ތައިލެންޑުގައި މިހާރު ކުރިއަށްދާ "ދަ ތައި ސިލްކް ފެޝަން ވީކް" ގައި ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު، އެކްޓަރު އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު)ގެ 'ޖާދޫ' ބްރޭންޑުގެ ލިޔެލާޖެހުން ޑިޒައިންގެ ހެދުންތައް ދައްކާލައިފިއެވެ
ބެންކޮކްގެ ސިއާމް ޕެރަގަންގައި ކުރިއަށްދާ "ދަ ތައި ސިލްކް ފެޝަން ވީކް" އަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގެ 65 ފެޝަން ޑިޒައިނަރުންގެ ޑިޒައިންތައް ހުށަހަޅާ މުބާރާތެކެވެ. މި މުބާރާތުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު ޑިޒައިން ހޮވަނީ، އެ ޑިޒައިނަރެއްގެ ހެދުންތައް ދައްކާލާ ވީޑިއޯއަށް ލިބޭ ވިއުސްއިންނެވެ.
މި މުބާރާތުގައި ޖާދުގެ ފަރާތުން ވަނީ ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ކަސަބު ބޯވަޅު އެޅި ލިބާހުގެ މުޅިން އަމިއްލަ ފަސް ޑިޒައިނެއް ފަރުމާކޮށް، ދައްކާލައިފައެވެ. އަދި އެތައް ބަޔަކާ ވާދަކޮށްގެން ޖާދުއަށް ވަނީ މުބާރާތުގެ ހަތަރުވަނަ ހޯދައިފައެވެ.
މި ދަތުރުގައި ޖާދުގެ އެހީތެރިއެއްގެ ގޮތުން ހަރަކާތްތެރިވަނީ އެކްޓަރު، މޭކަޕް އާޓިސްޓް އަދި ފެޝަން ޑިޒައިނަރު އިސްމާއީލް ޖުމައިހް (ޖުމާ) އެވެ. އޭގެ އިތުރުން އާޝާއާއި ފިލްމީ އެހެން ފަންނާނުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ޖާދު ފާހަގަކުރެއެވެ.
ޖާދު ވަނީ، މިފަދަ ވަރުގަދަ، ބޮޑު މުބާރާތެއްގައި އަމިއްލަ ޑިޒައިންތަކުން ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ލިބުމުން ދިވެހި ސަރުކާރަށްވެސް ޝުކުރުއަދާކޮށްފައެވެ.
"ފަހު ވަގުތާ ޖެހެން ދެންވެސް އަޅުގަނޑު މަސައްކަތް ކުރާނީ ލޮބުވެތި ދިވެހި ދަރިންނާއި ގައުމުގެ ރިވެތި ނަން ދެމެހެއްޓުމަށް، މި މަސައްކަތުގައި ގައުމު ފަހުރުވެރިވާނެ ފަދަ ކާމިޔާބެއް ހޯދުމަށްޓަކައި ހިތްވަރާއި ސާބިތުކަމާއެކީ އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން. އިރާދަކުރެއްވިއްޔާ އެންމެންވެސް އެދޭފަދަ އުފާވެރި ހަބަރަކާއެކީ ރާއްޖެ އެނބުރި އަންނާނީ." ޖާދު "ވަން" އަށް ބުންޏެވެ.
މި މުބާރާތާއެކު ނެރޭ ފެޝަން ވީކް ފޮތުގައި މުބާރާތުގައި ބައިވެރިވި ޑިޒައިންތަކުގެ ތެރެއިން އެންމެ ރީތި 12 ޑިޒައިނެއް ހިމެނުމެއް ވަނީ ނިންމައިފައެވެ. ނަމަވެސް އެކަން އެނގޭނީ އަންނަ އާދީއްތަ ދުވަހު މުބާރާތުގެ ނަތީޖާ އިއުލާން ކުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު