މިދިޔަ މަހު އާމްދަނީގެ ގޮތުގައި 1.51 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަމަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 20.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 43.7 ޕަސަންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހު މީރާއަށް ޖުމްލަ 1.51 ބިލިއަން ރުފިޔާ ބަލައިގެންފައިވާ އިރު، އޭގެ ތެރޭގައި 63.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އެއީ ޓެކުހުން ލިބުނު 42 މިލިއަން ޑޮލަރާއި ޓެކްސް ނޫން އާމްދަނީއަށް ލިބުނު 20 މިލިއަން ޑޮލަރެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ މިދިޔަ މަހު ލިބުނު އާމްދަނީގެ 52.3 ޕަސެންޓެވެ. ފައިސާއިން ބަލާނަމަ އެއީ 787 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީން ލިބުނު އާމްދަނީގެ އަދަދު އެކަނިވެސް 507 މިލިއަން ރުފިޔާއަށް އަރައެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައެވެ. އެގޮތުން އެކްސްޓެންޝަން ފީގެ ގޮތުގައި 2230.3 މިލިއަން ރުފިޔާ ބަލައިގެންފައިވާ އިރު، އިންކަމް ޓެކުހަށް 145.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 76.2 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 71.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީ އަށް ބަލާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 73.3 މިލިއަން ރުފިޔާ، ވޯކްޕާމިޓް ފީއަށް 51.1 މިލިއަން ރުފިޔާ، އެކިއެކި ޖޫރިމަނާތަކަށް 15.1 މިލިއަން ރުފިޔާ، ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތުކުގެ ކުއްޔަށް 10.6 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ނޫން ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔަށް 11.2 މިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު