ވާހަކަ

ބަދު ދުއާ - 09

4

އެރެއަކީވެސް ނައިސް ނުދާނެ ރެއެއް ކަމުން ފަރަހަގެ ހަޔާތަށް އެރޭ އައިސް، އެ ހާދިސާ އަމިއްލަ އަތުންނާއި ނަފުސުން ތަޖުރިބާ ކުރަންވެސް ޖެހުނީއެވެ.

ފަރަހަގެ އުނގުގައި މިކިޔަލްގެ ފުރާނަ ނެތް މަސްގަނޑު ބާއްވައިގެން އެހެން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ.

ހިމޭންކަމުގެ އެ ބިރުވެރި ހިނދުކޮޅު ފޫއަޅުވާލީ ޖެހިގެން ހުރި މިސްކިތުން ފަތިސް ނަމާދަށް ބަންގި ގޮވި އަޑުންނެވެ. އެވަގުތު އެގެއަށް އައިސް ވަން ފަރަހަގެ ބައްޕައަށް ދަރިފުޅު އިން ހާލު ފެނުމުން އަމިއްލަ ނަފުސު ހިފަހައްޓާ ލެވުނީ ހަމަ ކިރިޔާއެވެ.

ކޮޓަރި ތެރޭގެ ހާލަތު ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހީވާ ގޮތުން ފަރަހަ އެ އިނީ، މިކިޔަލްގެ ހަށިގަނޑު، ކޮނޑުމަތިން ނެއްޓިގެން އޭނާގެ ކަކުލު ހުޅުން ދޫވެގެން ބިމަށް ޖެހުނު ގޮތަށެވެ. ހަރަކާތެއް ނެތިފައެވެ. ހުއްޓުން އަރައިފައެވެ. ގަބު ވެފައެވެ.

ފަންކާގެ ލެނބިފައި ހުރި ފިޔަތަކާއި ވީދިފައި އޮތް ދޯޕައްޓާގެ އެތިކޮޅުތަކާއި ކޮޓަރި ތެރޭގެ އެހެނިހެން ކަންތައް ހުރިގޮތް ފެނުމުން ކަން ހިނގާފައިވާ ގޮތް އިގުބާލުގެ ދުރުވިސްނޭ، ތަޖުރިބާ ހުރި ސިކުނޑިއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.

އިގުބާލު އެގެއަށް އައީ ފަހަކަށް އައިސް ކޮންމެ ފަތިހަކު ނަމާދަށް ދަމުން ފަރަހަ އާއި މިކްޔަލްގެ ހާލު ބަލަން އެގެއަށް އަންނަ އާދައިގެ މަތިންނެވެ. ހިތަށާއި ސިކުނޑިއަށް ލިބުނު ވަރުގަދަ ސިހުން ދުރު ކޮށްލުމަށް ފަހު އިގުބާލު އެތެރެއަށް ވަދެ، ފަރަހަގެ ދެކޮނޑުގައި ހިފަހައްޓަމުން ގޮވައިލިއެވެ.

"ދަރިފުޅާ.... ފަރަހަނާޒު.... ފަރަހަ..."

ފަރަހަގެ ހަރަކާތެއް ނެތެވެ. ކަޅި ހަރަކާތެއް ނުކުރެއެވެ. އިގުބާލު ދެއަތުން ބާރަށް ފަރަހަގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ދެންވެސް ހަމަ އެއިން ގޮތަށް މިކިޔަލްގެ ހަށިގަނޑު ގަޔާލާ ހިފަހައްޓައިގެން އެ ޖެހުނު ގޮތަށް އިނީއެވެ. އެންމެ ފަހުން އިގުބާލަށް ވިސްނިއްޖެއެވެ. އަތްދަމާފައި ވަރުހުރި އެތިފަހަރެއް ފަރަހަގެ މޫނުމަތީގައި ޖަހައިފިއެވެ. ކިތަންމެ ހިތަށް ތަދުވިޔަސް މި ނޫން ގޮތެއް ނެތެވެ.

ފަރަހަ އަޑުން އަޑު ނަގައި ރުޔެވެ. އެކަމަކު ހަމަ ކުޑަ އިރުކޮޅަކަށެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވައި، ހާލަތާ ކުރިމަތިލުމަށް ހިތްވަރު ދީ ފަރަހަ ކޮޅަށް ނެގީ މިއީ ދެކޮޅު ނުހެދޭނެ އިލާހީ ނިންމުމެއް ކަމާއި މިމިންވަރަށް އީމާންވާން ޖެހޭނެކަން ހަނދާންކޮށް ދެމުންނެވެ. ވަގުތުގެ ހާލަތަށް ތަބާވެ، ގުދުރަތުގެ ނިޔާއަށް އީމާންވެ ފަރަހަ، އޭނާގެ އަމިއްލަ ފުރާނަ ނެތް މަސްގަނޑުގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދާ ކަހަލަ ގޮތަކަށް ހަރަކާތްތެރިވާން ފެށިއެވެ.

ހަޔާތުގެ އަލިކަން ގެއްލި ދިޔައީއެވެ. ފަރަހަގެ މުޅި ދުނިޔެ ބަނަވެ އަނދިރިވީ އެވެ. ރެއާއި ދުވާލުގެ މުހިންމުކަން ނެތުނީއެވެ. ހިނިތުންވަމުން ދުވެ ފުމެ އުޅުނު އުޖާލާކަން ފަނޑުވެ ދިޔައީއެވެ. ދަރިފުޅުގެ އުފަން ދުވަހަކަށް ފަހައިދިން ހެދުމުގެ، ދޯޕައްޓާ ދަރިފުޅުގެ ނިމުމުގެ ސަބަބަށް ވީއެވެ. މަޅި ޖަހަން ދަސްކޮށް ދިން އެދުވަހު ދަރިފުޅު އެމަޅިން އެވަރުގެ އަދަބެއް އަމިއްލަ ނަފުސަށް ދީފާނެ ކަމުގެ ކުޑަ ހިލަމެއް ވެސް ނެތެވެ.

ޝިވަން ހުރީ ވަރަށް ދުރުގައި ކަމުން، ކުއްލިއަކަށް ރަށަށް އައުމަކީ ފަސޭހަ ކަމަކަށް ނުވާތީ ދެ ދުވަހެއް ވަންދެން މިކްޔަލް ވަޅުނުލައި ބޭއްވުމަށް ވެސް އެދުނުމެއެވެ. އެހެން ނަމަވެސް އެއީ އެހާ ރަނގަޅު ކަމަކަށް ނުވާތީ، ވީހާވެސް އަވަހަކަށް މިކްޔަލްގެ ފުރާނަ ނެތް މަސްގަނޑު ވަޅުލުމަށް ޝިވަން އެއްބަސްވީ، ފަރަހަގެ ބައްޕަ އެތައް ނަސޭހަތެއްދީ ވިސްނައި ދިނުމުންނެވެ.

"އެކަމަކު – އެހެންވާންވީ ކީއްވެ -؟" ޝިވަން ތަކުރާރުކޮށް އިގުބާލާ ސުވާލު ކުރިއެވެ.

އޭނާއަށް ފަރަހަގެ ހާލު ހުންނާނެ ގޮތް އެނގޭތީ ފަރަހައާ ވާހަކަދައްކަން އެތަކެއް މަސައްކަތެއްވެސް ކުރިއެވެ. އެހެން ނަމަވެސް އެވަގުތު ފަރަހަ އެއްވެސް މީހަކާ އެއްވެސް ވާހަކައެއް ދައްކަން ބޭނުމެއް ނުވިއެވެ. ތެދަށް ބުނާނަމަ އޭނާއަކީ ދުނިޔޭގައި މަރުނުވެ ހުއްޓަސް ދިރިހުރި މައްޔިތެއް ފަދައެވެ. ބައެއް ފަހަރު ޗާބީދީފައި ހުންނަ ބުދެއްހެންވެސް ހީވާ ވަރުވެއެވެ.

"ބައްޕަގެ ތުއްތު ކަނބުލޯ...."

މިކްޔަލް ހިނެވުމުގެ ކަންތައް ފެށުމުގެ ކުރިން، އިގުބާލް ފަރަހަގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ.

"މިކީއަކީ ދަރިފުޅުގެ ކިހާވަރެއްގެ ކޮންފަދަ ކުއްޖެއްކަން ބައްޕައަށް އެނގޭ.... ދަރިފުޅު ދެކެ ބައްޕަ ލޯބިވާވަރު އެނގޭނީ ބައްޕައަށް..... އެކަމަކު ދުވަހަކުވެސް މިހާތަނަށް އައި އިރުވެސް، ކިތަންމެ ހިތުގައިޖެހުނަސް ދަރިފުޅުގެ ބައެއް ކަންތަކާ ހެދި ކިތަންމެ ދެރަވިއަސް ބައްޕަ އެކަމެއް ނުދައްކަން.... ދަރިފުޅު ސްކޫލްގައި އުޅުނުއިރު މިޔުޒިކް މުދައްރިސާ ގާތް ގުޅުމެއް އޮތްކަންވެސް ބައްޕައަށް އެނގުނު..... ދަންވަރު ބޭރަށް ދިޔަކަންވެސް އެނގުނު.... އެކަމަކު މިއަދާ ހަމައަށްވެސް ބައްޕަ އެއިން އެއްވެސް ވާހަކައެއް އެންމެ ކުޑަމިނުން ދަރިފުޅުގެ މަންމައަށް ވެސް ކިޔައިނުދެން.... އެކަމަށް ބައްޕަ އެޅި ފިޔަވަޅަކީ ދަރިފުޅު ޝިވަންއާ ކައިވެނި ކުރުވުން......"

ފަރަހައަށް ބައްޕަ ދެއްކި ވާހަކަ އަޑު އިވުނެވެ. އެކަމަކު އޭނާގެ ހިތަށް އިތުރަށް ކުރާނެ އަސަރެއް ނެތީ ކަހަލައެވެ. ދެންވެސް އެއިންގޮތަށް ހިމޭންވެފައި އިނީއެވެ.

"ކަނބުލޯ..... ކިތަންމެ ދެރަވިޔަސް ހިތްފަޅައިގެން ދާވަރުވިޔަސް... އަޑުވީއްލާ ރޮއި އަމިއްލަ ނަފުސަށް އަނިޔާވެރި ވެގެން ނުވާނެ..... އެއްވެސް ކަމެއްގައި ތިމާގެ ނަފުސު ކުށްވެރި ކޮށްގެން ނުވާނެ..... ތިމާ އަށް ދިމާވާ ކޮންމެ ކަމަކީ އިބުރަތެއް ކަމަށް ދެކެން ވާނީ.... ކޮންމެ ކަމެއްގައި ވެސް ކެތްތެރިކަމާއި ހިތްވަރު ކުރިއަށް ނެރެގެން ނޫނީ ދިރިއުޅުމުގައި ކުރިއަކަށް ނުދެވޭނެ...." ދެންވެސް ބައްޕަ ނަސޭހަތްތެރިވަމުން ދިޔައެވެ. މިގޮތަށް ފަރަހަ ހަލާކުވެގެން ދާކަށް އެބައްޕަ ފަހަރެއްގައި ވެސް ނޭދެއެވެ.

"އެކަމަކު ބައްޕާ..... މިކީއާ ނުލައި ފަރާ ދިރިހުންނާނީ ކިހިނެއް.....؟ ކޮން ބޭނުމަކު.....؟ ކީއްކުރަން....؟" ޝަކުވާއިން ފުރިފައިވާ އަޑަކުން ފަރަހަ އަހާލިއެވެ.

"ބައްޕަގެ ކަނބުލޯ..... މަރުވާ މީހުނާއެކު ދިރިތިބި މީހުން ވަޅުލެވޭކަށް ނުޖެހޭ.... އަދި ވަޅު ނުވެސް ލެވޭނެ..... ދިރިހުރުމާއި މަރަކީ އަހަރެމެންގެ އަތްމަތީ އޮތް ކަމެއް ނޫން.... ފުރާނައަކީ ﷲ ތައާލާގެ މިލްކެއް.... ކޮންމެ އެއްޗެއްގެ ވެސް އަސްލު ވެރި ފަރާތަކީ އެކަލާނގެ.... އެކަލާނގެ ދެއްވި އެއްޗެއް ނޫނީ ނުލިބޭނެ.... އަދި އެކަލާނގެ ގެންދެވި އެއްޗެއް އަނބުރާ ދެވޭނެ އެއްވެސް އެހެން ފަރާތެއް ވެސް ނުހުންނާނެ..... މިންވަރަށް އީމާންވާން ޖެހޭނެ.... ﷲ ތައާލާ ވޮޑިގެންވަނީ ކެތްތެރިންނާއެކު.... ބައްޕަގެ ކަނބުލޮއަކީ އެހާ ފިނޑި ކުއްޖެއް ނޫނެއްނުދޯ....؟!" ބައްޕަ ނުހަނު އޯގާތެރިކަމާއެކު ދިން ނަސޭހަތަކީ ފަރަހަގެ ހިތަށް ލިބުނު ތަސައްލީއަކަށް ފުދުނެވެ.

ފަރަހަ އަކީ ވޭނާއި ކެކުޅުމާ އެކުވެސް ކެތްތެރިވާ، ހިތްވަރުގަދަ އަންހެނެއްކަން އެދުވަހުގެ ހަވީރު، މިކްޔަލްގެ މޫނުދެކެން އައި މީހުންނާއި އޭނާގެ ބައްޕައަށް އޭނާ ސާބިތުކޮށްދިނެވެ. ގެއަށް އައި ކޮންމެ މީހަކު ކުރި ހިތަށް ތަދުވާ އުނދަގޫ ސުވާލުތަކަށް ކެރި ހުރެ ޖަވާބުދިނެވެ. ހިތްފަޅަފަޅައިގެން، ލޭއޮހެމުން ދިޔަ އިރުވެސް ފަރަހަ ކެތްކުރިއެވެ.

އެއީ ފަރަހަގެ މުޅި ހަޔާތަށްވެސް އައި އެންމެ ހިތްދަތި ދުވަހެވެ. މިކްޔަލް ލިބުނު ފަހުން އޭނާގެ އެއްވެސް ދުވަހެއް މިކްޔަލްއާ ނުލައި އުޅެން ޖެހިއްޖެނަމަ އޭނާއަށް ވާނެގޮތަކާ މެދު ވިސްނާ ނުލައި ވޭތުވެފައި ނެތެވެ. އޭނާގެ އެދަރިފުޅު އޭނާއާ ވަކިވެގެން ދިއުމަކީ އޭނާއަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނޭ އަބަދުވެސް އޭނާ ބުނެއެވެ. މިކްޔަލް އަކީ އޭނާގެ ހިނިތުންވުމެވެ. އޭނާގެ ހަޔާތުގެ އުޖާލާކަމެވެ.

އޭނާގެ ލޮލާއި ހިތުގެ ފިނިކަމެވެ. އެފަދަ ލޯބިވާ ދަރިފުޅު ހީވެސް ނުކުރާ ގޮތަކަށް، ހަމަ ކުއްލިއަކަށް ވަކިވުމަކީ ކެތްކުރަން ފަސޭހަ ވޭނެއް ނޫނެވެ. އެދަރިފުޅަށްޓަކައި އޭނާ ނުކުރަނީ ކޮންކޮން އުއްމީދުތަކެއް ހެއްޔެވެ. އެކަމަކު މިއަދު މިވީ ކިހިނެއް ހެއްޔެވެ. ނިދާ ހޭލި އިރު އޭނާގެ މުޅި ދިރިއުޅުން އޮތީ ބަދަލުވެފައެވެ. ހަޔާތުގައި ކުރިއަށް ދާނެ އެއްވެސް މާނައެއް ނެތި މުޅިން އެކަނިވީއެވެ.

އެދުވަހުގެ ހަވީރު، ފަރަހަގެ ގެއިން ނެރުވުނީ ހަމައެކަނި މިކްޔަލްގެ ސަންދޯކެއް ނޫނެވެ. މިކްޔަލްގެ ފުރާނެ ނެތް މަސްގަނޑާއެކު، ފަރަހަގެ މުޅި ދިރިއުޅުމުގެ އުފާވެރިކަމާއި ހިތްހަމަޖެހުންވެސް ފަރަހަ އާއި ފަރަހަގެ ގެއާ ވަކިވެގެން ދިޔައީއެވެ. މިގޭގެ އުޖާލާ ކަމުގައިވި މިކްޔަލް ދިޔައީ ގޭގެ ހުރިހާ އަލިކަމަކާއި އުފާވެރިކަން ހިފައިގެންނެވެ. ފަރަހަގެ ހިނިތުންވުންތަކާއި އުންމީދުތަކާވެސް އެކުގައި މިކްޔަލް އަބަދަށްޓަކައި ދިޔައީއެވެ. ދުވަހަކުވެސް އެނބުރި އައުމެއް ނެތް ގޮތެއްގައި ފަރަހައާ ވަކިވީއެވެ.

މިކްޔަލްއަށް ފަހު ފަރަހަގެ ހަޔާތަށް އައި ފަޅުކަން ފިލުވައި ދެވޭނެ އެއްވެސް މީހަކު ނެތެވެ. އެ ވީރާނާ އެކަނިވެރިކަން ދުރުކޮށް، އޭނާއަށް ހިނިތުންވުންތަކެއް ދެވޭނެ އެކަކުވެސް ނުހުންނާނެއެވެ. އާއެކެވެ. މިކްޔަލްއާ ނުލައި އޭނާ ފުރިހަމައެއް ނުވާނެއެވެ. މަރަކީ ހަޔާތުގެ އެންމެ ބޮޑު ހަގީގަތެވެ. އެކަން އޭނާ ހިތުގެ އަޑިން ގަބޫލުވެސް ކުރެއެވެ. އޭނާ ދިރިހުންނާނޭ އެއްވެސް އުއްމީދެއް ނެތުމާއެކު ވެސް ދިރިއުޅުމަށް ފުރަގަސް ނުދޭނެ ސަބަބަކީ އެއީއެވެ. އެހެންނަމަވެސް މިކްޔަލްއަށް ފަހު އޭނާގެ ހަޔާތަށް އައި އެ އުނިކަމަކީ ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ.

ވަގުތަކީ ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅު، އެންމެ ބޮޑު ފަރުވާއެވެ. އެއްޗެއް ނެތުމަށްފަހު، އެއާ ނުލައި އުޅެން އިންސާނާ އާދަވެއެވެ. އެއީ ކިތަންމެ ދަތިކަމަކަށް ވިޔަސް، ކިތަންމެ އުނދަގޫ ކަމަކަށްވިޔަސް އެގޮތާ ރުހެން އިންސާނާއަށް މަޖުބޫރު ވެދެއެވެ. ތާއަބަދު އެއް ވޭނެއް އުފުލަން ޖެހުމުން ކޮންމެ މީހަކަށްވެސް އެވޭނުގައި އުޅުމަށް ހޭނިދެއެވެ. ބައެއް ފަހަރު ބައެއް ހިތްދަތިކަމަކީ ހިތްހަމަ ޖެހުމަކަށްވެސް ވެދެއެވެ. ފަރަހަ އަށްވެސް ވީ އެކަހަލަ ގޮތެކެވެ.

********

އާއިލާގެ މީހުންނާއި ޝިވަންގެ އިތުރުން ގާތް ހެޔޮ އެދޭ އެކުވެރިންގެ އެހީތެރިކަމާއެކު، ފަރަހަ ދިރިއުޅުމުގެ މައިދާނަށް އާ ހިތްވަރަކާއެކު ނުކުތެވެ. އެހެންނަމަވެސް އޭނާއަށް އެއްކަމެއް ބަދަލު ނުކުރެވުނެވެ. ނުވަތަ އޭނާ އެކަން ބަދަލުކުރާކަށް ބޭނުމެއް ނޫނެވެ. މިކްޔަލްގެ އެއްވެސް އެއްޗެއް އުކާލުމާއި މިކްޔަލްގެ ކޮޓަރީގެ ތަރުތީބު ބަދަލު ކުރުމާ ފަރަހަ ދެކޮޅު ހެދިއެވެ. އޭނާގެ ކޮންމެ ދުވަހެއްވެސް ގިނަ ވަގުތު ހޭދަވަނީ އެކޮޓަރި ތެރޭގައެވެ. ރޭގަނޑު ނިދުމަށް އޭނާ އެކޮޓަރިއަށް ދެއެވެ. މިކްޔަލްގެ އެނދުގައި އޮށޯވެ އޮވެގެން، ފާރުގައި ހުންނަ އެފޮޓޯއަށް ބެލުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދަރިފުޅު ނިންދަވަން އޭނާ ކިޔައިދިން ލަވަތަކަކީ ފަހަކަށް އައިސް ކޮންމެ ރެއަކުވެސް ގޭތެރެއިން އިވޭ ލަވަތަކަކަށް ވެއްޖެއެވެ. މިކްޔަލްގެ ލެޕްޓޮޕްގައި އެލަވަތައް ވަކިން ހާއްސަ ފައިލެއްގައި ސޭވްކޮށްފައި ހުރިތަން ފެނުމުން، މިކްޔަލް އޭނާ ދެކެ ލޯބިވީވަރު އިހުސާސް ކުރެވެއެވެ.

"ތުޖްސެ ނާރާޒް ނެހީ ޒިންދަގީ ހައިރާނުހޫމޭ

ތެރި މާސޫމު ސަވާލޯސެމޭ......."

ލެޕްޓޮޕްގެ ސްކްރީނުން ބަދަލު ކުރަމުން ދިޔަ ފޮޓޯތަކާ އެކު އިވެމުންދާ އެ ލަވައިގެ އަޑުން ފަރަހަގެ ހިތަށް އުފާވެރި ކަމެއް އިހުސާސް ކުރެވެމުން ދިޔައެވެ. މޭޒު ދޮށުގައި އިން ފަރަހައަށް ދަރިފުޅުގެ އެކި އުމުރުގައި ނަގާފައިވާ އެ ފޮޓޯތައް، ތަފާތު އެކި ހަނދާންތައް އާ ކޮށްދެނީއެވެ. އޭނާގެ ހިތުގައި އަޅާ ވޭނަށް ލިބޭ ޝިފާއަކީ ވެސް، އެވޭނުގެ އަސްލު ކަމަށްވާ މިކްޔަލްގެ ހަނދާން ތަކެވެ. ކޮންމެވެސް މީހަކު ބުނެފާނެއެވެ. ފަރަހައެވެ. ތި ހަނދާންތަކާ ދުރަށް ދާށެވެ. ތި ލަވަތައް އަޑު އަހައި އަބަދު މިކީގެ ފޮޓޯތައް ބެލުމަކީ މިކީގެ ހަނދާން އާ ކޮށްދޭނެ ކަމެކެވެ. އެ ހަނދާންތަކާ ދުރަށް ގޮސްގެން ނޫނީ ހިތަށް ހަމަ ޖެހުމެއް ނުލިބޭނެއެވެ. ކޮންމެވެސް އެހެން ކަމެއްގެ ތެރޭ ދުވަސް ހޭދަ ކުރާށެވެ. އޭރުން ހިތަށް ފިނިކަމެއް ލިބޭނެއެވެ. އޭނާ އެވާހަކައާ ދެކޮޅު ހަދާނެއެވެ. މިކްޔަލްގެ ކުއްލި މަރާ ގުޅިގެން ދުވަސް ކޮޅަކަށް ގަބުވެފައި، ހުއްޓުން އަރާފައި، އެކަހެރި ވެގެން އުޅުން ނަމަވެސް މަޑުމަޑުން އޭނާ، މިކްޔަލްގެ ހަނދާންތަކުން ހިތާއި ރޫހަށް ލިބޭ ވޭން، އެހަނދާންތައް އާ ކުރުމުން ލިބޭ ހިތްހަމަ ޖެހުމަކަށް ބަދަލު ކުރުމަށް ދަސްކޮށްފިއެވެ. އާއެކެވެ. މިކްޔަލްގެ ހަނދާންތައް އާ ކުރުމުން ލިބޭ ވޭނަކީ ވެސް އޭނާގެ ހިތަށް ލިބޭ ހަމަޖެހުމަކަށް ވީއެވެ.

މިކްޔަލްގެ ފޯނާއި ސިމް ބޭނުންކޮށްގެން "ރަޒީ" އަކީ ކާކުތޯ ހޯދުމަށް އޭނާ ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެކަން ހުއްޓައިލީ، އެންމެ ބޮޑު ޔަގީން ކަމެއް އޮތް ފަރާތާ ވަކީލުކޮށްފައެވެ.

"ކަނބުލޯ މިކްޔަލްއަކީ ކަނބުލޮގެ ދަރިފުޅު. ކަނބުލޮތީ މަންމައެއް. މަންމައެއްގެ ހިތަށް ދަރިއެއްގެ ކަންތައް އިލްހާމް ވާނެ..... ކޮންމެ ކަމަކަށް ވެސް ކުޅަދުން ވަންތަ ފަރާތަށް ގިނަ ގިނައިން ދަންނަވާ..... އެކަލާނގެ އަކީ ސިއްރާއި ފާޅު މޮޅަށް ދެކެދެނެ ވޮޑިގަންނަވާ ރަސްކަލާނގެ.... ގިނަގިނައިން ދުއާ ކުރޭ.... އެކަލާނގެ ހަނދުމަ ކުރާ އެއްވެސް އަޅަކު ބާކީ ކޮށް ދޫކޮށް ނުލައްވާ... އެއްވެސް ކަމެއް އެކަލާނގެ އިރާދަ އާއި މިންވަރުފުޅުން ނޫނީ ނުވޭ.... ދަރިފުޅު އެދޭ ކަންތަކުގެ ވާހަކަ އެފަރާތުގައި ގިނަ ގިނައިން ދެންނެވި ވަރަކަށް ކާމިޔާބާ ކައިރި ވަމުން ދާނެ...." ބައްޕަގެ އެ ނަސޭހަތަކީ ފަރަހައަށް ލިބުނު ގަދަފަދަ ހިތްވަރަކާއި ވަރުގަދަ އަޒުމެކެވެ.

"ހިތަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަ ކުރުމުން.... އެކަލާނގެ ހަނދުމަކޮށް އެކަލާނގެއާ ވަކީލު ކުރާ އަޅަކު އެކަނިކޮށް ދޫކޮށެއް ނުލައްވާނެ....."

ބައްޕަގެ އެ ނަސޭހަތް ގަބޫލު ކޮށްގެން، ފަރަހަ، އާ އަޒުމަކާއި އާ ހިތްވަރަކާ އެކު ދިރިއުޅުމުގެ ހަގީގަތާ ކުރިމަތިލީ ކޮންމެ ވެސް އެއް ދުވަހަކުން އެމީހަކާ ހެދި މިކްޔަލް ހަލާކުވެ ނެތިގެން ދިޔަ މީހަކީ ކާކުކަން އޭނާއަށް އެނގޭނެ ކަމުގެ ޔަގީންކަމާ އެކުގައެވެ. އޭނާގެ ކޮންމެ ދުއާ އެއްގައި ދަރިފުޅަށް ރަހުމަތް ލެއްވުމަށް އެދި ދަންނަވާ ފަދައިން، އޭނާގެ ދަރިފުޅު އެގޮތަށް އެފަދަ މަރަކުން އޭނާއާ ވަކިވާން މެދުވެރި ވީ ކޮންކަމެއް ކަން އެނގޭނެ ގޮތެއް މެދުވެރި ކޮށްދެއްވުން ވެސް އެދި ދަންނަވައެވެ. ކޮންމެވެސް ދުވަހަކުން އޭނާ އަށް "ރަޒީ" އަކީ ކާކުކަން އެނގޭނެއެވެ. ނޫނެކެވެ. ހަމައެކަނި އެނގޭނީ ނޫނެވެ. އޭނާގެ ބަދުދުއާ އެމީހަކު ހަލާކު ކުރާނެއެވެ. ވޭނުގައި ތެޅިތެޅި މަރުވާނީވެސް ވޭނުގައެވެ. އޭނާއަކީ ލޯބިވާ މަންމައެކެވެ. ދަރިއަކަށްޓަކައި ހަޔާތުގެ ހުރިހާ އުފަލެއް ހުސް ކުރި މަންމަ އެކެވެ. އެފަދަ މައެއްގެ ބަދު ދުއާ އަކީ ކޮންފަދަ އެއްޗެއް ކަން އެ ދުވަހަކުން އެމީހަކަށް އިހުސާސް ކުރެވޭނެއެވެ.

*******

"ރީރީން – ރީން -"

ހިޔާލުގެ ތެރެއަށް ގެއްލިފަ އިން ފަރަހަ ރިންގް ވާން ފެށި ފޯނުގެ ދިއްލެމުން ދިޔަ ޑިސްޕްލޭ އަށް ބަލައިލިއެވެ. ރޭގަނޑުގެ މިހާ ލަސް ގަޑިއެއްގަ އޭނާއަށް އެގުޅަނީ ނުވެސް ދަންނަ ނަންބަރަކުން ކާކުބާވައެވެ.

"ހަލޯ....." ފަރަހަ ފޯނަށް ޖަވާބުދިނެވެ.

"ފަރޫ...." އެއީ ހިތު ދަސް އަޑެކެވެ. ފަރަހައަށް އިހުތިޔާރަކާ ނުލައި، ގޮނޑިން ތެދުވެވުނީ ލިބުނު ސިހުމާއި ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. "ފަރޫ...." އަނެއްކާވެސް އެމީހަކު ގޮވައިލިއެވެ.

"ނި... ނި.....ނި..ޔަ....ޔާ......." ފަރަހަގެ އަޑުވެސް ތުރުތުރު އަޅައިގަތެވެ.

"ކިހިނެއްތޯ ނާހާނަން –ފަރޫގެ ހާލު ވަރަށް ރަނގަޅަށް އެނގޭ......" ނިޔާޒުގެ އަޑު ފަރަގައަށް އެއިވުނީ ދިގު ސޯޅަ އަހަރަށް ފަހުގައެވެ. އެތައް ޝަކުވާއެއް ކުރަން ބޭނުންވި ނަމަވެސް ފަރަހަގެ ދުލަކަށް އެއްވެސް ހަރަކާތެއް ނައެވެ.

"ފަރޫ..... އަނގައިން ބުނެބަލަ...... މިހާ ދުވަސް ކޮށްފަ ފަރޫއަށް ގުޅުމުންވެސް އަހަންނާ ވާހަކަ ނުދައްކާނަންތަ.....؟"

"ނު – ނުން ...." ފަރަހަ މަޑުމަޑުން ބުނެލިއެވެ. "ނިޔާގެ ހާލު ކިހިނެއް-؟ ކޮންތާކު ތި އުޅެނީ-؟ މިއޮއް ހުރިހާ ދުވަހު އަހަރެން ކޮބައިތޯ ބަލާ ނުލީ ކީއްވެ-؟" އެންމެ ފަހުން ފަރަހަގެ ހިތްފުރިގެން ޝަކުވާތައް އޮހެން ފެށިއެވެ.

"ނިޔާގެ ފަރޫ ކޮބައިތޯ ބަލައި ނުލައި ނިޔާޒު ހުންނާނެތަ؟ އެކަމަކު ފަރޫ ނިޔާއަށް އިންތިޒާރު ނުކޮށް، މީހަކާ އިނީމަ ކީއް ކުރާނީ.....؟" ނިޔާޒުގެ އަޑު އަދިވެސް ވަރަށް ހިތްގައިމެވެ. އެއީ އެ އަޑެއްގެ ޖާދޫގައި ފަރަހަގެ ހިތް ދީވާނާ ކުރި އަޑެވެ. އެއަޑެއް އަހައިލުމަށްޓަކައި ފަރަހަގެ އެތައް ރެއެއްގެ ނިދި ނަގައިލެވުނު އަޑެވެ.

"ނިޔާގެ ފަރޫއަކީ އޭރުވެސް މިހާރުވެސް ހަމަ.... ނިޔާގެ..... މެރީ ކުރީ އެހެން ގޮތެއް ނެތިގެން.... އަހަރެން ނިޔާއާ ގުޅޭތޯ ވަރަށް މަސައްކަތް ކުރިން.... އެކަމަކު ކާމިޔާބެއް ނުވި.... ނިޔާގެ އެއްވެސް ހަބަރެއް ވެސް ނުލިބުނީ... ދެން.... ދެން ޝިވަންއާ ކައިވެނި ކުރުން ނޫން ގޮތެއް ނެތިގެން.....މެރީ ކުރީ...." ފަރަހަ، ލެޕްޓޮޕުން، ލަވައިގެ އަޑު މަޑުކުރަމުން ކިޔައިދިނެވެ.

"މާލެ އައިތަނާ ހެން އެނގުނީ މާމަ ވަރަށް ބަލިކަން... ފަރޫއަށް އެނގޭނެ.... މަގޭ ހުރިހާވެސް މީހަކީ މާމަ.... މަންމަ އާއި ބައްޕަ ދުނިޔޭގައި ތިއްބަސް މަށަކީ ޔަތީމެއް..... މަ ބަލާބޮޑުކުރީ މާމަ.... އެހެންވެ..... ފަރޫއަށް ދިން އެޑްރެހުން، އެނަންބަރުން ދިމާ ނުވީ...." ނިޔާޒު ފުންނޭވާ އެއް ލުމަށްފަހު އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

"މާލެ އައި ދުވަހު ރަށަށް ދާންޖެހުނީ.... ރަށަށް ދިޔަތާ މާގިނަ ދުވަހެއް ނުވެ މާމަ ނިޔާވެއްޖެ.... އޭރު މަ ތިރަށުން އައިތާ ހަތަރު މަސް ވެސް ނުވާނެ... އެދުވަސްކޮޅު ފަރޫގެ ގޭގެ ފޯނަށް ގުޅުމުން ފަރޫއާ ދިމާވާ ގޮތެއް ނުވި.... ދެފަހަރަކު ގުޅިއިރުވެސް ފަރޫ ގެއަކު ނޫޅޭ..... އޭގެ ފަހުން ތިގޭގެ ފޯނާ ނުގުޅޭ..... ގިނަ ވަގުތު ހުންނަނީ ބިޒީވެފައި..... އެހެންނޫނީ ފޯނެއް ނުނަގާ.... ހައެއްކަ މަސް ފަހުން އަހަރެން ތިކޮޅަށް ދިޔައީ، އަހަރެންގެ ފަރޫ ބަލާ... އެކަމަކު.... އޭރު ފަރޫ އެހެން މީހެއްގެ އަނތްބަކަށް ވެނިމިއްޖެ......"

ނިޔާޒުގެ ވާހަކަ އަޑު އަހަމުންދިޔަ އިރު، ފަރަހަގެ ހިތް ގެނބެމުން ދިޔަ ކަހަލަ އެވެ. އޭނާ އަށް ލޯ މަރައިލެވުނީ ހިތަށް އެރި އެތަކެއް "ނަމަ" އިގެ ސަބަބުންނެވެ. އެކަމަކު އެ "ނަމަ" އަކުން ކުރާނީ ވެސް ކީއް ހެއްޔެވެ.

"ޝިވަން އަކީ ވަރަށް ލޯބި މީހެއް.... އެކަމަކު އަހަރެންގެ ހިތް އޭނާ އަކަށް ނުލެނބުނު.... ލޯތްބެއް ނުވެވުނު.... އެހެންވެ ވަރިވީ... ނިޔާ އަށް އިންތިޒާރު ނުކުރެ އޭ ބުނީމަ މިހާ ދެރަވަނީ އެހެންވެ – އޭގެ ފަހުން އަހަރެން އެއްވެސް ކައިވެންޏެއް ނުކުރަން – އެކަމަކު ނިޔާ ހޯދާނެ އެއްވެސް ގޮތެއް ނެތުމުން މަޑުން ހުރީ –"

އެއީ މުޅިއަކުން ހަގީގަތެއް ނޫނެވެ. އޭނާ ނިޔާޒަށް އިންތިޒާރު ކުރިކަން ގައިމެވެ. އެކަމަކު ނިޔާޒު ހޯދާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެއަށްވުރެ މާ ބޮޑަށް ވެސް ލޯބިވާ ލޮބުވެތި ދަރިއަކު ލިބުމަށް ފަހު، ނިޔާޒު ކީއްކުރަން ހެއްޔެވެ. އެއްވެސް ފިރިހެނަކު އޭނާއަށް މުހިންމު ނުވީއެވެ.

"ތީ މުޅިން ތެދު ވާހަކައެއް ނޫން ހެން ހީވަނީ -!" ނިޔާޒުގެ ހީލުމުގެ އަޑު އިވުނެވެ. އެ ހުނުމަކީ ފަރަހަގެ ހަޔާތަށް އެއްދުވަސް ވަރެއްގައި ބަހާރު ގެނައި ހުނުމެކެވެ.

"ކީއްވެ ތިހެން ތި ބުނީ -؟" ފަރަހަ ހައިރާންވެފައި އަހާލިއެވެ.

"އެއްވެސް ކަމެއް ނުވޭ... ހަމަ ބުނެލީ...." ނިޔާޒު ބުނެލިއެވެ.

"މިއޮއް ހުރިހާ ދުވަހު ނުގުޅީ ކީއްވެގެންތޯ ނާހާނަންތަ؟"

"ކުރިން ވެސް އަހައިފީމެއްނު....." ފަރަހަ މަޑުމަޑުން ގޮސް މިކްޔަލްގެ އެނދުގައި އިށީނެވެ.

"އިހަށް އެ ވާހަކަ ބާއްވާފަ.... ބުނެބަލަ... ނިޔާގެ ކިތައް ދަރިން އެބަތިބި...؟ ކޮބާ ވައިފް...؟" ފަރަހަ މަޖާ ވެލާފައި އަހައިލި އެވެ.

މިކްޔަލްގެ ވަކިވުމަށް ފަހު، މިއީ އޭނާ މިގޮތަށް ގަޔާވެ އިނދެ ވާހަކަ ދައްކާ ފުރަތަމަ ފަހަރެވެ. އެއްވެސް މީހަކާ މަޖާވެފައި، ސަމާސާކޮށް އޭނާ ވާހަކަ ދައްކާ، ހީ ސަކަރާތް ނުޖަހާތާ ހައެއްކަ މަސް ދުވަސް ވެއްޖެއެވެ. އޮފީސް ތެރޭގައި ވެސް އޭނާ މާގިނަ ވާހަކަ ދައްކައެއް ނޫޅެއެވެ. ހިނިތުންވެފަ، މީހުންނާ ކުރިމަތިލައި އުޅުނު ނަމަވެސް އޭނާގެ މިޒާޖަށް، މިކްޔަލް ނެތި ދިއުމަށް ފަހު އައި ބަދަލަކީ ބޮޑު ބަދަލެކެވެ. އެހެނަސް އެތައް ދުވަހަކަށް ފަހު މިރޭ އޭނާ އެ އިނީ އާދައިގެ ގޮތަކަށް ސަމާސާ މޫޑެއްގަ އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. އެތައް އަހަރަކަށް ފަހު އޭނާގެ ލޯބިވެރިޔާއާ ވާހަކަ ދެއްކޭ ގޮތް ވުމުން އުފާވާނެ ނޫން ހެއްޔެވެ.

"އެންމެ ފުރަތަމަ ފަރޫ އަހަރެންގެ ފަރޫއަށް ވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ތި ނޫން އަނތްބަކަށް މިހިތެއް ނޭދޭ...... ތިނޫން އަންހެނެއްގެ ދަރިއެއް ވެސް ބޭނުމެއް ނޫން......"

ނިޔާޒުގެ އެވާހަކަ އިވުމުން ފަރަހަގެ ހިތުގައި އުފަލުގެ ރާޅެއް ދުވެލި އެވެ. އޭނާގެ ހިތުގެ ވާހަކަ، އެހިތުގެ ވެރިޔާ ބުނުމަކީ ކިހާ ބޮޑު ހިތްހަމަ ޖެހުމެއް ހެއްޔެވެ. އެހެން ނަމަވެސް ދަރިއެއްގެ ވާހަކަ ނިޔާޒު ދެއްކުމުން އޭނާގެ ހިތަށް ތަދުވިއެވެ.

"މިހާރުދެން އަހަރެން ފަރޫ ބަލާ ދާންވީ..... މީގެ ކުރިންވެސް ތި ރަށަށް ދާން އުޅުނިން.... އެކަމަކު... ނުކެރުނީ...."

"ތީކޮންކަހަލަ ވާހަކައެއް....؟" ފަރަހަ އަހާލިއެވެ.

"ތެދަށް ބުނަންވީތަ؟ އަޑު އަހާނަންތަ؟" ނިޔާޒު އަހައިލިއެވެ.

"އަޑު އަހަން ނުކެރޭވަރުގެ ވާހަކައެއް ނުބުނެވޭނެ...."

ނިޔާޒު ކީއްކުރަން ހެއްޔެވެ. އެއްވެސް މީހަކަށް ފަރަހައަށް އަޑު އަހަން ކެތް ނުކުރެވޭނެ އެއްވެސް ވާހަކައެއް ނުބުނެވޭނެއެވެ. އޭނާއަކީ އެއަށްވުރެ މާ ހަރުދަނާ، އުސޫލުތައް ގަދަފަދަ އަންހެނެކެވެ. އަމުދުން މިހާރު މިކީއަށް ފަހު އޭނާއަށް އެއްވެސް ވާހަކައެއް، އަދި އެއްވެސް ކަމެއް "މާބޮޑެއް" ނޫނެވެ. މިކީގެ ވަކިވުން، އޭނާ ހިލައަށް ބަދަލު ކޮށްފައިވާ ކަހަލައެވެ. އަދި އަމުދުން އޭނަގެ އަމިއްލަ ދެއަތުން ހިފަހައްޓައިގެން ހުއްޓައި، އެ ދެއަތުން ބާރުދޫވެ، (މިކިޔަލް ދޫކޮށްލެވުނު ގޮތަށް) އެވީ ކަންތަކަށް ފަހު ފަރަހަނާޒަކީ އިހަށްވުރެ މާބޮޑަށް ވެސް ހިތްގަދަ އަންހެނަކަށް ވެއްޖެއެވެ.

"އަސްލު ފަރޫ ޑިވޯސްކަމެއް ކުރިއަކުން ނޭނގޭ...." ނިޔާޒު ހެވިލާފައި ބުނި އަޑު އިވުނެވެ.

"އޯހް..... ދެން މިހާރު އެނގުނީ ކިހިނެއް.....؟" ފަރަހަ ގަޔާވެފައި އަހައިލިއެވެ.

"އިހަށް ދުވަހު ހޮސްޕިޓަލް ތެރެއިން ޒޫނާއާ ބައްދަލުވެގެން..... ފަރޫގެ ވާހަކަ ދެއްކުނީ..... ފަރޫގެ ހާލު ހުރިގޮތް ކިޔައިދިނީ ޒޫނާ...." ނިޔާޒު ކިޔައިދިނެވެ.

" ހޫހް – " ފަރަހަ ވިސްނައިލިއެވެ. އެކަމަކު ޒޫނާ އޭނާއަށް ނުވެސް ގުޅައެވެ. ނިޔާޒާ ބައްދަލުވި ވާހަކަ ބުނަން ޒޫނާ ނުގުޅީ ކީއްވެ ހެއްޔެވެ. އަސްތާއެވެ. ހަނދާނެއް ވެސް ނެތެވެ. ނިޔާޒާއި އޭނާގެ ގުޅުމެއް އޮތް ކަމެއް ޒޫނާ އަކަށްވެސް ނޭނގޭނެއެވެ. އެހެން ނޫނަސް ޒޫނާ އޭނާއަށް ގުޅައި އުޅެނީ ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށެވެ. ދެ އެކުވެރިން ގިނައިން ވާހަކަ ދައްކާ އުޅެނީ އެފްބީންނެވެ. އޭނާ ފޭސްބުކް ޗެކް ނުކުރާތާ ހަތަރު ވަރަކަށް ދުވަސް ވެއްޖެއެވެ.

"ކޯޗެއް ތި ވިސްނަނީ...؟" އޭނާ އަނގައިން ނުބުނެ އިންނަން ފެށުމުން ނިޔާޒު އަހައިލިއެވެ.

"އެއްވެސް އެއްޗެއް ނޫން...." ފަރަހަ އަވަސް އަވަހަށް ޖަވާބު ދިނެވެ.

"އެހެން ވިއްޔާ ބުނެބަލަ.... މަށާ މެރީ ކޮށްފާނަންތަ....؟" ނިޔާޒު އަހައިލިއެވެ. "މަގޭ އަނތްބަކަށް ވެދާނަންތަ......؟"

"ތިއަށްވުރެ އެދޭ އެހެން ކަމެއް ނެތް....." ފަރަހަ އުފާވެލާފައި ބުނެލިއެވެ.

އެކަމަކު އަދިވެސް ނިޔާޒަށް ވެސް ދެވޭނީ ދެވަނަ އަށް ހާއްސަ ވާ މީހާގެ މަގާމެވެ. މިކްޔަލް ނެތުމަކުން އޭނާގެ ހިތުގައި މިކްޔަލްއަށް ހާއްސަކަމާއި އިސްކަމެއް ބަދަލެއް ނުވާނެއެވެ. ތަފާތަކީ މިކްޔަލް އަކީ ދަރިފުޅު ކަމަށްވެފައި ނިޔާޒަކީ އޭނާގެ ލޯބިވެރިޔާ ކަމަށް ވުމެވެ.

"އޯހް.... ތޭންކްސް...." ނިޔާޒު ހަމަޖެހުމުގެ ނޭވާއެއް ލީ ކަހަލައެވެ. "ހަމަ މާދަމާގެ ފުލައިޓުން ތިކޮޅަށް ދާނަން.... އިނގޭ.....!"

"ދެން..... މިހާ ދުވަސް ކޮށްފަ..... ދިމާވީމާ....... ލަވަ އެއް ކިޔައި ނުދޭނަންތަ...؟ ފަރަހަ އަހައިލިއެވެ.

"ފަރޫއަށް ލަވަ ކިޔައިނުދީ ދެން ކިޔައިދޭނީ އެހެން ކާކަށް.....؟!" ނިޔާޒު ބުނެލިއެވެ.

"ޖާދޫ ތޭރީ ނަޒަރް....... ހުޝްބޫ ތޭރާ ބަދަން ....."

ފަރަހަ ލޯ މަރައިލަމުން އެނދުގައި އޮށޯވެލިއެވެ. އަދިވެސް ނިޔާޒް އޭނާ ދެކެ ކުރިއެކޭ އެއްގޮތަށް ލޯބިވަނީ ހެއްޔެވެ. އަދިވެސް ނިޔާޒުގެ އެއަޑު ހާދަހާ ހިތްގައިމު ވެފައި ފުރިހަމަ އެވެ. މިއަދު މިކްޔަލް ހުރިނަމަ ކޮންފަދަ ހެއްޔެވެ. އޭރުން އޭނާގެ ހަޔާތުގެ ހުރިހާ މާނައެއް ފުރިހަމަ ވީއެވެ.

(ނުނިމޭ)