ޚަބަރު

ޖޫރިމަނާ ނުދައްކާ މީހުންގެ އަދަބު ބޮޑުކުރަން ހުށަހަޅަނީ ސުޕްރީމް ކޯޓުން އެކަން ލާޒިމުކުރާތީ: ޕީޖީ

ޖޫރިމަނާ ނުދައްކާ މީހުންގެ އަދަބު މުރާޖައަކުރަން ނުވަތަ ބޮޑުކުރަން ހުށަހަޅަނީ ސުޕްރީމް ކޯޓުގެ ގަވާއިދުގައި އެކަމަށް ލާޒިމުކުރާތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމު އެހެން ވިދާޅުވީ ގާނޫނުގައި މިހާރު އޮތް ޖޫރިމަނާގެ އަދަބުގެ އަސްލު ތަބީއަތާއި ޖޫރިމަނާގެ ފައިސާ ނުދެއްކުމުން ވާނެ ގޮތް ކަމަށް ގާނޫނާއި ގަވާއިދުގައި އޮތް ގޮތާ ގުޅޭ ގޮތުން އޭނާގެ ބުލޮގުގައި ޝާއިއު ކުރެއްވި ލިޔުއްވުމެއްގައެވެ.

ޝަމީމު ވިދާޅުވީ، އަދަބާ ގުޅޭ ހުރިހާ ވާހަކައެއް އޮތީ ގާނޫނުލްއުގޫބާތުގެ ތިންވަނަ ބައިގައި ކަމަށާއި އެ ބައިގައިވާ ގޮތު އަސްލު އަދަބަކީ ޖަލު އަދަބެއް ކަމަށެވެ. ނަމަވެސް އަސްލަކީ ޖަލު އަދަބު ކަމަށް ކަނޑައެޅުމަށްފަހު، އެ ގާނޫނުގެ 1005 ވަނަ މާއްދާގައި ޖަލު އަދަބު އެހެން އަދަބުތަކަށް ބަދަލުކުރެވޭ ގޮތާއި މިންވަރުތައް ކިޔައިދީފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޖަލު އަދަބު ފިޔަވައި ގާނޫނު ދަންނަ އަދަބުތަކަކީ ގޭ ބަންދުކުރުމާއި މުޖުތަމައަށް ހިދުމަތްކުރުމާއި ޖޫރިމަނާއާއި އުޅޭނޫޅޭގޮތް ބެލުމާއި ޕްރޮބޭޝަންކަން ފާހަގަކުރެއްވިއެވެ.

ޝަމީމު ވިދާޅުވީ، ކުށެއް ކުރާ ކޮންމެ މީހަކު ޖަލަށްލުމުގެ ބަދަލުގައި އެ މީހަކު އިސްލާހުވާން އެކަށީގެންވާ އެހެން އަދަބެއް ދެވޭނޭ ގޮތަކަށް ގާނޫނުން ތަންދޭ ކަމަށެވެ. ގާނޫނުލްއުގޫބާތުގައި އެ އުސޫލުތައް 2015 ވަނަ އަހަރު ތައާރަފުކުރި ނަމަވެސް އެއާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިނުވާ ކަމަށާއި އެހެންވެ އަދަބު ބަދަލުކުރުމުގެ ކަންތައް އޮތީ އެއްގޮތަކަށްވެސް ނުހިނގާ ކަމަށް ވިދާޅުވިއެވެ.

އެހެން އޮއްވައި 1 ޖުލައި 2021 ވަނަ ދުވަހު، "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ސުޕްރީމް ކޯޓުން އެ ގަވާއިދު ހަދާފައިވާއިރު، އެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ ޝާއިއުކުރިތާ 60 ދުވަސް ފަހުން، 29 އޮގަސްޓު 2021 ދުވަހު ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖަލަށްލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒުކުރުމަށް ތަންފީޒީ އިދާރާއަށް ކުށްވެރިޔާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ، އަދަބު ތަންފީޒު ނުކުރެވުނު ކަމަށް ތަންފީޒު އިދާރާގެ ވެރިޔަކު ނިންމައި، އެ ނިންމުން ނިންމާތާ 15 ދުވަހުގެ ތެރޭގައި އެ ނިންމުމާއި އެ ނިންމުމާ ގުޅުންހުރި އެންމެހާ ލިޔުންތައް ޕީޖީ އޮފީހަށް ފޮނުވަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުގެ މަތިން ތަންފީޒު އިދާރާގެ ވެރިމީހާގެ ނިންމުން ލިބޭތާ 30 ދުވަހުގެ ތެރޭގައި، އުސޫލުގެ ޖަދުވަލް 1 ގައި އޮތް ފޯމު ފުރައި، އެ މައްސަލައެއް ނިންމި ކޯޓަށް ހުށަހަޅަންޖެހޭކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ، ތަންފީޒު އިދާރާގެ ވެރިޔާގެ ނިންމުން ލިބުމާއެކު، އުސޫލުގައި އޮތް މުއްދަތުގެ ތެރޭގައި އަދަބު މުރާޖައާކުރަން ހުށަހެޅުމަކީ ޕީޖީގެ އިހުތިޔާރެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ގާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫނެވެ. އަދަބު ތަންފީޒުވާކަން ކަށަވަރުކުރާން އޮތް މަގަކީ، ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަތައް މުރާޖައާކުރަން ހުށަހަޅަންޖެހޭ ގޮތަށް އޮންނަ އޮތުމެވެ. މުރާޖައާ ކުރީމާ ނުކުންނާނެ ނަތީޖާއަކީ ޖޫރިމަނާގެ އަދަބަށް އެއްބާރުލުން ނުދީ، ޖޫރިމަނާ ނުދައްކާ މީހުން، އަސްލު އަދަބު ކަމުގައިވާ ޖަލު އަދަބަށް ބަދަލުކުރުމެވެ. ނުވަތަ އެ މީހަކާ އެކަށީގެންވާ އެހެން އަދަބަކަށް ބަދަލުކުރުމެވެ." ޝަމީމު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަދަބު ބަދަލުކުރެވެނީ ހަމައެކަނި ގާނޫނުލްއުގޫބާތުގައި އަދަބު ކަނޑައެޅިފައިވާ ކުށްތަކަށް ކަމަށާއި ހާއްސަ ގާނޫނުގައި ހިމެނޭ ކުށްތަކަށް އަދަބު ބަދަލު ނުކުރެވޭނެ ކަމަށެވެ.