ޖޯޖް ހޮޓްޒް އަކީ މަޝްހޫރު އައިފޯނުގެ (ޖެއިލް ބުރޭކް) ހެދި މީހާއެވެ. އައިފޯނުތައް ހެކް ކުރުމަށް ކިޔަނީ ޖެއިލް ބުރޭކެވެ. ޖޯޖަކީ އެންމެ މަޝްހޫރު ގޭމް ކޮންސޯލް ޕްލޭސްޓޭޝަން ވެސް ހެކްކުރި މީހާއެވެ.

6 މަސް ދުވަހުގެ ބޮޑު އަރައިރުމަކަށް ފަހު ދުނިޔޭގެ އެންމެ މުއްސަނދި އެލޮން މަސްކު ޓުވީޓަރ ގަނެ ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. ޓުވީޓާގެ ފަންސާސް އިންސައްތަ މުވައްޒަފުން މަދު ކުރުމަށްފަހު އެލަން މަސްކު މިހާރު މަސައްކަތް ކުރަމުން އަންނަނީ ޓުވީޓަގައި ހުރި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށެވެ. އެގޮތުން މިހާރު ފަޅައިގެންގޮސްފައިވާ ސާޗް ފަންކްޝަން ރަނގަޅު ކުރުމަށް ފުރަތަމަ ވެސް ހޯދީ މަޝްހޫރު ހެކަރު ޖޯޖް ހޮޓްޒް އެވެ.

މީގެ ކުރީންވެސް މާސްކް އަކީ ޓެސްލާއަށް ހެކަރު ހޯދަން މަސައްކަތް ކުރި މީހެކެވެ. ނަމަވެސް ވަޒީފާގެ ޝަރުތުތަކާ ހުރެ ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތި ވިއެވެ. އެހެން ނަމަވެސް މިފަހަރު ހުރިހާ ކަމެއް ބަދަލުވީ "ހަރުކަށި"ކޮށް ޓުވިޓާގަައި ގިނައިރު މަސައްކަތް ކުރަން ބޭނުން ނުވާ ކޮންމެ މީހަކު ދޫކޮށްލާނެ ކަމަށް ބުނެ އެލޮންމަސްކު ކުރި ޓުވީޓަށް ހޮޓްޒް ތައުރީފު ކުރުމުންނެވެ.

ޓުވީޓާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެލޮން މަސްކުގެ ވެސް ވިސްނުންތަކެއް ހުރިއިރު ހޮޓްޒްގެ ވެސް ބޮޑެތި ޕްލޭންތަކެއް އެބަހުއްޓެވެ. އޭނާ ބޭނުންވަނީ މާގިނައިރު ސްކްރޯލް ނުކޮށް ޓުވީޓާގެ މުހިއްމު ހަބަރުތަކާއި ވައިބްތަކުގެ އިތުރުން ޓުރެންޑް ވަމުން އަންނަ ކަންކަން ފަސޭއިން ހޯދޭނެ ގޮތެއް ހަދާށެވެ. މި ކަންކަން ކާމިޔާބު ވިޔަސް ނުވިޔަސް ހޮޓްޒް ވަނީ މިހާރު ވެސް އެއްކަމެއް ސާބިތުކޮށް ދައްކައިދީފައެވެ. އެއީ ޓުވީޓާގެ ސާޗުގައި ބޮޑު މައްސަލައެއް ހުރިކަމެވެ. އަދި އެކަން ރަނގަޅު ކުރުމަށް އޭނާއަކީ ޓެކް ދުނިޔޭގައި ހުރި އެންމެ ޑިމާންޑް ބޮޑު މީހާ ކަމެވެ.

ކޮންމެ ގޮތެއްވިޔަސް ބޮޑު ޓީމެއްގެ ބަދަލުގައި ހޮޓްޒްއަށް މިކަންކަން ހައްލު ކުރެވޭނެ ކަމުގެ ނިޝާންތައް މިހާރުވެސް އެބަހުއްޓެވެ. ހޮޓްޒް އަކީ މިހާރު ޓުވީޓާގެ މައިގަނޑު ބަދަލުތައް ގެނައުމުގައި އިސްކޮށް ހުންނާނެ ޓެކް އިންޖިނިއަރެވެ. ނުވަތަ ސޮފްޓްވެއާ ލިޔާނެ މީހާއެވެ. އެހެން ނަމަވެސް ދާދި ފަހުން ވަޒީފާއިން ވަކިކުރި އެތައް އިންޖިނިއަރުންގެ ބަދަލުގައި ހެކަރެއް ގެނައުމުން ބޮޑެތި ބައެއް ކުންފުނިތަކުން ދެކެނީ މީިއީ ބޮޑު ގޯހެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އެލޮން މަސްކް އަކީ މީހުން ދައްކާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދޭ މީހެއް ނޫނެވެ.

ޓުވީޓާއަށް ދިމާވެފައިވާ މައްސަލަތަކުން އެލޮން މަސްކަށް އަރައިއިގަނެވޭނީ ހެކަރެއްގެ އެހީގައިތޯ ބައެއް މީހުން ސުވާލު ކުރާ އިރު މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޓުވީޓާގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ދެކެވޭ ވާހަކައަކަށް ވެފައެވެ. ގިނަ ނޫސްތަކެއްގެ ފަލަ ސުރުހީގައި ޓުވީޓާގެ ވާހަކަތައް އަބަދުވެސް އޮވެއެވެ. އެލޮން މަސްކު ބުނާ ގޮތުން ޓުވީޓާ ބޭނުންކުރާ މިންވަރު ވަނީ ކުރިން ދުވަހަކުވެސް ނުދާ ވަރަށް މައްޗަށް ގޮސްފައެވެ.