ޚަބަރު

އޯއޭސީޕީއެސްގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރަން ރާއްޖޭން އެހީވާނެ: ޝާހިދު

މުހައްމަދު އިޝާން

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ މެމްބަރު ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އޯއޭސީޕީއެސްގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ސަމިޓުގައި އިއްޔެ ޝާހިދު ދެއްވި ބަޔާނުގައި ވިދާޅުވީ ޖިއޮގްރަފީ ގޮތުން އޯއޭސީޕީއެސްގެ ގައުމުތައް ރާއްޖެއާ ދުރުގައި ވިޔަސް އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކާއި ރާއްޖެއާ ގުޅިފައިވަނީ އެއްގޮތް އަސާސްތަކެއްގެ މައްޗަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށް އޯއޭސީޕީއެސްގެ މަސައްކަތަށް ފުރިހަމައަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ތާއިދުކޮށް އޯއޭސީޕީއެސްއިން ދިން އެއްބާރުލުމަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އޯއޭސީޕީއެސްގެ މެމްބަރު ގައުމަކަށް ރާއްޖެވީ އެ ޖަމިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކުގެ އިއްތިފާގުންނެވެ. "ތީމް" ޝިއާރުގެ ދަށުން ބާއްވާ އޯއޭސީޕީއެސްގެ އެންމެ އިސްވެރިންގެ 10 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.