އާންމުންގެ ބަޔަކާއެކު ފުލުހުންގެ ޓީމެއް ހދ. ނޮޅިވަރަންފަަރު ސަހަރާއަށް ވަދެ މަހާނައެއްގެ މަތި ކޮނުނު މައްސަލައިގައި ފުލުހުންނަށް ފިޔަވަޅު އަޅަން އެރަށު ކައުންސިލުން ގޮވާލައިފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ ހުރިހާ މެމްބަރުން ސޮއިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ 23:30 ގައި ނޮޅިވަރަންފަރު ސަހަރާއަށް އާންމު ބަޔަކު ވަދެ ރުގްޔާގެ ނަމުގައި ކޮނުމުގެ މަސަކަތްކުރާ ކަމުގެ މައުލޫމާތު ލިބުމުން، ސަހަރާއަށް ދިޔައިރު އެކަން ކުރަމުންދިޔައީ އެރަށު ޕޮލިސް އިންޗާޖާއި އިތުރު ފުލުހުންގެ ހާޒިރުގައި ކަމަށެވެ. އަދި ސަހަރާ ކޮނުމަށް އެދި އަނގަބަހުން އެކި ފަހަރުމަތިން އެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ލަފާލިބިފައިވަނީ ޝަރުއީ ރުގްޔާގައި ސަހަރާ ކޮނުމެއް ނޯނާނެ ކަމަށާއި އެކަން ކުރުމަށް ހުއްދަ ނުދިނުމަށް ކަމަށް ކައުންސިލުން ބުންޏެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އެ ލަފާއާ ގުޅިގެން އެކަން ކުރުމަށް ހުއްދަ ނުދެވޭނެ ކަމަށް، އެކަމަށް އެދުނު މީހުންނަށް އަންގާފައިވާނެ ކަމަށްވެސް ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެ ކައުންސިލުން ބުނީ އެގޮތަށް ހުއްދަ ނުދެވޭނެކަން އަންގާފައިވަނިކޮށް އެ ރަށު ސަހަރާއަށް ވަދެ، މަހާނަ ކޮނެ ހިންގި އަމަލު އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި ގާނޫނު ނަގަހައްޓާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ފުލުހުންގެ މުއައްސަސާއިން މިފަދަ ކަމަކަށް އެއްބާރުލުން ދިނުމާއި މީޑިއާތަކުގައި އެ ކައުންސިލު ބަދުނާމުކޮށް ފުލުހުން މައުލޫމާތު ދީފައިވާތީ އެކަންވެސް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

ކައުންސިލުން ބުނީ، އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެ ކައުންސިލަށް ލިބިފައިވާ ބާރަށް އަރައިގަނެފައިވާ ކަމަށާއި އެކަން ހިނގާދިޔަ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އެ ކައުންސިލުން ގޮވާލާ ކަމަށެވެ.