ވޯލްޑް ކަޕް

އެފްރިކާގެ ކަޅު ޓީމެއް ވޯލްޑްކަޕުގައި އެންމެފުރަތަމަ ކުރި ހިތްދަތި ތަޖުރިބާ!

އިމާދު ލަތީފު

ވޯލްޑްކަޕުގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމަކީ މިސްރެވެ. އެއީ 1934 ގައެވެ. އެއަށްފަހު ދެން އެފްރިކާގެ ދެވަނަ ގައުމަކަށް ފުރުސަތު ލިބުނީ 1970 ވަނަ އަހަރުއެވެ. އެއީ މޮރޮކޯއެވެ. މިސްރާއި މޮރޮކޯއަކީ އެފްރިކާގެ އުތުރުބިތުގެ އަރަބި ގައުމުތަކެވެ. އެފްރިކާގެ ކަޅު ޓީމެއް ވޯލްޑްކަޕުން އެންމެ ފުރަތަމަ ފެނުނީ 1974 ގަައެވެ. އެއީ ޒަޔަރެވެ. އެގައުމުގެ ނަމަކީ މިހާރު ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. ބެލްޖިއަމްގެ އަތްދަށުން 1960 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު 1971 ވަނަ އަހަރާ ހަމައަށް އެއީ ކޮންގޯއެވެ. އެކަމަކު 1971 ވަނަ އަހަރުން 1997 ވަނަ އަހަރާ ހަމައަށް އެއީ ޒަޔަރެވެ. އަނެއްކާވެސް 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޑިމޮކްރަޓިކް ކޮންގޯއެވެ. ކޮންމެއަކަސް ސައިޒުގެ ގޮތުން އެފްރިކާގައި ދެވަނައަށް އެންމެ ބޮޑު ގައުމަކީ އެއީއެވެ.

ފަރަންސޭސި ގައުމީ ޓީމުން ދާދިފަހަކާ ހަމައަށްވެސް ފެނުނު ކުޅަދާނަ މިޑްފީލްޑަރު ކްލައުޑް މަކިލޭލޭ އާއި ބެލްޖިއަމްގެ ޓީމުން ފެނިފައިވާ ފޯވާޑް ކްރިސްޓިއަން ބެންޓޭކޭ ނިސްބަތްވަނީވެސް މިގައުމަށެވެ. ވޯލްޑްކަޕުގައި ކުޅުނު އެފްރިކާގެ ކަޅު ފުރަތަމަ ޓީމަކީ ޒަޔަރުކަމަށްވެ ރިކޯޑެއް ގާއިމްކުރިގޮތަށް މިއަދާ ހަމަޔަށްވެސް އެގައުމު ވަނީ ވޯލްޑްކަޕުން ގެއްލިފައެވެ. ޖަރުމަނުގައި 1974 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގައި ޒަޔަރުގެ ފަރާތުން ނެރެވިފައިއޮތީ އެފްރިކާ ފަޚުރުވެރިވާ ކަހަލަ ނަތީޖާތަކެއް ނޫނެވެ. އެފްރިކާ ލަދުގަންނަ ކަހަލަ ނަތީޖާތަކެކެވެ. އެހެން އެކަން ދިމާވުމުގައި ބޮޑެތި ސަބަބުތަކެއްވެސް ހުއްޓެވެ. ތިރީގައި މި ބަލައިލަނީ އެ ސަބަބުތަކަށެވެ. އެފްރިކާގެ ކަޅު ޓީމަކަށް ވޯލްޑްކަޕުގައި ޔޫރަޕާ ވާދަނުކުރެވޭނޭ ކަމަށް ބައެއް މީހުން ބުނާން މެދުވެރިވި ސަބަބުތަކަށެވެ. ޝައުގުވެރި ކުރަނިވި ވާހަކައެކެވެ.

ޑިމޮކްރަޓިކް ކޮންގޯގެ ނަން ޒަޔަރަކަށް ބަދަލުކުރެއްވީ 1971 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި މޮބޫޓޫއެވެ. ޒަޔަރުގެ މާނަޔަކީ ހުރިހާ ކޯރުތައް ދިރުވައިލާ އެންމެ ބިޔަ ކޯރެވެ. މޮބޫޓޯ ބަދަލު ކުރެއްވީ ހަމައެކަނި ގައުމުގެ ނަމެއް ނޫނެވެ. އޭނާގެ އަމިއްލަފުޅު ނަންވެސް ރިޔާސީ ގަރާރަކުން ބަދަލު ކުރެއްވިއެވެ. އައު ނަންފުޅަކީ މޮބޫޓޯ ސެސެ ސޭކޯ އެންކޫކޫ އެންގްބެންޑޫ ވަޒަ ބަންގާއެވެ. މާނަޔަކީ އަބްތާލުންގެ ތެރެއިން އެންމެ އަރައި ހުންނެވި ބާރުގަދަ ހިކުމަތްތެރި ހިތްވަރުގަދަ ބަތަލެވެ. ބިންތައް ފަތަހަ ކުރައްވާއިރު ފައިންޕުޅު ޖެއްސެވި ކޮންމެތަނަކުން އަލިފާން ނެރުއްވާ ފާތިހެވެ. ކޮންމެއަކަސް މި މޮބޫޓޫއަކު ވެރިކަމަށް ވަޑައިގެންނެވިތާ ތިން އަހަރުވީތަނާ ޒަޔަރު ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ. އެފްރިކާގެ ފުރަތަމަ ކަޅު ޓީމުގެ ގޮތުގައެވެ. މިކަން އޭނާ ވަރަށް ބޮޑަށް ސިޔާސީ ކުރެއްވިއެވެ.

ވޯލްޑްކަޕަށް ޒަޔަރު ކޮލިފައިވީމާ ރިޔާސީ ގަނޑުވަރަށް ހުރިހާ ކުޅުންތެރިން ގެންދަވައިފައި ރައީސް މޮބޫޓޯ އެންގެވިއެވެ. ކަލޭމެންގެ ކޮންމެ މީހަކަށް ފެންވަރު ރަނގަޅު ބޮޑު ގެޔަކާއި އަގުބޮޑު ކާރެއް ދޭން ނިންމައިފީމެވެ. މިތަކެތި ލިބޭނީ މި ގައުމާއި މިސަރުކާރު ފަޚުރުވެރިވާފަދަ މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ނެރެގެން އައީމައެވެ. އެހެންނޫނީ ބޮޑެތިވެގެންވާ އުގޫބާތް ލިބޭނޭކަން ދަންނާށެވެ. މިހެން ވިދާޅުވެ އިންޒާރު ދެއްވައިފައި ޓީމު ޖަރުމަނަށް ފުރުވައިލެއްވީއެވެ. ވޯލްޑްކަޕުގައި ޒަޔަރުގެ ފުރަތަމަ މެޗަކީ ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗެވެ. ދޭއްސުމަކުން ބަލިވީއެވެ. ހަމަބަލިވުމާއެކު ސަފީރަކު މެދުވެރި ކުރައްވައި މޮބޫޓޫ އެންގެވިއެވެ. ކަލޭމެންނަށް އެކައްޗެއްވެސް ނުދޭނަމެވެ. ދެންވެސް އެއްޗެއް ލިބޭނީ ދެންހުރި މެޗުތަކުގައި މޮޅު ކުޅުމެއް ކުޅެ، މަ އުފާވާ ކަހަލަ ނަތީޖާތަކެއް ނެރެ ދެއްކީމައެވެ.

ދެވަނަ މެޗުގައި ޒަޔަރު ކުޅެން ޖެހުނީ ޔޫގޯސްލާވިޔާއާ ދެކޮޅަށެވެ. މޮބޫޓޫގެ އިންޒާރުތަކާހެދި މެޗަށް ނާރަން ވަރަށް ގިނަ ކުޅުންތެރިން ނިންމިއެވެ. އެކަމަކު ސަރުކާރުން އެދިގެން، ދެން އެޒާތުގެ ކަމެއް ނުކުރާން ވައުދުވެގެން މެޗު ކުޅެން އެއްބަސްވީއެވެ. ހިތާދެކޮޅަށް ކުޅެން ނުކުމެ ޒަޔަރު ބަލިވީ ނުވައެއް ސުމަކުންނެވެ. މިކަމާ ކޯފާ އިސްކުރައްވައި ހުރިހާ ކުޅުންތެރިންނަށް މޮބޫޓޯ އެންގެވިއެވެ. ކަލޭމެންގެ ފޮނިކަން ދެން މާމައްޗަށް ދިޔައީއެވެ. ދެންއޮތީ ބްރެޒިލްގެ މެޗެވެ. ހަނދާންކުރާށެވެ. ހަތަރު ލަނޑަށްވުރެ ގިނައިން ވަދެއްޖެނަމަ ތިޔައިން އެކަކުވެސް ގައުމަށް އައިސްގެން ނުވާނެއެވެ. ހޭއަރުވައިލާނޭކަން ދަންނާށެވެ. ކޮންމެއަކަސް ބްރެޒިލްއާ ދެކޮޅަށް ނުކުތީ ގަޔަށް ކުޑަކަމުދެވޭވަރަށް ބިރުގެންފައި ތިބެގެންނެވެ. އެހާލުގައި ކުޅެ ބްރެޒިލް އަތުން ބަލިވީ ތިނެއް ސުމަކުންނެވެ.

ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުގައި ގަސްތުގައި ރަތްކާޑު ހޯދައިގެން ދަނޑުން ފައިބަންވެސް ބައެއް ކުޅުންތެރިން އުޅުނެވެ. އެހިސާބުން ޒަޔަރަށް ވޯލްޑްކަޕް ނިމުނީއެވެ. ކޯޗަކަށްހުރި ޔޫގޯސްލާވިޔާގެ ބްލެގޮޔީ ވިޑިނިޗް އެނބުރި ދިޔައީ އަމިއްލަ ގައުމަށެވެ. ޒަޔަރުގެ ގިނަ ކުޅުންތެރިން ރަށަށް ނުގޮސް ހިމާޔަތް ހޯދީ ޔޫރަޕުގެ އެކި ގައުމުތަކުންނެވެ. މޮބޫޓޫ ވައުދުވެވަޑައިގެންނެވި ކާރެއްވެސް ގެޔެއްވެސް ނުދެއްވިއެވެ. އަދި ޒަޔަރުގެ ފުޓްބޯޅަޔަށް ޚަރަދު ކުރެއްވުންވެސް މުޅިން ހުއްޓާލެއްވިއެވެ. އޭނާގެ ވެރިކަން 1997 ގައި ނިމެންދެން ކަންތައް ކުރެއްވީ އެމަގުންނެވެ. އެނބުރި ގައުމަށް ދިޔަ މަދު ކުޅުންތެރިންނަށް ދެން އަލުން ގައުމުން ބޭރަށް ދިޔުން މަނާކޮށް ޕާސްޕޯޓުތައްވެސް ހިފެހެއްޓިއެވެ. ޔޫރަޕުގެ ކުލަބުތަކަށް ކުޅުމަކީ މަނާކަމަކަށްވެސް ހެދިއެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ.