހޭދައެކެވެ.

"ކައިވެންޏަށް 50 އަހަރު ފުރުނީ. މިހާރު ދެން މަންމަ އާއި ބައްޕަ ދިރިއުޅުމުގެ ބުރައިން ރިޓަޔާ ވާންވީ. މިއަހަރު މަންމަމެން ގޮވައިގެން ހައްޖަށް ދާން ހުރިހާ ކަމެއް ނިންމައިފިން. ފަރަހަ ވެސް، މަންމަ މެނާއެކު ރެސްޓެއް ނަގާނީ. މިހާރު މުސްކުޅި ވެއްޖެ"

ފަރަހަ ދިއްކޮށްލި ސިޓީއުރައިގެ ތެރޭގައި އޮތް ހަދިޔާއަކީ ހައްޖު ދަތުރެކެވެ. އިގްބާލް އޭނާގެ ލޯބިވާ ދަރިފުޅަށް ބަލައިލިއެވެ.

މިއީ އޭނާގެ ހުރިހާ ދަރިންގެ ތެރެއިން އޭނާދެކެ އެންމެ ލޯބިވާ ދަރިފުޅޭ ބުނަން ޖެހެނީ މިފަދަ އެތައް ސަބަބަކާ ހެދިއެވެ. މިއަދު ފަރަހަ އޭނާގެ ހުރިހާ އުއްމީދެއް ފުރިހަމަކޮށްދީފިއެވެ.

********

ކ. ގުރައިދޫގެ ދުރު ހިސާބެއްގައި ހުރި ފަޅު ޖިފުޓި ގަނޑެއް ކަހަލަ ގެއެއްގެ ތެރެއިން ފަހަކަށް އައިސް ތާއަބަދު އިވޭ ކުކުރުމުގެ އަޑަކީ އެރަށުގެ މީހުނަށް އާ އަޑެއް ނޫނެވެ. ރަށުގެ މީހުންގެ ތެރެއިން ބައެއް ހިތްހެޔޮ މީހުން އެގޭގެ އެނދެއްގައި، ދެބައިކުޅަ އެއްބައި މަރުވެފައި އޮންނަ އެބަލިމީހާއަށް ކާއެތިކޮޅާއި ފެންފޮދު ގެންގޮސް ހާލު ބަލައިލާ ނަމަވެސް ގިނަ މީހުނަށް އެމީހާ ވެފައިވަނީ ބޮޑު ތުރާލަކަށެވެ.

އުނަގަނޑުން ތިރީގެ ބޮޑު ބައެއް ކޮންމެވެސް އަނިޔާއެއްވެފައި، ފާރުވެ އެފާރުތައް ކުނިވަމުންގޮސް، އެބައިގެ ވާގި ނެތިފައި އޮންނަ އެބަލިމީހާގެ އެއްވެސް އެހީތެރިއެއް ތިމާގެ މީހެއް، އަންބެއް ދަރިއެއްވެސް ނެތެވެ. އަބަދުހެން އެމީހާގެ ކުކުރުމުގެ ތެރެއިން އިވޭ އެންމެ ޖުމުލައަކީ ކީއްވެގެން އެމީހާ ކިޔާ، ކޮންއެއްޗެއްކަން އެނގޭ އެކަކުވެސް ނެތެވެ. ނުވަތަ ރަށުގެ އެއްވެސް މީހަކު އެކަން އެނގޭކަށް މަސައްކަތެއްވެސް ނުކުރެއެވެ.

މިއީ އެއްދުވަސްވަރެއްގައި، ރީތި އަންހެން ކުދިންތަކެއްގެ ހިތުގައި ރަސްކަންކުރި ޒުވާނެކެވެ. އެހެން ނަމަވެސް އޭނާގެ އުމުރުގެ ފަހު ދުވަސްތައް ވޭތުކުރަން ޖެހިފައި އެވަނީ އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބި، ވޭނުން ފުރިފައިވާ ކެކުޅުން ތަކެއްގައި ނުކުޅެދޭ ހާލެއްގައެވެ.

"މަންމަގެ ދަރިފުޅުގެ މައުސޫމުކަން ނަގައިލާ، ހަލާކުކޮށްލި މީހާ ނިމިގެންދާނީ ވަރަށް ނިކަމެތި ގޮތަކަށް. އެމީހަކު މަރުވާނީވެސް ހާލެއްނެތި، އަޅައިލާނެ އެއްވެސް މީހަކު ނެތި، އެކަނި އޮވެ. މަންމަގެ ކުޑަ ދަރިފުޅު ހަލާކުގެ ތެރެއަށް ވައްޓައިލި މީހާ މަރުވާނީ ވޭނުގައި ތެޅިތެޅި. އެއީ ކޮންމެ މީހަކަށްވިޔަސް ފަރުވާލެއް ނެތް. މީ މަންމަގެ ބަދުދުއާ އެމީހަކު ހަލާކު ކުރާނެ. މަންމަގެ އަތުން އެމީހާ ފޭރިގަތީ މަންމަގެ ހަޔާތުގެ އެންމެ އަގުބޮޑު. އެންމެ ލޮބުވެތި މުދާގަނޑު. އޭގެ އަގު އެމީހާ ދޭންޖެހޭނެ. މިދެނިޔެއިންވެސް އަދި އާހިރަތުގައިވެސް މަންމަ އޭނާއަށް ދައުވާ ކުރާނަން.... މަންމަގެ އެންމެ ފަހު ނޭވަޔާ ހަމައަށްވެސް އެމީހަކަށް މަންމަ ބަދުދުއާ ކުރާނަން. މަންމަގެ ހިތް އެމީހަކަށްޓަކައި ދުވަހަކުވެސް ހެވެއް ނުވާނެ. މަންމަގެ ދުއާ އެމީހަކު ނެތިކޮށް ފަނާކޮށްލާނެ. މިމަންމަގެ ލޮލުން ދަރިފުޅަށްޓަކައި އޮހޭ ކޮންމެ ކަރުނަ ތިއްކެއްވެސް އެމީހަކަށް ބަދުދުއާ ކުރާނެ. މަންމަގެ ހިތާއި ނަފްސު ދުވަހެއްގައިވެސް އެމީހަކަށް މާފެއް ނުކުރާނެ–..."

އެއީ މަންމައެއްގެ އެތައް އެތައް ރޭތަކާއި ދުވަސްތަކެއްގެ ބަސްތަކެވެ. އެބަސްތައް ހަލާކު ކޮށްލި މިމީހާގެ ދުލުން އަބަދުހެން ކިޔެނީ އެންމެ ދެތިން ބަހެކެވެ. އެކަމަކު އެއަންހެންމީހާ މިއިން އެއްވެސް ބަހެއް އަހާކަށް ނާންނާނެއެވެ. ނުވަތަ އެ އަންހެންމީހާ އަކަށް މިމީހާ އޮތީކޮން ހާލެއްގައި ކަމެއް ނޭނގެއެވެ. ނުވަތަ އޭނާ މިކަން އެނގޭކަށް ބޭނުމެއްވެސް ނޫނެވެ. މިއީ އެއްވެސް އިރެއްގައި އެއަންހެން މީހާ ދަންނަ މީހެއް ނޫނެވެ.

"ފަރާ.... ފަރޫ.... ލޯބި...ވީ...މެއްނު....–މާފު... ކޮށް....މާ...ފު..."

އެއްއިރެއްގައި ރީތި ލަވަތައް ކިޔަމުންދިޔަ އެރީތި އަޑުން ވޭނާއި ކެކުޅުމުން މިހާރު އެއިވޭ ދެތިން ބަސް އަޑު އަހާނެ އެއްވެސް މީހަކު ނެތެވެ. އާނއެކެވެ. ފަރަހަނާގެ ދަރިފުޅުގެ މަރުގެ ޒިންމާ އެޅެނީ އޭނާގެ ބޮލުގައެވެ. މިއަދު އޭނާ އުފުލަމުން އެދާ ވޭނަކީ އޭނާގެ ފާފަތަކުގެ ޝަޒާއެވެ.

މިވޭނުގައި އޭނާ މަރުވާނެ އިރެއް ވަގުތެއް ނޭނގެއެވެ. އެކަމަކު ޔަގީންވާ އެއްކަމެއް އެބަ އޮތެވެ. މައެއްގެ ހިތުގައި ދަރިއަކު ނެތިގެން ދިއުމުން އެޅިވޭނާއި އެމައިމީހާގެ ލޮލުން އޮހޮރުނު ކަރުނަ، އޭގެ ބަދަލު ދޭންޖެހުނީ އޭނާއަށް ކަމެވެ.

އާއެކެވެ. ހައްދެއް ނެތް ލޯބިން ވެވުނު ހަސަދައިގެ އަލިފާނުން އޭނާ ފިހެނީއެވެ.

(ނިމުނީ)