ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއްކަމުގައިވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް، ދީނުގެ ނަމުގައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން ގެންދާކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރު ކުރި ސ. މަރަދޫފޭދޫ، އާޒާ، ހުމައްމަދު ގައިސްއާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތިގެން ހައިކޯޓުން އޭނާ މިއަދު މިނިވަންކޮށްފިއެވެ.
މި މައްސަލައިގައި ހިމެނޭ ގައިސް އަކީ ފުލުހުންނާއި ސިފައިން ގުޅިގެން ހުސްވި ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ހިންގި ހާއްސަ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި 14 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ ހުސްވި ނޮވެމްބަރު މަހުގެ 11 ގައެވެ.
ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން އައްޑޫ ސިޓީގެ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ޝަރީއަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރިއެވެ.
އެކަމާ ގުޅިގެން ގައިސްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި އޭނާ އެދިފައި ވަނީ، އޭނާ ބަންދު ކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށާއި ހާއްސަ ގާނޫނަކުން ބަންދުކުރެވޭނެ ހާލަތު އޮތްއިރު އާއްމު ގާނޫނަކުން އޭނާ ބަންދު ކުރުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ބާތިލު އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށާއި އޭނާގެ ގެ ބަލައިފާސްކުރުމުގައި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ގައިސްއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެތްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެ ރިޕޯޓުގައި ހުރި ވާހަކަތަކަށް ބުރަދަނެއް ލިބޭ އިތުރު ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.
ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް މީހަކު ބަންދު ކުރެވޭނީ ގާނޫނުގައި ބުނާ ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށާއި އެއަށް ބާރު ދޭ އިތުރު ހެކި ގަރީނާ ހުރެގެން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ގައިސްގެ މައްޗަށް ހުށަހަޅާފައިވާ މި މައްސަލައިގައި ކަންކަން ފުރިހަމަ ނުވާތީ އޭނާ ބަންދުކުރުން ގޯސް ކަމަށް ވެސް ހުކުމުގައިވެއެވެ.
މި މައްސަލައިގައި ގައިސްއަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށާއި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތް ކަމަށް ދަށު ކޯޓުން ނިންމާފައި ވަނީ ހެއްކަށް ބުރަދަން ދިނުމަށްޓަކައި ގާނޫނެއްގައި ކަނޑައެޅިފައިވާ ޝަރުތުތަކަށް ރިއާޔަތްކުރުމެއް ނެތި އެ ޝަރުތު ހަމަނުވާ ހެއްކަކަށް އެމިންގަނޑުގައި ބުރަދަން ދީގެން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ގައިސް ބަންދުގައި ބެހެއްޓުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅާ ކަމަށާއި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅުއްވާ ކަމަށް ހުކުމުގައިވެއެވެ.
ހައި ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑީޔާރުގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފަރުހީޒާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު