ޓެކްނޮލޮޖީ

ރިިމޯޓަކުން އަގު ބަދަލުކޮށް، 800 ގިލަނަށް ވުރެ ގިނަ ގޭސް ވަގަށް ނަގައިފި

އާދަމް ނަސީރު

ހައުސްޓަންގެ ލޯކަލް ގޭސް ސްޓޭޝަނެއްގައި ގޭސް ވިއްކާ އަގު ބަދަލު ކުރުމަށް ރިމޯޓެއް ބޭނުން ކުރާ މީހަކު ހައްޔަރުކޮށްފިއެވެ.

މެކޭނިކަލް ސެކިއުރިޓީ ޑިވައިސްއެއް ގާނޫނާ ހިލާފަށް ބޭނުންކުރުމުގެ ކުށުގައި މިގްއެލް މަންޒާނޯ ނަމަކަށް ކިޔާ އެ މީހާގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. މަންޒާނޯ ހައްޔަރުކުރިއިރު ޖީބުން ރިމޯޓެއް ފެނުނު ކަމަށާއި އެއީ ގޭސް ޕަމްޕުން އަޅާ ގޭހުގެ އަގު ބަދަލު ކުރުމަށް ބޭނުންކުރާ ރިމޯޓެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މަންޒާނޯ ވަނީ 800 ގިލަނަށް ވުރެ ގިނަ ތެޔޮ ވަގަށް ނަގާފައެވެ.

މި ރިމޯޓް އުފެއްދި މަންޒާނޯގެ މައްސަލައަށްވުރެ އޭނާގެ މި އުފެއްދުން މިހާރު ވަނީ މަޝްހޫރުވެފައެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މަންޒާނޯ މި ރިމޯޓް ބޭނުންކޮށްގެން މިއަށްވުރެ ގިނަ ވައްކަންތައް ކޮށްފައިވުމަކީ އެކަށީގެންވާކަމެކެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު މިފަދަ ރިމޯޓެއްގެ އެހީގައި އަގު ބަދަލު ކުރެވޭނެ ގޮތަކާއިމެދުވެސް އަންނަނީ ބޮޑު ބަހުސެއް ކުރެވުމުންނެވެ.

ޓެކްނޮލޮޖީގެ އެކި އުފެއްދުންތައް ބޭނުންކޮށްގެން އެކި ކަހަލަ ވައްކަން ކުރުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރާއްޖޭގައިވެސް މީހުންގެ ފޯނުތަކަށް ފޮނުވާ ލިންކުތަކުގެ ބޭނުންކޮށްގެން އެފޯނުތަކުގައި ހުންނަ، ބޭންކް އެޕް ހުޅުވައި ބޮޑެތި އަދަދުތަކުން ފައިސާ ވަގަށް ނަގާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. އެތައް މިލިއަން ރުފިޔާގެ މައްސަލަ މިހާރުވެސް ޕޮލިހުން ބަލަމުން އަންނައިރު މި ފަދަ ސުކޭމްތަކުގައި ޓެކްނޮލޮޖީގެ އެހީ ވަރަށްބޮޑަށް ދަނީ ބޭނުން ކުރަމުންނެވެ.