ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ފަނޑިޔާރު މަހާޒުގެ ހުށަހެޅުއްވުމެއް ލިބިފައިނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދަނީ، ހަސްމަކާ ގާތްގުޅުމެއް އޮތް ފަރާތަކުން ފޮނުވި މެންދުރުގެ ފަރީއްކޮޅަކާ ހަވާލުވެލައްވައި، ފަރީއްކުޅުވި މައްސަލައެވެ. އެނގިފައިވާ ގޮތުގައި މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެވަޑައިގަތް ދުވަހު ހުކުމް އިއްވުމަށްފަހު އެ ކޯޓުގައި އޮތް މެންދުުރުގެ ފަރިއްކޮޅެއްގެ މައްސަލައެވެ. އެ މައްސަލަ ބެއްލެވި ބެންޗުގައި ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފަނޑިޔާރު މަހާޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ދުވަހު އޯޑަރު ކޮށްގެން ކާ އެއްޗެހި ގެންނެވީ އަމިއްލަ ހަރަދުގައި ކަމަށާއި އެއަށް ފައިސާ ދެއްކި ސްލިޕްވެސް އެބަ އޮތް ކަމަށާއި އެއީ ހިލޭ ނުވަތަ ނުއަގުގައި ގެނައި ކެއުމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ހުޅުވާލައިގެން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައިވެއެވެ.
އެފަދަ ހުށަހެޅުމެއް ލިބިފައިވޭތޯ ޖޭއެސްސީގެ ތަރުޖަމާނު އިޒްމީރާ ޝިހާމްއާ "ވަން" އިން ސުވާލުކުރުމުން ވިދާޅުވީ، އެފަދަ ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ.
ޖޭއެސްސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ފަނޑިޔާރު މަހާޒަށް އެންގުމުން އެކަމަށް އެއްބާރުލުން ދެއްވާފައެއްނުވެއެވެ. އަދި އެ ދުވަހު ފަރިއްކޮޅެއް އޮތް ކަމަށް ވިދާޅުވުން ފިޔަވައި ފަނޑިޔާރު މަހާޒުގެ ފަރާތުން އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައިނުވާ ކަމަށް ބުނެފައިވެއެވެ.
"ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވެ. އަދި އޭރު އެމައުލޫމާތު ފަނޑިޔާރު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ މިކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުންކަން ފާހަގަކުރަން،" ޖޭއެސްސީން ބުނެފައިވެއެވެ.
ފަނޑިޔާރު މަހާޒް މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ހާޒިރުކޮށް އެ ފަރިއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށާއި މުވައްޒަފުން ކޮމިޝަނަށް ދިން މައުލޫމާތުން އެ ފަރީއްކޮޅާ މެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
މަނީލޯންޑްރިންގެ ތުހުމަތުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވީ ތަހުގީގުގައި ހުރި ގޯސްތަކާ ހެދި ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގައެވެ.