އިލެކްޝަން ކޮމިޝަން (އީސީ) އިން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން ނިންމައިފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މިރޭ ވިދާޅުވީ، ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ޑީއާރްޕީގައި މެމްބަރުން ނެތުމުން އުވާލާނެކަން އަންގައި ތިން މަސް ދުވަހުގެ ނޯޓިސް ފޮނުވައި މެމްބަރުން އަދަދު ހަމަކުރަން އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތިން މަސް ދުވަސް ވެގެން ދިޔައިރު ވެސް ޑީއާރްޕީއަށް މެމްބަރުން ހަމަކުރެވިފައިނުވާތީ، އެ ޕާޓީން އުވާލަން ނިންމާފައިވާ ކަމަށެވެ.

"3،000 މެމްބަރުން ހަމަވެފައިނެތީމާ އަޅުގަނޑުމެން ވަނީ ނޯޓިސް ފޮނުވާފައި. ތިން މަސް ދުވަހުގެ ތެރޭގައި ހަމަކުރަން އެކަމަކު މެމްބަރުން ހަމަކުރެވިފައިނުވާތީ މިހާރު ވަނީ ޕާޓީ އުވާލަން ނިންމާފައި،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މެމްބަރުން ހަމަކުރަން ތިން މަހަށްވުރެ އިތުރަށް ދިނުމަށް ގާނޫނު ޖަގާ ނުދޭ ކަމަށެވެ. އެހެންކަމުން އީސީން ދެން ކުރިއަށް ގެންދާނީ ޕާޓީ އުވާލުމުގެ މަރުހަލާ ކަމަށާއި އެކަން ކުރުމަށް އީސީގެ ލީގަލް ބިއުރޯއާ މަޝްވަރާ ފަށާފައިވާ ކަމަށެވެ.

އީސީން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ޑީއާރްޕީ އުވާލާނެކަމުގެ ނޯޓިސް އެ ޕާޓީއަށް ފޮނުވައިފައެވެ. އެ ފަހަރު އީސީން ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށް ވެސް ނޯޓިސް ފޮނުވައިފައެވެ. އެ ހުރިހާ ޕާޓީތަކަށް އީސީން އެންގީ ތިން މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުން ހަމަކުރުމަށެވެ. އެ ފަހަރު އެމްއެލްއެސްޑީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަނީ މެމްބަރުން ހަމަކޮށް އެކަމުގެ ލިޔުން އީސީން ހޯދައިފައެވެ.

ފުއާދު މިރޭ ވިދާޅުވީ، އަހަރަކު ދެ ފަހަރު އީސީން މެމްބަރުންގެ އަދަދު ހަމަވޭތޯ ބަލާނެ ކަމަށާއި އެގޮތުން އެންމެފަހުން ބެލިފަހަރު ޑީއާރްޕީގައި މެމްބަރުން ހަމަނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރަކު ދެ ފަހަރު އީސީން ބަލާނެ މެމްބަރުންގެ އަދަދު ހަމަވޭތޯ. ކުރިން ފަހަރު ނޯޓިސްއާ ގުޅިގެން ޑީއާރްޕީން ވަނީ މެމްބަރުން ހަމަކޮށްފައި. އެކަމަކު އެއަށްފަހު އަލުން އީސީން ބެލިއިރު މެމްބަރުން ހަމަވެފައިނެތް،" ފުއާދު ވިދާޅުވިއެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހާ ހަމަޔަށް ޑީއާރްޕީގެ މެމްބަރުންގެ އަދަދަކީ 2،681 އެވެ.

ޑީއާރްޕީއަކީ 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ރަޖިސްޓްރީކުރި ޕާޓީއެކެވެ. އެ ޕާޓީގެ ފުރަތަމަ ލީޑަރަކީ މިހާރު އެމްއާރްއެމްގެ ޒައީމްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްއެވެ. 2008 ވަނަ އަހަރު މައުމޫން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރި އިރު، ރަނިން މޭޓަކީ ޑީއާރްޕީގެ އެއިރުގެ ނައިބު ޒައީމް ތަސްމީން އަލީއެވެ.

ދެހާސް ދިހަ ވަނަ އަހަރު ބޭއްވި ޑީއާރްޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރަކަށް އިންތިހާބު ކޮށްފައިވަނީ ތަސްމީނެވެ. އެއަށްފަހު އެ ޕާޓީގެ ތެރޭގައި މައުމޫން އާއި ތަސްމީނުގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އުފެދުމުގެ ސަބަބުން މައުމޫން ވަނީ ޕީޕީއެމް އުފައްދަވައިފައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ތަސްމީން ވެސް ވަނީ ޑީއާރްޕީން ވަކިވެވަޑައިގެންފައެވެ. ތަސްމީނަށްފަހު ޑީއާރްޕީގެ ލީޑަރުގެ މަގަމާވާ ހަވާލުވެވަޑައިގަތީ ކާނަލް މުހައްމަދު ނަޝީދުއެވެ.

ޑީއާރްޕީން 2019 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރުގެ މަގާމު ވަނީ ކާށީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރާ ހަވާލުކޮށްފައެވެ. އަދިވެސް އެ މަގާމުގައި ހުންނެވީ ޖަބީރެވެ.