ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަންގެ ނައިބަކަށް ރާއްޖޭގެ އިއްބެ

ބޮޑީބިލްޑިންގެ ދުނިޔޭގެ މައި އިދާރާ، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް)ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އިންތިހާބުކޮށްފިއެވެ.

އިއްބެ އެމަގާމަށް އިންތިހާބު ކޮށްފައި ވަނީ ތައިލެންޑްގެ ފުކެޓްގައި ކުރިއަށް ދިޔަ ޑަބްލިއުބީޕީއެފްގެ އާންމު އިންތިހާބުގައެވެ. އެ އިންތިހާބު ކުރިއަށް ގެންގޮސްފައި ވަނީ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ތެރެއިން ކުރިއަށްދިޔަ ޑަބްލިއުބީޕީއެފްގެ އާންމު ޖަލްސާގެ ތެރެއިންނެވެ. އިއްބެގެ އިތުރުން ނައިބު ރައީސަކަށް ދެން ވާދަކޮށްފައި ވަނީ އިރާންގެ އާމިރެވެ.

ރާއްޖޭގެ ބޮޑީބިލްޑިން ކުރިއަރުވަން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައި އިއްބެ އަކީ 2019 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބުގެ މަގާމަށް ވެސް އިންތިހާބުވެވަޑައިގެންފައިވާ ފަރާތެކެވެ. ބައިނަލްއަގުވާމީ ފަނޑިޔާރެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ އިއްބެ ވަނީ ވޯލްޑް ޗެމްޕިއަންޝިޕް، އޭޝިއަން ޗެމްޕިއަންޝިޕް، ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގެ އިތުރުން ފާއިތުވި އަހަރު ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސްގައިވެސް ފަނޑިޔާރުކަން ކުރައްވައިފައެވެ.

އިއްބެގެ މޭސްތެރިކަމުގެ ދަށުގައި ރާއްޖޭގައި ދާދިފަހުން ވަނީ ބޮޑީބިލްޑިން އޭޝިއާ ޗެމްޕިއަންޝިޕްވެސް ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. އެ މަސައްކަތްތަކަށް ދުނިޔޭގެ ފެޑަރޭޝަންގެ ތައުރީފުވެސް ލިބިފައިވެއެވެ.

ޑަބްލިއުބީޕީއެފްގެ އޮނިގަނޑުގެ އުސޫލު އޮންނަ ގޮތުން ހަތް ބޭފުޅަކު ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނެއެވެ. ނައިބު ރައީސުންނަށް ސްލޮޓްތައް ހަމަޖައްސާފައި ވަނީ އެކިއެކި ރީޖަންތަކަށް ބަހާލައިގެންނެވެ. އެގޮތުން އެފްރިކާ، އޭޝިއާގެ އިތުރުން ޔޫރަޕް، މެދުއިރުމަތި، ދެކުނު އެމެރިކާ، އޯޝެނިއާ އަދި ޔޫއެސްއޭ އާއި ކެނެޑާއަށް ހާއްސަ ނައިބު ރައީސުން ޑަބްލިއުބީޕީއެފްގައި ތިއްބަވައެވެ.