ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ހަވީރު މަސްވެރިންނާ ބައްދަލުކުރައްވައި ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާފައި ކަމަށެވެ. މަސްވެރިންގެ މައިގަނޑު ގޮތެއްގައި ފާހަގަކުރީ ސަރުކާރުން ކަނޑައަޅާފައިވާ ޑިސްކައުންޓް އަގުގައި ތެޔޮ ގަންނަން ނުލިބުމާއި އައިސް ނުލިބުމާއި ބާނާ މަސް ނުކިރި ލަސްވުމުގެ އިތުރުން މަހަށް ރަނގަޅު އަގެއް ނުލިބުމުގެ ޝަކުވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ ތެރެއިން ސަރުކާރުން ދީފައިވާ ސަބްސިޑީގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް އަވަހަށް އެސްޓީއޯއިން ކުރަން ފަށާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިން ބޭނުންވާ ގޮތަށް އެސްޓީއޯއިން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ތިޔަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ތިޔަބޭފުޅުން ބޭނުންވާ ގޮތަށް ޑިސްކައުންޓު ރޭޓުގައި އެސްޓީއޯއީން ތެޔޮ ހަމަޖައްސައިދިނުން، ކްރެޑިޓަށް އެސްޓީއޯއިން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް ބޭންކިން މުއާމަލާތް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވިޔަފާރިވެރިންނަށް މަސްވެރިންނަށް ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރަން ލިބޭ ވަރަށްވުރެ ބޮޑެތި އަދަދުތަކުން މުއާމަލާތް ކުރެވޭނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް އެކަން ހައްލުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންނާމެދު ތަފާތު ކުރުން އެއްވެސް ގޮތަކުން ގެންގުޅެގެން ނުވާނެ ކަމަށާއި މިސަރުކާރަކީ އެއްވެސް ބަޔަކާމެދު ތަފާތު ކުރުން ގެންގުޅޭނެ ސަރުކާރެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު