މިއަންނަ އަހަރު ހުވަދޫ އަތޮޅަށް ހާއްސަ މަސްކިރާ ބޯޓެއް ގެނެސް، އެ އަތޮޅުގެ ފަރު ބިތުގައި ބާއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަސް ގަންނަ ތިން ބޯޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި ހަތަރު ވަނަ ބޯޓެއް ގެނައުމުގެ އެއްބަސްވުން ގާއިމުކުރެވި ވަރަށް އަވަހަށް އެ ބޯޓު ވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ހަތަރު ބޯޓުގައި 730 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އަދި 300 ޓައިމްސް ފްރީޒިން ކެޕޭސިޓީ ހުންނާނެ ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ހަތަރު ބޯޓު ވެސް މިއަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެނެސް ބޭނުން ކުރަން ފަށަން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ހަތަރު ބޯޓުގެ ތެރެއިން 270 ސްޓޯރޭޖް ކެޕޭސިޓީއާ 120 ޓައިމްސް ފްރީޒިން ކެޕޭސިޓީ ބޯޓު އަންނަ އަހަރު ކުރީކޮޅު އިރާދަކުރެއްވިއްޔާ މި ސަރަހައްދުގެ ފަރު ބިތުގައި ބޭއްވުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.
މަސް ގަންނަ ބޯޓެއް ހުވަދޫ އަތޮޅުގައި ބޭއްވުމަކީ ހުވަދޫ އަތޮޅު މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުން ހޯދައިދޭ ވަގުތީ ހައްލެއް ކަމަށާއި ދާއިމީ ގޮތެއްގައި ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ގެންދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އައްޑޫ ސަރަހައްދުން މަސް ބަނާއިގެން ހުވަދު އަތޮޅަށް އަންނައިރު، ހަތް ފީފާ ތެޔޮ އިސްރާފުވާ ކަމަށާއި ކޫއްޑޫއަށް މަސް ކިރަން ދާނަމަ 20 ފީފީ ތެޔޮ އިސްރާފުވާ ކަމަށެވެ. އަދި ކިޔުލައިންގައި ގިނަ ދުވަސްތަކެއް މަޑުކުރަން ޖެހުމުގެ ސަބަބުން ބާނާ މަހުގެ ކޮލިޓީ ދަށްވާ ކަމުގެ ޝަކުވާ މަސްވެރިން އެމަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށެވެ.
ނަމަވެސް މަސް ގަންނަ ބޯޓެއް ހުވަދޫ އަތޮޅުގެ ފަރުބިތުގައި ބޭއްވުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު