ރީތި ހީނލުމަކުން މީހާގެ މުޅި މޫނު ޗާލު ކަމަށް ދައްކައެވެ. އަދި މިގޮތަށް ހީނލާއިރު ނަލަނަލަ، ހުދުކަން ގަދަ، ސާފު ބޯކިރުފޮދެއް ކަހަލައޭ ބުނެވޭނެ ފަދައެއްގެ އޮފްކަން ގަދަ ރީތި ދަތްޕިލައެއް ފެނުމުން އެ ރީތިކަން މާބޮޑަށްވެސް ފާހަގަވާނެއެވެ. ދުޅަހެޔޮ އަދި ސާފު ހުދު ދަތްޕިލައެއް ބޭނުން ނުވާނެ މީހަކު ހުރެދާނެ ހެއްޔެވެ. ނޫނެކެވެ. އެއްވެސް މީހަކު ތިމާގެ ދަތްތައް ހަޑިވެފަ ހުންނާކަށް ނޭދޭނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދަތްޕިލަ ވީ އެންމެ ސާފުކޮށް، އެންމެ ރައްކާތެރި ގޮތަކަށް ގެންގުޅެވޭތޯ ތަފާތު ހޯދުންތައް ބަލައި އެއަށް އަމަލުކޮށް، އެދެވޭ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ބަލައެވެ.
މިގޮތަށް ދަތްތައް ދުޅަހެޔޮ ކަންމަތީ އޮފް އަރާވަރަށް އުނގުޅުމަށް މާމުޔާއި ލޮނު ބޭނުން ކުރެވިދާނެކަން އެނގޭހެއްޔެވެ.
ދުޅަހެޔޮ ދަތްތަކެއް ހުރުމަށްޓަކައި އަނގައިގައި ހުންނަ ދަތުގެ ބެކްޓީރިއާ ނައްތާލަން ޖެހެނީ އަނގަ ދޮވެ ދަތް އުނގުޅައިގެންނެވެ. ލޮނާއި މާމުއި އެއްކޮށްގެން ދަތް އުނގުޅުމާއި، މަޑު ދަތް އުނގުޅާ ބުރުހެއް ބޭނުންކުރުމާއި ދަތްއުނގުޅާ 'ފްލޮސް' ބޭނުންކުރުމަކީ ވަރަށް އެކަށީގެންވާ ރަނގަޅު ގޮތެކެވެ.
މާމުއީގައި ހިމެނޭ އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތަކުގެ ސަބަބުން، ގެއްލުން ހުރި ބެކްޓީރިއާތައް ދަތްތަކުން ދުރުކޮށްލަ އެވެ. މާމުއިން ބެކްޓީރިޔާއާ ދެކޮޅަށް ހަނގުރާމަކޮށްގެން، އަނގައިން އުފައްދާ އެސިޑްގެ މިންވަރު މަދުކޮށްދެ އެވެ. އެ އެސިޑް ނެތި ބެކްޓީރިއާއަށް ދެން ޑެކްސްޓްރާންއެއް ނުއުފެއްދޭނެ އެވެ. މިބުނާ އެސިޑަކީ މުހިންމު ގޮތެއްގައި ބެކްޓީރިއާ ދަތުގެ މަތީގައި ޖައްސާލުމަށް އެހީތެރިވެދޭ ފާޑެއްގެ ތެރަހެކެވެ.
މާމުއީގައި ގިނައިން އެކުލެވިގެންވަނީ 'ފޮނި' ކަމުން، އެއީ ދަތްތަކަށް ރަނގަޅު އެއްޗެއް ކަމަށް ދެކިގެން ނުވާނެ އެވެ. ބެކްޓީރިއާ ހަކުރަށް ލޯބިކުރާއިރު، އެއީ މާމުއިން ވިޔަސް ނުވަތަ އެހެން އެއްޗަކުން ކަމަށް ވިޔަސް، 'ފޮނި' (ފޮނި ރަހަ ލިބިދޭ) ބާވަތުން ލިބޭ ހަކަތަ ބޭނުންކޮށްގެން ދަތްތަކުގައި، ކޮބަޑި އުފެދޭލެއް ގިނަވާނެ އެވެ. ބޮޑުވަމުންދާވަރަކަށް ގިނައިން ކޮބަޑި އުފެދެއެވެ.
މާމުޔަކީ ފޮނި ރަހައެއް ހުއްޓަސް އަހަރެމެންގެ ދަތްތަކަށް ހަމަ އެންމެ ރަނގަޅު އެކައްޗެވެ. ދަތް އުނގުޅުމުގެ ކުރިން މާމުއި ފޮދަކުން ހުރިހާ ދަތްތަކުގައި ހޭކުމަށްފަހު ދެން ކޮންމެވެސް ވައްތަރެއްގެ "ކޯލްގެޓް"އަކުން، މާމުއި ހާކާފަ ހުރި ދަތްތައް އުނގުޅާށެވެ.
ވަކި ވައްތަރެއްގެ މާމުއި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް ހުންނަ އެ ދަތްތައް ސާފުކޮށް ކޮބަޑި ފިލުވައިލައެވެ. މާމުޔަކީ އަނގައިގެ ބަލިތަކާ ދެކޮޅަށް ހަނގުރާމަކޮށް ހިރުގަނޑުގެ ބަލިތަކުންވެސް ރައްކާތެރި ކޮށްދޭ އެއްޗެކެވެ. ގުދުރަތުގެ އެންމެ ވަރުގަދަ އެއް އެލިކްސިރުގެ ގޮތުގައި މާމުޔަކީ ހަގީގަތުގައި ވެސް ދަތުގެ ފަރުވާއަށް ގުދުރަތީ ސިއްރު ހަތިޔާރެކެވެ.
ދަތް އުނގުޅާ ބޭހުގެ ކުޑައެތިކޮޅަކާއެކު، ގާތްގަނޑަކަށް 0.5 ސައިސަމުސާ މާމުއި އަނގަޔަށް އަޅައި ދުލުން ބޭނުންކޮށް ދަތްތަކުގެ ވަށައިގެން ހާކާށެވެ. ދެން މަޑުމަޑުން ބުރުހުން އުނގުޅާށެވެ. އަނގައިގެ މަޑު ޓިޝޫ ލޭޝަންތަކަށް: 0.5 ސައިސަމުސާ މާމުއި އަނގައިގެ ވަށައިގެން އެއް މިނެޓް ވަންދެން އުނގުޅާލުމަށްފަހު ދެން އަނގަ ދޮވެލާށެވެ.
އަގުހުރި މައުދަންތައް ގިނަ އަދަދަކަށް ލޮނުގައި ހުރެއެވެ. މި މިނަރަލަކީ ދަތްތައް ވަރުގަދަކޮށް، ހިރުގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން ގަވާއިދުން ލޮނު ބޭނުންކޮށްގެން ދަތް އުނގުޅުމަކީ ދަތްތަކާއި ހިރުގަނޑުގެ ދުޅަހެޔޮކަން ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ ކަމެކެވެ. ލޮނުފެނުން ދަތްތަކަށް ގެއްލުން ވެދާނެ ކަމަށް ބައެއް މީހުން ކަންބޮޑުވެދާނެއެވެ. ލޮނަކީ ފަހަރެއްގައިވެސް ދަތްތަކުގެ ދުޝްމިނެއް ނޫނެވެ. އެއީ އަނގައާއި ކަރުތެރެއާ ދެމެދުގެވެސް އަދި ދަތްތަކާއި ހިރުގަނޑާއި ދުލާއި ތަލީގެވެސް ވަރަށް ގާތް އެކުވެރިއެކެވެ. ލޮނުގައި ހިމެނޭ ސޯޑިއަމް އަކީ މިހުރިހާ ބަޔަކަށްވެސް އެހީވާ ގާތް އެކުވެރިޔެކެވެ.
ލޮނުފެނުގެ ސޮލިއުޝަނެއް ބޭނުންކުރުމުން ބެކްޓީރިއާ މަދުވެ، އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަކޮށް، ކަރުތެރެ ރިއްސުމާއި، ދަތުގައި ރިއްސުމުން ދުރުކޮށްދެއެވެ. ކޮންމެ ދުވަހަކު ދަތްއުނގުޅައި ފްލޮސް ބޭނުން ކޮށްގެން، ކޮބަޑި ޖަމާވެ ބެކްޓީރިއާ ބޮޑުވުން ހުއްޓުވަން ޖެހެ އެވެ. އަހަރަކު ދެފަހަރު ދަތުގެ ޑޮކްޓަރަށް ދައްކަން ޖެހެއެވެ.
އެއްވެސް އެއްޗެއްގެ މާގިނަ މިންވަރަކީ ގެއްލުން ވާނެ ކަމެކެވެ. އެހެންކަމުން ދަތް އުނގުޅުމަށް މާމުޔާއި ލޮނުފަދަ ތަކެތިވެސް ބޭނުން ކުރުމުގައި މަދު މިންވަރަކާއި ހައްދެއް އޮންނަން ޖެހޭނެއެވެ. އެހެން ނޫނީ މާގިނައިން ބޭނުންކޮށްގެން ކޮންމެވެސް ކަހަލަ ނޭދެވޭ އަސަރެއް ނޫނީ ގެއްލުމެއް ވުން ގާތްވެދާނެއެވެ.
މައުލޫމާތު ޗެކްކޮށްދެއްވައި ރަނގަޅުތޯ ބައްލަވައިދެއްވީ "އޮމެގާ ކްލިނިކު"ގެ ޑެންޓަލް ސްޕެޝަލިސްޓް ޑރ. ނަޖާސް އެވެ.