ފީފާ ވޯލްޑް ކަޕް 2022 ފޯރިގަދަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ހަބޭސް ބޮޑުބެރުގެ ޝޯއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބުނީ، ހަބޭސްގެ ޝޯ އޮންނަނީ މިރޭ 10:00 ގައި އާޓިފިޝަލް ބީޗުގައި ހަދާފައިވާ އުރީދޫ ފޭން ޒޯންގައި ކަމަށެވެ.

ބޮޑު ބެރު ޝޯގެ މަގުސަދަކީ ސެމީ ފައިނަލްގައި އާޖެންޓީނާ އާއި ކްރޮއޭޝިޔާ ބައްދަލުކުރާ މެޗްގެ ކުރިން ސަޕޯޓަރުން އެއްވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އުރީދޫން ބުންޏެވެ.

ސެމީފައިނަލް މެޗުގެ ކުރިން ބާއްވާ އެ ޝޯގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އުރީދޫން ވަނީ އެދިފައެވެ.

ވޯލްޑް ކަޕްއާ ދިމާކޮށް އުރީދޫން އަންނަނީ ވަރަށް ގިނަ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން އުރީދޫން ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފައެވެ. އަދި ވަނީ ސެމީ ފައިނަލް މެޗެއް ބަލަން ގަތަރަށް ދިޔުމުގެ ފުރުސަތު ގުރުއަތުން ހޮވުނު ހަތަރު ކަސްޓަމަރަކަށް ދީފައެވެ.

ވޯލްޑް ކަޕްގެ ސެމީގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި މިރޭ 12:00 ޖަހާއިރު އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ އިރު، އަންނަ ބުދަ ދުވަހުގެ މެންދަމު 12:00 ގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މޮރޮކޯއެވެ.

އެ މެޗުތަކުން މޮޅުވާ ޓީމުތަކަށް މިމަހުގެ 18 ވަނަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެއެވެ.