ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އެންގޯލާއަށްފުރާވަޑައިގެންފިއެވެ.

އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ "ތިން ބައްރުގެ / ތިން ކަނޑުގެ / އެއް މަންޒިލަށް: އޯއޭސީޕީއެސް މިހާރަށްވުރެ ދެމެހެއްޓެނިވި، އަދި ވިލުންވެރިކަމާ ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.

ރައީސް އޮފީހުން މިރޭ ބުނީ އޯއޭސީޕީއެސްގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރު އަބްދުالله ޝާހިދު އެންގޯލާއަށް ފުރާވަޑައިގެންފައިވަނީ މިރޭ ކަމަށެވެ. މިނިސްޓަރު ޝާހިދުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ސަމިޓުގައި ބައިވެރިވާ ގައުމުތަކުގެ އިސްވެރިން އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރަކަން ވުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށައެޅުން ގަބޫލުކޮށް އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ދޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ޖަމިއްޔާގެ އޮބްޒާވަރެއްގެ ހައިސިއްޔަތު ރާއްޖެއަށް ލިބިފައިވެއެވެ. ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27 އިން 28 އަށް ބޭއްވި އެ ޖަމިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކުން ވަނީ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.