ވޯލްޑްކަޕްގެ ސެމީފައިނަލުގައި ދާދިފަސޭހަކަމާއެކު ތިނެއް ސުމަކުން ކްރޮއޭޝިއާ ބަލިކޮށް އާޖެންޓީނާ އެވަނީ މުބާރާތުގެ ތަށި ހޯދުމާ އެންމެ ފިޔަވަޅަކަށް ގާތަށް ޖެހިލައިފައެވެ. ކެޕްޓަން ލިއޯ މެސީއަށް ފުޓްބޯޅައިގައި މިހާތަނަށް ލިބިފައިނެތް ހަމައެކަނި ޓްރޮފީއަކީ ވޯލްޑްކަޕެވެ. މިއީ އޭނާގެ ފަހު ވޯލްޑްކަޕެވެ. މިދިގު އިންތިޒާރު މިފަހަރު ހިނިތުންވުމަކުން ނިމޭނޭކަމުގެ ހީތައް މިހާރުވަނީ ބޮޑުވެފައެވެ. ފުޓްބޯޅައިގެ "ގްރޭޓެސްޓް އޮފް އޯލް ޓައިމްސް" ގޯޓްގެ ހަގީގީ ޝަރަފުގެ ވެރިޔަކީ އޭނާކަން ސާބިތުކޮށްދިނުމާ އެވަނީ ނުހަނު ގާތަށް ދެވިފައެވެ. ދެން ބާކީއޮތީ އެންމެ މެޗެކެވެ. ސެމީފައިނަލުން މެސީ އާއި އާޖެންޓީނާ މޮޅުވެފައި އެވަނީ ތަފާތު އެތަކެއް އައު ރިކޯޑު ގާއިމުކޮށްފައެވެ. އެހެންވީމާ އެކަންކަމުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ބަލައިލުމަކީ ބޭނުންތެރިކަމެއް ކަމުގައި ހީވެއެވެ.

ވޯލްޑްކަޕުގައި ފުރަތަމަ މެޗުން ބަލިވެފައި މުބާރާތުގެ ތަށި ނެގުމުގެ ރިކޯޑަށް ބަލާއިރު ސްޕޭނުންވަނީ 2010 ވަނަ އަހަރު އެކަންކޮށްފައެވެ. އާޖެންޓީނާ މިފަހަރު ކުޅުނު ފުރަތަމަ މެޗުގައި ސައޫދީ އަރަބިޔާއަތުން ވެފައިވަނީ ބައްޔެވެ. އެހެންވީމާ އާޖެންޓީނާ އަދި އެދަނީ ސްޕޭނު ދަތުރުކުރި މަގުންނެވެ. ބައެއް މީހުން ބުނެއެވެ. ސައޫދީ އަތުން ބަލިވި ބަލިވުމަކީ ނަސީބު ބައްޔެކެވެ. ކޮންމެއަކަސް ފައިނަލްގައި އާޖެންޓީނާއާއި ބައްދަލުކުރާ ޓީމަކީ ފްރާންސްކަމަށް ވެއްޖެނަމަ ފައިނަލްގެ ފޯރި ވަކިން ގަދަވާނެއެވެ. މުބާރާތުގެ ރަންބޫޓު ހޯދުމުގެ ވާދަވެރިކަން ނުހަނު ބޮޑުވާނެއެވެ. އެ ވާދަވެރިކަން އޮތީ ހަތަރު ކުޅުންތެރިއެއްގެ މެދުގައެވެ. ފްރާންސްގެ އެމްބާޕޭ އާއި އާޖެންޓީނާގެ މެސީ ވަނީ މިހާތަނަށް ކޮންމެ މީހަކުވެސް ފަސް ގޯލް ޖަހައިފައެވެ. ފްރާންސްގެ ޖިރޫއާއި އާޖެންޓީނާގެ އަލްވަރެޒް ވަނީ ކޮންމެ މީހަކުވެސް ހަތަރު ގޯލް ޖަހައިފައެވެ.

ކްރޮއޭޝިއާ ކޮޅަށް ލިއޯ މެސީ ވައްދައިލި ޕެނަލްޓީއަކީ މި މުބާރާތުގައި މެސީ ކާމިޔާބުކުރި ތިންވަނަ ޕެނަލްޓީއެވެ. ވޯލްޑްކަޕްގެ އެއް މުބާރާތުގައި މެސީއަށްވުރެ ގިނައިން ޕެނަލްޓީ ޖަހާފައިވަނީ 1966 ވަނަ އަހަރު ޕޯޗުގަލްގެ ޔޫސޭބިއޯއާއި 1978 ވަނަ އަހަރު ނެދަލެންޑްގެ ރެންސެންބްރިންކެވެ. އެދެމީހުންވެސް ކާމިޔާބުކުރީ ހަތަރު ޕެނަލްޓީއެވެ. ކޮންމެއަކަސް ޕެނަލްޓީއަކުން ލިއޯ މެސީ މިހާރު އެވަނީ ވޯލްޑްކަޕުގައި އެގާރަ ގޯލް ހަމަކޮށްފައެވެ. މިއީ އާޖެންޓީނާގެ ރިކޯޑެކެވެ. ކުރިން ރިކޯޑު އޮތީ ވޯލްޑްކަޕުގައި އާޖެންޓީނާއަށް 10 ގޯލް ޖަހާދީފައިވާ ބަޓިސްޓޫޓާގެ އަތުގައެވެ. ދުނިޔޭގެ ރިކޯޑު އޮތީ ސޯޅަ ގޯލް ޖަހާދީފައިވާ ޖަރުމަނީގެ މިރޮސްލާވް ކްލޯސާގެ އަތުގައެވެ. އެރިކޯޑާ މެސީއަށް ހަމަކުރެވޭނީ ފައިނަލުގައި ފަސްގޯލް ޖަހައިގެންނެވެ. އެއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް ލިއޯ މެސީ ކުޅުނު މެޗަކީ ވޯލްޑްކަޕުގައި މިހާތަނަށް އޭނާގެ 25 ވަނަ މެޗެވެ. މިއީ ޖަރުމަނީގެ ލޮތާ މެތިއުސްގެ ރިކޯޑާ އެއްވަރުވުމެކެވެ. މިފަހަރުގެ ފައިނަލް މެޗު އަދި ކުރިއަަށް އޮތުމާއެކު ވޯލްޑްކަޕުގައި 26 މެޗު ހަމަކޮށްގެން ލިއޯ މެސީ އައު ރިކޯޑެއް މިފަހަރު ގާއިމްކުރާނޭކަން ވަނީ ޔަގީންވެފައެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ގޯލެއް ޖަހައި އިތުރު ގޯލަކަށް އެސިސްޓްކޮށްދީގެން މެސީއަށް އެހެން ރިކޯޑެއްވެސް ވަނީ ލިބިފައެވެ. އެއީ ފާއިތުވި 56 އަހަރުގެ ތެރޭގައި އެއް ވޯލްޑްކަޕެއްގެ ތަފާތު ތިން މެޗެއްގައި ތިން ގޯލްޖަހައި ތިން އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާއަށް ވުމުގެ ރިކޯޑެވެ. މެސީގެ އެސިސްޓްތަކުގެ ތެރެއިން ދެ އެސިސްޓަކީ މި މުބާރާތުގައި ފެނިގެންގޮސްފައިވާ އެންމެ މޮޅު އަދި އެންމެ ހިތްގައިމު ދެ އެސިސްޓެވެ.

ޔޫރަޕުގެ ޓީމުތަކާ ދެކޮޅަށް އާޖެންޓީނާ ވޯލްޑްކަޕުގައި އެންމެފަހުން ކުޅުނު 8 މެޗުގެ ތެރެއިން ފުރިހަމަ ވަގުތުގައި މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. އެއީ މިފަހަރުގެ ވޯލްޑްކަޕުގައި ޕޮލެންޑާއި ކްރޮއޭޝިއާ އަތުންނެވެ. ބަލިވެފައިވަނީ ތިންމެޗުންނެވެ. އެއްވަރުވެފައިވަނީވެސް ތިން މެޗެވެ. އެއްވަރުވި ތިންމެޗުގެ ތެރެއިން ދެމެޗަކީ ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވި މެޗުތަކެވެ. އޭގެތެރޭގައި މިފަހަރު ނެދަލޭންޑާ ދެކޮޅަށް ކުޅުނު މެޗުވެސް ހިމެނެއެވެ. ސެމީފައިނަލްގައި ކްރޮއޭޝިއާއާ ދެކޮޅަށް މިފަހަރު ނުކުތުމުގެ ކުރިން އާޖެންޓީނާ އާއި ކްރިއޭޝިއާ ވަނީ ވޯލްޑްކަޕުގައި ދެ މެޗެއް ކުޅެފައެވެ. އެންމެ ފުރަތަމަ 1998 ވަނަ އަހަރު ގްރޫޕް ފިޔަވަހީގައި ކުޅެގެން އެކެއް ސުމަކުން މޮޅުވީ އާޖެންޓީނާއެވެ. އޭގެފަހުން 2018 ވަނަ އަހަރު ގްރޫޕް ފިޔަވަހީގައި ކުޅެގެން ތިނެއް ސުމަކުން މޮޅުވީ ކްރޮއޭޝިއާއެވެ.

ކްރޮއޭޝިއާ ބަލިކޮށްފައި އާޖެންޓީނާ ވޯލްޑްކަޕުގެ ފައިނަލުން ޖާގަ އެހޯދީ އެމީހުންގެ ތާރީޚުގައި ހަވަނަ ފަހަރަށެވެ. ވޯލްޑްކަޕުގެ ފައިނަލުން އާޖެންޓީނާއަށްވުރެ ގިނައިން ޖާގަ ހޯދާފައިވާ ހަމައެކަނި ޓީމަކީ ޖަރުމަނެވެ. ޖަރުމަނަކީ 8 ފަހަރު ފައިނަލްގައި ކުޅެފައިވާ ޓީމެކެވެ. ބްރެޒިލްއާއި އިޓަލީވެސް ކޮންމެބަޔަކު ހަފަހަރު ފައިނަލްގައި ކުޅެފައިވެއެވެ. ސެމީފައިނަލަކީ އާޖެންޓީނާ އަބަދުވެސް ކާމިޔާބުހޯދާ ފިޔަވައްސެކެވެ. ވޯލްޑްކަޕުގެ ސެމީފައިނަލަކުން އަދި ދުވަހަކުވެސް އާޖެންޓީނާ ބަލިވެފައެއްނެތެވެ. އެކަން މިފަހަރުވެސް އެދިޔައީ ތަކުރާރުވެގެންނެވެ. އާޖެންޓީނާ ހިމެނުނީ ވޯލްޑްކަޕްގެ ސެމީފައިނަލެއް ބައިކޮޅަށް ގޯލެއް ވަނުމަކާ ނުލައި ތިންގޯލް ނުވަތަ އެއަށްވުރެ ބޮޑު ފަރަގަކުން ކާމިޔާބުކުރި ފުރަތަމަ ޓީމުކަމުގައެވެ. ބައިކޮޅަށް އެއްޗެއް ވައްދައިގެން ތިން ގޯލް ނުވަތަ އެއަށްވުރެ ފަރަގު ބޮޑުކޮށް ދެފަހަރަކު ވޯލްޑްކަޕްގެ ސެމީފައިނަލުން މޮޅުވި ދެވަނަ ޓީމުކަމުގައި އާޖެންޓީނާ ވަނީ ހިމެނިފައެވެ. އަނެއް ޓީމަކީ ޖަރުމަނެވެ.